އިންޑިއާއާއެކު ކުރީ ސަރުކާރުން ވީ އެއްބަސްވުންތަކެއްގެ މައްސަލަ މަޖިލީހުން ބަލަނީ

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ 2 ވަނަ ބައްދަލުވުމުގެ ތެރެއިން: ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ 3 ވަނަ ބައްދަލުވުމުގައި ވަނީ އިންޑިއާއާއެކު ކުރީ ސަރުކާރުން ވީ އެއްބަސްވުންތަކެއްގެ މައްސަލަ ބަލަން ނިންމައިފައި-- ފޮޓޯ: މަޖިލިސް

އިންޑިއާއާއެކު ކުރީ ސަރުކާރުން ވީ އެއްބަސްވުންތަކެއްގެ މައްސަލަ ބަލަން 20ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއިން ފާސްކޮށްފިއެވެ.

ކުރީ ސަރުކާރުން އިންޑިއާ ސަރުކާރާއިއެކު ވެފައިވަ އެއްބަސްވުންތަކުގެ މައްސަލަ ބަލަން މިއަދު ކޮމިޓީއަށް ހުށަހެޅީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާނެވެ. އަޒާން ވަނީ ތިން މައްސަލައެއް ބެލުމަށް ކޮމިޓީއަށް ހުށަހަޅައިފައެވެ.

އޭގެ ތެރޭގައި ފުރަތަމަ މައްސަލަ އަކަށް އަޒާން ހުށަހެޅީ ރާއްޖެއާއި އިންޑިއާގެ ސަރުކާރާ ދެމެދު ވެފައި އޮތް ހައިޑްރޯގްރަފީ އެއްބަސްވުމުގެ މައްސަލައެވެ.

އޭނާ ވިދާޅުވީ މި އެއްބަސްވުމަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމަށް ނިންމައި ސޮއިނުކޮށް އޮތް އެއްބަސްވުމެއް ކަމަށެވެ. އަދި މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައިކަން ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

އޭނާ ވަނީ މި ކަމުގައި އެމްއެންޑީއެފްގެ ވިސްނުން ބަދަލުވީ ކިހިނެއްތޯ ބަލަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

އަދި ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލަށް އަސަރު ކުރާނެ ފަދަ ކަމެއްކަމަށް ބުނެ ކުރިން ސޮއި ނުކޮށް އޮތް އެއްބަސްވުމެއްގައި ފަހުން ސޮއިކުރަން މެދުވެރިވީ ކީއްވެތޯ ބަލަން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މި ސަރުކާރުން އެ އެއްބަސްވުން އިތުރަށް އާ ނުކުރަން ނިންމި ނިންމުމުން ވެސް އެއީ ގޯސް ވިސްނުމެއްކަން އެނގޭ ކަމަށް އޭނާ ބުނެފައިވެއެވެ.

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ 2 ވަނަ ބައްދަލުވުމުގެ ތެރެއިން: ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ 3 ވަނަ ބައްދަލުވުމުގައި ވަނީ އިންޑިއާއާއެކު ކުރީ ސަރުކާރުން ވީ އެއްބަސްވުންތަކެއްގެ މައްސަލަ ބަލަން ނިންމައިފައި-- ފޮޓޯ: މަޖިލިސް

މީގެ އިތުރުން އޭނާ ވަނީ އުތުރު ތިލަފަޅުގައި ބިނާކުރާ ބަނދަރުގެ ވާހަކަ ފާހަގަ ކުރައްވައިފައެވެ. އޭނާ ވިދާޅުވީ އެ އެއްބަސްވުމުގައި ކަންބޮޑުވާން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހިމެނިފައިވާ ކަމަށެވެ.

އަޒާން ވިދާޅުވީ އެ އެއްބަސްވުމަށް އޭރުގެ ސަރުކާރުން ވާސިލުވީ ގޮތާއި، އެ ޕްރޮސެސް ކުރިއަށް ދިޔަ ގޮތް ބަލަން ބޭނުންވާ ކަމަށެވެ. އަދި އެފަދަ އެއްބަސްވުމެއްވާއިރު ރާއްޖޭގެ އިސް ޖެނެރަލުންގެ ޚިޔާލު ހޯދަން ޖެހޭނެ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި އޭރު ދިފާއީ ބާރުގައި ތިބި މީހުންނަށް ވެސް އެ އެއްބަސްވުން ފެނިފައިނުވާކަމަށް އަޒާން ވިދާޅުވިއެވެ.

