ސޯޝަލް މީޑިއާއަށް ކުޑަކުދިން ދެވިހިފުން ހުއްޓުވުމަށް އާ ގާނޫނެއް ނިއުޔޯކް ސިޓީގައި ފާސްކޮށްފި

ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ކުޑަކުދިން ރައްކާތެރިކޮށް އެފަދަ މަންސަތަކަށް ދެވިހިފުން ދުރުކޮށްދިނުމަށް ބާރުއަޅާ އާ ގާނޫނެއް އެމެރިކާގެ ނިއުޔޯކް ސިޓީގައި ފާސްކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު އެސިޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ފާސްކުރި މި ބިލުގެ މަގްސަދަކީ ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންނަށާއި ޓީނޭޖަރުންނަށް ލިބިދާނެ ގެއްލުންތައް ހުއްޓުވުމެވެ. އެގޮތުން ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް، ޓްވިޓާ އަދި ޔޫޓިއުބް ފަދަ ސައިޓްތަކުން ކުޑަކުދިންގެ މިހާރުގެ ގުޅުމާއި މަސްލަހަތާ ގުޅުމެއް ނެތް ނިމުމެއް ނެތް ކޮންޓެންޓް ސްޓްރީމްތަކަށް އެލްގޯރިދަމް ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.

މި ގާނޫނުން، 18 އަހަރުން ދަށުގެ ޔޫޒަރުންނަށް، އެޑްވާންސް ރެކޮމެންޑޭޝަން އަލްގޯރިދަމްތަކުގެ ބަދަލުގައި އެކުދިންނަށް ފެންނާނީ މިހާރު ވެސް ފޮލޯކުރާ އެކައުންޓްތަކުން ނުވަތަ މަގުބޫލު ޕޯސްޓުތަކުން ފެންނަ ކްރޮނޮލޮޖިކަލް ފީޑެވެ.

"މިއީ ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަ ހައްލުކޮށް ރައްކާތެރި ޑިޖިޓަލް މާހައުލެއް ގާއިމުކުރުމަށް އެޅުނު ތާރީހީ ފިޔަވަޅެއް،" ނިއު ޔޯކް ސިޓީގެ ގަވަރުނަރު ކެތީ ހޯޗުލް ވިދާޅުވިއެވެ.

މި ގާނޫނުގެ ދަށުން އަޅާ ދެވަނަ ފިޔަވަޅެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ވެބްސައިޓްތަކުން 13 އަހަރުން ދަށުގެ ކުދިންނަށް އެކުދިންގެ މައިންބަފައިންގެ ރުހުމަކާ ނުލައި އެކުދިންގެ ޒާތީ އެއްވެސް މައުލޫމާތެއް އެއްވެސް މީހަކަށް ދީ އަދި ވިއްކުން މަނާވުމެވެ.

މި ގާނޫނުތަކަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ހިލާފު ގާނޫނުތަކެއް ކަމަށް ބުނެ ޓެކް ގްރޫޕްތަކުން ފާޑުކިޔަމުން އަންނައިރު، މިކަމަށް ތާއީދުކުރާ ސަޕޯޓަރުން ވަނީ ސޯޝަލް މީޑިއާގައި މާގިނައިން އެލްގޯރިދަމިކް ސޯޝަލް މީޑިއާ އެކްސްޕޯޒްވުމާއި ޒުވާނުންގެ މެދުގައި ޑިޕްރެޝަނާއި އެންޒައިޓީ އާ ގުޅުން ހުރި ނޭދެވޭ ހާދިސާތައް ހިނގާކަން ފާހަގަކޮށްފައެވެ.

އާ ގާނޫނުގެ ދަށުން ގަވާއިދާ ހިލާފުވާ ފަރާތްތައް، ގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކަށް 5،000 ޑޮލަރާ ހަމައަށް ޖޫރިމަނާކޮށް މަދަނީ އަދަބެއް ދެވޭނެއެވެ.

މި ގާނޫނުގެ ސަބަބުން އިތުރު ގާނޫނީ ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް ބެލެވިފައިވީ ނަމަވެސް، ކުޑަކުދިންނަށް ޑިޖިޓަލް ޕްލެޓްފޯމްތައް ރައްކާތެރި ކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެހެން ސްޓޭޓްތަކަށް މިކަމުގެ ސަބަބުން ހިތްވަރު ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް