އެޕަލްގެ މުހިންމު ސޮފްޓްވެއާ އަޕްޑޭޓްތައް ނުލިބޭ ކުރީގެ އައިފޯން މޮޑެލްތަކަށް ސައިބާ އެޓޭކްގެ ނުރައްކާތައް ކުރިމަތިވެދާނެތީ ސަލާމަތީ މާހިރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ދެހާސް އަށްވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ދެމެދު އުފެއްދި އައިފޯނުތަކުގެ މޮޑެލްއިން ފެށިގެން އައިފޯން 6 ޕްލަސް އާ ހަމައަށް އުފެއްދި އައިފޯނުތަކަކީ މިހާރު އެންމެ ފަހުގެ މެލްވެއާ އާއި އެކްސްޕްލޮއިޓްތަކުން ރައްކާތެރިކަން ނެތް "އައުޓްޑޭޓެޑް" ފޯނުތަކެއްގެ ގޮތުގައި ބެލެވޭ ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.
އީސެޓްގެ ސައިބާ ސެކިއުރިޓީ އެޑްވައިޒަރެއް ކަމަށްވާ ޖޭކް މޫރު އިންޒާރު ދެއްވަމުން ވިދާޅުވީ ކުރީގެ އައިފޯންތައް އަދިވެސް ދައުރުވަމުންދާ ކަމަށާއި އެފަދަ ފޯނުތަކަށް ހެކަރުންގެ ސައިބާ އެޓޭކްތައް އަމާޒުކުރުން ވަރަށް ގާތްކަމަށެވެ.
އައިފޯންގެ އާ މޮޑެލްތައް އަބަދު ވެސް ނެރޭއިރު، އެޕަލް އިން މުސްކުޅިވާ ޑިވައިސްތަކަށް ސޮފްޓްވެއާ ސަޕޯޓް ދިނުން ހުއްޓާލައެވެ.
އެކަމުގެ ސަބަބުން، މަދު އަހަރުތަކަކަށް ފަހު އެ ޑިވައިސްތައް ނުރައްކަލަށް ހުށަހެޅެއެވެ. އެޕަލް ކުންފުނިން ބުނެފައި ވަނީ "މާކުރީގެ މުސްކުޅި ފޯނުތަކަށް ސޮފްޓްވެއާ އަޕްޑޭޓް ނުދެވޭނެ" ކަމަށެވެ.
ޓެކް މާހިރު މޫރު ވަނީ އެޕަލްގެ އެއްބާރުލުން ނުލިބޭ، ޒަމާންވީ އައިފޯން މޮޑެލްތައް އޮޕަރޭޓް ކުރާ ފަރާތްތަކުން، ހެކިންގެ ނުރައްކާ ކުޑަކުރުމަށް ޓަކައި އެ މޮޑެލްތަކުގެ ބަދަލުގައި އާ، ރައްކާތެރި ޑިވައިސްތަކެއް ބޭނުންކުރަން ވިސްނުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
އޭނާ ވިދާޅުވީ ޔޫޒަރުންނަށް ނުރައްކަލާ ކުރިމަތިވަނީ އަޕްގްރޭޑް ނުކުރެވުމުގެ ސަބަބުން ކަމުގައެވެ.
އެޕަލްގެ އެންމެ ފަހުގެ އައިފޯން 15 ސީރީޒް ވެސް އެޕަލްގެ ސޮފްޓްވެއާ އަޕްޑޭޓްތަކާއެކު ބޭނުންކުރެވޭނީ 2030 ވަނަ އަހަރުގެ ނިޔަލަށް ކަމަށް ޓެކް މާހިރުން ވަނީ ލަފާކޮށްފައެވެ.
އެކަމަކު މިފަދަ ވާހަކަތަކާ ގުޅިގެން އެޕަލްއިން ރަސްމީކޮށް އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.