އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގައި 16 އަހަރުން ދަށުގެ ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާ ކުރަން ނިންމައިފިއެވެ.
ގާނޫނަކުން ނިންމާ އެ ނިންމުމަށް އަމަލުކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް ގާނޫނު ތަންފީޒު ކުރުމުގެ ކުރިން ފެޑެރަލް ކޯޓުގައި ދިފާއު ކުރަން ޖެހެއެވެ.
އާ ގާނޫނާ ގުޅޭ ގޮތުން ފެޑެރަލް ކޯޓުގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހަށެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށް ވަކާލާތުކުރާ ޓެކް ކުންފުނިތަކުގެ އެސޯސިއޭޝަން، ނެޓްޗޮއިސް އިން ވަނީ އެ ގާނޫނާ ދެކޮޅަށް ވާހަކަ ދައްކާފައެވެ.
އެ އެސޯސިއޭޝަންގެ ޑިރެކްޓާ އޮފް ލިޓިގޭޝަން، ޕޯލް ޓަސްކޭ ވިދާޅުވި ގޮތުގައި، އެ ގާނޫނުގެ ސަބަބުން ޚިޔާލުފާޅުކުރުމުގެ މިނިވަން ގެއްލެއެވެ. އަދި އެ ގާނޫނަކީ ފްލޮރިޑާގައި އޮތް އެންމެ ހަރުކަށި އެއް ގާނޫނެވެ.
"އެއީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ސޯޝަލް މީޑިއާ ސައިޓްތައް ބޭނުންކުރުން ހުއްޓުވާ ގާނޫނެއް. އަދި ގާނޫނީ މައުލޫމާތު ހޯދުމަށްޓަކައި އެމީހުންގެ އުމުރު ސާބިތުކުރަން ޖެހޭ ގޮތަށް އޮތް ގާނޫނެއް." ޓަސްކޭ ވިދާޅުވިއެވެ.
ފްލޮރިޑާއިން އެގޮތަށް ނިންމާފައި ވަނީ ފުރާވަރުގެ ގިނަ ކުދިންގެ ދިރިއުޅުމުގެ ބޮޑު ބަޔަކަށް ސޯޝަލް މީޑިއާ ވެފައިވާ ދަނޑިވަޅެއްގައެވެ. ގަލޮޕްގެ ސާވޭއަކުން ދައްކާ ގޮތުގައި އެމެރިކާގެ ފުރާވަރުގެ ކުދިން ސޯޝަލް މީޑިއާގައި ދުވާލަކު ހަތަރު ގަޑިއިރަށް ވުރެ ގިނައިރު ހޭދަކުރެއެވެ.
އެމެރިކާގެ އެހެން ބައެއް ސްޓޭޓްތަކުން ވެސް މިފަދަ ގާނޫނުތައް ފާސްކުރި ނަމަވެސް އެ ގާނޫނުތައް ތަންފީޒު ނުކުރެވި އަދިވެސް އޮތީ ކޯޓު މަރުހަލާގައެވެ. ފެޑެރަލް ގާނޫނުގެ ދަށުން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރަނީ އުމުރުން 13 އަހަރުން ދަށުގެ ކުދިންނަށެވެ.
ފްލޮރިޑާ ސްޓޭޓްގެ އިތުރުން އޮސްޓްރޭލިއާއިންވެސް ވަނީ 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ސޯޝަލް މީޑިއާ ބޭނުން ނުކުރެވޭ ގާނޫނެއް މިދިޔަ ނޮވެމްބަރު މަހު ފަހުކޮޅު ފާސްކޮށްފައެވެ.
މި ގާނޫނުގެ ދަށުން، ކުޑަކުދިންނާއި ބެލެނިވެރިންގެ ބަދަލުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އުމުރު ކަށަވަރުކުރުމުގެ ނިޒާމްތައް ގާއިމުކުރަން އެކަށީގެންވާ ފިޔަވަޅުތައް އަޅަން ޖެހޭނެއެވެ. މި ގާނޫނާ ޚިލާފުވާ ކުންފުނިތަކަށް 49.5 މިލިއަން އޮސްޓްރޭލިއަން ޑޮލަރު (32 މިލިއަން އެމެރިކާ ޑޮލަރު) އަށް ވުރެ ބޮޑު ޖޫރިމަނާއެއް ކުރެވޭނެއެވެ.
ގާނޫނުގައި ވާގޮތުން މައިންބަފައިންގެ ހުއްދަ ލިބިގެން ސޯޝަލް މީޑއާ ބޭނުންކުރާ ކުދިން ވެސް 16 އަހަރު ނުވާނަމަ، ގާނޫނަށް އަމަލުކުރަން ޖެހެއެވެ.
އެ ގާނޫނަށް އަމަލުކުރަން ފަށާނީ އެ ގާނޫނު ފާސްވާތާ 12 މަސް ފަހުން ކަމަށާއި އެ ގާނޫނު ތަންފީޒު ކުރުމަށް ފަހު ރިވިއު ކުރެވޭނެ ކަމަށްވެސް އޮސްޓްރޭލިއާ ސަރުކާރުން ބުނެފައިވެއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ސަބަބުން ފުރާވަރުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުން ލިބިދާނެ ކަމަށް ގިނަ ތަޖުރިބާކާރުން އެއްބަސްވާއިރު، ކުޑަކުދިންނަށް ސޯޝަލް މީޑިއާ އެއްކޮށް މަނާކުރުމުގެ ފައިދާއާ މެދު ގިނަ ތަޖުރިބާކާރުން ދެބަސްވެއެވެ.