އިޒްރޭލު ޕާސްޕޯޓް މަނާކުރަން ހުށަހެޅި ބިލު މާދަމާއަށް އެޖެންޑާކޮށްފި

އިޒްރޭލު ޕާސްޕޯޓް މަނާ ކުރުމަށް ގޮވާލައި ބޭއްވި އިހުތިޖާޖެއްގެ ތެރެއިން: އިއްޔެ މި ސަރުކާރުން ވަނީ އިޒްރޭލް ޕާސްޕޯޓް މަނާކުރަން ގާނޫނުތަކަށް ބަދަލުގެންނަން ނިންމައިފައި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ދެކޮޅު ހެދުމުގެ ގޮތުން، އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް ވަނުން މަނާކުރުމަށް ގާނޫނު އިސްލާހުކުރަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރަން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ، އިދިކޮޅު އެމްޑީޕީގެ މެންބަރު މީކާއީލް ނަސީމެވެ.

ރާއްޖޭގެ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި އެ ބިލުގައި އޮތީ، ބިލު ހުށަހެޅުމުގެ ބޭނުމަކީ އިޒްރޭލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން ފިޔަވަޅު އެޅުން ކަމަށެވެ.

އެގޮތުން ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށް ގޮވާލައި ނިމިދިޔަ 19 ވަނަ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވީ ނަމަވެސް ސަރުކާރުން މިހާތަނަށް މިކަމުގައި އަމަލުކުރާނެ ގޮތެއް ސާފުކޮށްފައިނުވާ ކަމަށާއި މިކަން ކުރެވޭނޭ ވަކި މުއްދަތެއް ވެސް އެނގެން ނެތީތީ ސީދާ ގާނޫނަށް ގެންނަ ބަދަލެއް ހުށަހެޅި ޕާސްޕޯޓު މަނާކުރުން އަވަސް ކުރުވަން ކަމަށް އިސްލާހުގައިވެއެވެ.

އެ ބިލުގައި އޮތީ، އިމިގްރޭޝަން ގާނޫނުގެ އަށް ވަނަ މާއްދާގައި ރާއްޖެއަށް އެތެރެވުމުގެ ހުއްދަނެތް މީހުންގެ ތެރޭގައި، އިޒްރޭލުގެ ޕާސްޕޯޓު ނުވަތަ އެހެން ގައުމަކާއެކު ވެސް އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ހިމެނުމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ، އެމްޑީޕީގެ މެންބަރު މީކާއީލް ނަސީމް: އިޒްރޭލް ޕާސްޕޯޓް މަނާކުރަން އޭނާ ހުށަހެޅި ބިލުގެ މަސައްކަތް ވަނީ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައި -- ފޮޓޯ/ މަޖިލިސް

ރާއްޖެއަށް އިޒްރޭލް މީހުން އެތެރެވުން ހުއްޓުވުމަށް ގޮވާލައި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ގަރާރު ހުށަހެޅުއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު 16ގައެވެ. އަދި އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން އެ ގަރާރު ފާސްކުރީ، ސަރުކާރު ބަދަލުވި ފަހުން މިދިޔަ މަހުގެ އެކެއްގައެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ގޮވާލައި މީގެ ކުރިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ މީހުން މުޒާހަރާކޮށްފައިވެއެވެ. އަދި އިޒްރޭލު ފަތުރުވެރިން ރަށަށް އެރުމުން، އަނބުރާ ފޮނުވާލައިފައި ވެސްވެއެވެ.

އިޒްރޭލު ޕާސްޕޯޓު މަނާ ނުކުރުމުން ސަރުކާރަށް ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށް، އިއްޔެ ސަރުކާރުން ވަނީ ޕާސްޕޯޓު މަނާކުރަން ގާނޫނުތަކަށް ބަދަލުގެންނަން ނިންމައިފައެވެ.

ރާއްޖެއަށް އަހަރެއްގެ މައްޗަށް އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން މިހާރު ޒިޔާރަތްކުރާއިރު އިޒްރޭލުން އަންނަނީ އަހަރަކު ގާތްގަނޑަކަށް 15،000 އެއްހައި ފަތުރުވެރިންނެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން 75 މެންބަރުން ތިއްބަވަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ އާންމުންނަށް އަމާޒުކޮށްގެން ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 36،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

comment ކޮމެންޓް