"އެއްބަސްވުމުގެ ދަށުން އެތަން މެއިންޓެއިން ކުރުމުގެ ނަމުގައި އިންޑިއާގެ ފަރާތްތަކަށް 15 އަހަރު ދުވަހަށް އެތާ ތިބެވޭނެ ކަމަށް މީގެ ކުރިން ގައުމީ ދިފާއީ ބާރުގެ ވެރިން ވިދާޅުވެފައި އެބަ ވޭ. މިއީ ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލަށް އަސަރު ކުރާނެ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ،" އަޒާން ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން އެ އެއްބަސްވުން އުވާލުމުގެ މަސައްކަތް މިހާރު ވެސް ކުރެވެމުންދާކަން އޭނާވަނީ ފާހަގަ ކުރައްވައިފައެވެ.

"މީގެ ބޭނުމަކީ ކުރިން ތިބި ބަޔެއްގެ މައްސަލަ ބަލައި އެ މީހުން ފަޟީހަތް ކުރުމެއް ނޫން. އަޅުގަނޑުމެންގެ އެންމެ ބޮޑު ޒިންމާއަކީ ފަހުން ވެސް މިފަދަ އެއްބަސްވުންތައް ހެދިގެން އަންނައިރު ރާއްޖޭގެ އެންމެ މަތީ މަސްލަހަތު އިސްކޮށް ކުރާ ކަމެއްކަން ކަށަވަރު ކުރުން," އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވަނީ ޑޯނިއާ މަތިންދާ ބޯޓު އޮޕަރޭޓު ކުރަން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުމުގެ ވާހަކަ ވެސް ފާހަގ ކުރައްވައިފައެވެ. އޭނާ ވިދާޅުވީ އެއީ ވެސް ރައީސް ޔާމީންގެ ސަރުކާރުގައި ސޮއިނުކޮށް އޮތް އެއްބަސްވުމެއް ކަމަށެވެ.

މި އެއްބަސްވުމުގައި ވެސް ސޮއި ކުރެއްވީ ރައީސް ޞާލިހުކަން އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

އޭގެ ފަހުން މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވެސް ވަނީ މޮރިޝަސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައެޅުމުގެ މައްސަލައިގައި ސަރުކާރުން ކުރި ކަންކަމުގެ މައުލޫމާތު އޮޅުން ފިލުވުމަށް ވަނީ ހުށަހަޅައިފައެވެ.

އެގޮތުން މޮރިޝަސް ގެ ބޮޑުވަޒީރާ ކުރީގެ ރައީސް ޞާލިހު ބައްދަލު ކުރެއްވި ކުރެއްވުމާއި ދެއްވި ސިޓީގެ ކަންކަން އޮޅުން ފިލުވަން ވެސް ގާސިމް ހުށަހެޅުއްވިއެވެ.

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ 2 ވަނަ ބައްދަލުވުމުގެ ތެރެއިން: ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ 3 ވަނަ ބައްދަލުވުމުގައި ވަނީ އިންޑިއާއާއެކު ކުރީ ސަރުކާރުން ވީ އެއްބަސްވުންތަކެއްގެ މައްސަލަ ބަލަން ނިންމައިފައި-- ފޮޓޯ: މަޖިލިސް

މި މައްސަލަތައް ބެލުމަށް ސަބް ކޮމިޓީއެއް އެކުލަވާލަން މިއަދު އޮތް ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ތިން ވަނަ ކޮމިޓީގައިވަނީ ފާސްކޮށްފައެވެ. އެކަމަށް އެކުލަވައިލި ސަބް ކޮމިޓީ އެކުލެވިގެން ވަނީ ހަތަރު މެންބަރުންގެ މައްޗަށެވެ. އެއީ:

  • ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު
  • ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް
  • ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ
  • ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު

ކޮމިޓީގެ މުގައްރިރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް މިކަމާ ގުޅިގެން ވަނީ މި ހަފްތާގެ ތެރޭގައި ވެސް ކަމާބެހޭ އެއްވެސް ވުޒަރާއެއް ހާޒިރު ކުރެވޭނަމަ ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ހާޒިރު ކުރެވޭތޯ ބަލާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް