ނިމިދިޔަ 2023ވަނަ އަހަރު އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިފައިވާ ނަމަވެސް، ކު އެ ކުންފުންޏަށް ލިބުނު ފައިދާ ދަށްވެފައިވާ ކަމަށް އެމްޓީސީސީގެ 2023ގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ.
މިއީ އެ ކުންފުނީގެ ތާރީޚުގައި ވެސް މިހާތަނަށް އަހަރެއްގެ މައްޗަށް ލިބުނު އެންމެ ބޮޑު އާމްދަނީއެވެ.
އެމްޓީސީސީއަށް 2022ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.47 ބިލިއަން ރުފިޔާއެވެ. އެހެންކަމުން 2023ވަނަ އަހަރު އެ ކުންފުނީގެ އާމްދަނީ ވަނީ 30 އިންސައްތަ އިތުރުވެފައެވެ. އަހަރީ ރިޕޯޓުގައިވާ ގޮތުން 2020އިން ފެށިގެން 2023ގެ ނިޔަލަށް، އަހަރަކަށްވުރެ އަހަރެއް، އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އެމްޓީސީސީން ބުނެފައިވަނީ މިދިޔަ އަހަރުގެ އާމްދަނީ އިތުރުވި ސަބަބެއް ކަމަށް ފާހަގަކުރެވުނީ އެ ކުންފުނިން ހިންގި ކޮންސްޓްރަކްޝަން އަދި ޑްރެޖިންގެ މަޝްރޫއުތަކުގެ އަދަދު އިތުރުވުން ކަމަށެވެ.
މަޝްރޫއުތަކުން 2023ވަނަ އަހަރު ލިބިފައިވާ އާމްދަނީ:
- ކޮންސްޓްރަކްޝަން އަދި ޑްރެޖިން: 2.7 ބިލިއަން ރުފިޔާ
- ޓްރޭޑިން: 284 މިލިއަން ރުފިޔާ
- ދަތުރުފަތުރު: 145 މިލިއަން ރުފިޔާ
- ރިއަލް އެސްޓޭޓް: 0
- އެހެނިހެން: 21 މިލިއަން ރުފިޔާ
އެ ކުންފުނީގެ އާމްދަނީގެ 85.98 އިންސައްތައަކީ ކޮންސްޓްރަކްޝަން އަދި ޑްރެޖިންގެ މަޝްރޫއުތަކުން ލިބިފައިވާ ފައިސާއެވެ. ޓްރޭޑިންގެ ގޮތުގައި ލިބިފައިވަނީ ޖުމްލަ އާމްދަނީގެ 8.86 އިންސައްތައެވެ. ދަތުރުފަތުރުގެ ޚިދުމަތުން ޖުމްލަ އާމްދަނީއަށް 4.53 އިންސައްތަ ލިބިފައިވާއިރު، އެހެނިހެން ޚިދުމަތްތަކުން ލިބިފައިވަނީ ޖުމްލަ އާމްދަނީގެ 0.65 އިންސައްތަ ކަމަށް އަހަރީ ރިޕޯޓުގައި ވެއެވެ.
މިދިޔަ އަހަރު އެމްޓީސީސީގެ ހިންގުމުގެ ޚަރަދުގެ ގޮތުގައި 162 މިލިއަން ރުފިޔާވަނީ ހޭދަކޮށްފައެވެ. އެއީ 2019އިން ފެށިގެން ބަލާއިރު، ވަރަށް ބޮޑު އިތުރުވުމެކެވެ. އެގޮތުން 2022ވަނަ އަހަރު އެ ކުންފުނިން ހިންގުމުގެ ޚަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ 95 މިލިއަން ރުފިޔާއެވެ. އެހެން ކަމުން މިދިޔަ އަހަރު ކުންފުނި ހިންގުމުގެ ޚަރަދުވަނީ 61 އިންސައްތަ އިތުރުވެފައެވެ.
ޓެކްސް ފައިސާއަށް ކެނޑުމަށް ފަހު، ފައިދާގެ ގޮތުގައި އެ ކުންފުންޏަށް މިދިޔަ އަހަރު ލިބިފައިވަނީ 97 މިލިއަން ރުފިޔާއެވެ. އަހަރީ ރިޕޯޓުގައިވާ މައުލޫމާތަށް ބަލާއިރު 2022ވަނަ އަހަރު ފައިދާގެ ގޮތުގައި 196 މިލިއަން ރުފިޔާ ލިބުނެވެ.
އެހެންކަމުން މިދިޔަ އަހަރު އެ ކުންފުނީގެ ފައިދާވަނީ 50 އިންސައްތަ ދަށްވެފައެވެ.
އެމްޓީސީސީއަކީ ސަރުކާރުގެ 64.20 ޕަސެންޓް ހިއްސާ އާއި މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑްގެ 4.65 ޕަސެންޓް ހިއްސާ އަދި އާންމުންގެ 31.15 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ.