ވޮޝިންޓަން (14 ނޮވެންބަރު 2024): އެކި ސަބަބުތަކާ ގުޅިގެން އެކްސް (ޓްވިޓާ) އާއި އެނޫންވެސް ސޯޝަލް މީޑީއާގެ އެންމެ ދުވަސްވީ ޕްލެޓްފޯމްތައް ބޭނުންކުރާ މީހުންގެ އަދަދު މަދުވަމުން ދާކަމަށް ކަމާބެހޭ ރިޕޯޓެއް ބުނެފިއެވެ.
މި ރިޕޯޓް ބުނާގޮތުން މިހާތަނަށް ސޯޝަލް މީޑީއާގެ ބޮޑެތި ޕްލެޓްފޯމްތައް މޮނޮޕޮލީ ކޮށްގެން ތިބި ފޭސް ބުކް (މެޓާ) އަދި އެކްސް (ޓްވިޓާ) ބޭނުންކުރާ މީހުންގެ އަދަދު މިހާރު ވަނީ މިލިޔަނުން ދަށްވާން ފަށާފައެވެ.
އޭގެބަދަލުގައި "ބްލޫ ސްކައި" އާއި "ޓިކްޓޮކް' އަދި "ޕަބްލިކް" ފަދަ ޕްލެޓްފޯމްތައް ބޭނުންކުރާ މީހުންގެ އަދަދު ވަނީ މިލިޔަނުން އިތުރުވާން ފަށާފައެވެ. ޓްވިޓާ، ފޭސްބުކް ފަދަ ޒަމާންވީ ޕްލެޓްފޯމްތައް ބޭނުންކުރާ މީހުންގެ އަދަދު މަދުވެ އޭގެ މޮނޮޕޮލީ ކެނޑެމުންދާ ސަބަބުތަކުގެ ތެރޭގައި އެ ޕްލެޓްފޯމްތަކުން ގެންގުޅޭ ޕްރައިވެސީ ޕޮލިސީތަކާއި ކޮންޓެންޓްތައް ހިފެހެއްޓުމުގެ ހަރުކަށި އުސޫލުތަކާމެދު ހިތްހަމަނުޖެހުންތައް ބޮޑުވުމާއި އެނޫންވެސް މައްސަލަތައް ހިމެނޭކަމަށް ވެއެވެ.
މި ރިޕޯޓް ބުނާގޮތުން ދުނިޔޭގެ އެކި ގައުމުތަކުގައި ސޯޝަލް މީޑީއާގެ ޕްލެޓްފޯމްތައް ބޭނުންކުރާ މީހުންގެ އަދަދު 4.5 ބިލިޔަނަށް އަރައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން އިނގިރޭސިވިލާތުގައި ޓްވިޓާ ބޭނުންކުރާ މީހުންގެ އަދަދު މިހާރުވަނީ ތިންބައިކުޅަ ދެބައަށް ދަށަށް ގޮސްފައެވެ. އެމެރިކާއަށް ބަލާއިރު ޓްވިޓާ (އެކްސް) ބޭނުންކުރާ މީހުންގެ އަދަދުވަނީ 20 އިންސައްތައަށް ދަށަށް ގޮސްފައެވެ.
މިއާޚިލާފަށް "ބްލޫސްކައި" ބޭނުންކުރާ މީހުންގެ އަދަދަށް ވަނީ 10 މިލިޔަން އިތުރުވެފައެވެ. އަދި "ޓިކްޓޮކް" ބޭނުންކުރާ މީހުންގެ އަދަދުވެސް އޭޝިއާ، އެފްރިކާ އަދި ލެޓިން އެމެރިކާގައި ދަނީ އެތައް މިލިޔަނަކުން އިތުރުވަމުންނެވެ. "ޕަބްލިކް" މަންސަ ނުވަތަ ޕްލެޓްފޯމަށް ބަލާއިރު އެ ޕްލެޓްފޯމުގައި ސޯޝަލް އިންވެސްޓްމަންޓް ސާވިސް ހިމެނިފައިވާތީ އެ ބޭނުންކުރާ މީހުންގެ އަދަދުވެސް މިހާރުވަނީ 25 މިލިޔަނަށް އަރާފައެވެ.
ރިޕޯޓްތައް ބުނާގޮތުން "އެކްސް" އާއި "މެޓާ" ބޭނުންކުރާ މީހުންގެ އަދަދު ހުޅަނގުގައިވެސް ދަށްވަމުންދާތީ އެދެކުންފުނިވަނީ ވަރަށް ކަންބޮޑުވެފައެވެ. އެމެރިކާގައި ޝާއިއުކޮށްފައިވާ މީޑީއާ ރިޕޯޓްތައް ބުނާގޮތުން ސޯޝަލް މީޑީއާ ބޭނުންކުރާ މީހުންގެ ތެރެއިން 74 އިންސައްތަ މީހުން ކައިރި މުސްތަގްބަލެއްގައި "އެކްސް" އާއި "މެޓާ" ދޫކޮށް "ބްލޫ ސްކައި" އާއި "ޓިކްޓޮކް' އަދި "ޕަބްލިކް" ފަދަ އައު މަންސަތައް ބޭނުންކުރަން ފަށާނެކަމަށް ބެލެވެއެވެ. އެއީ ގިނަ ބައެއްގެ ނަޒަރުގައި "އެކްސް" އާއި "މެޓާ" އާ ޚިލާފަށް، "ބްލޫ ސްކައި" އާއި "ޓިކްޓޮކް' އަދި "ޕަބްލިކް" ފަދަ އައު މަންސަތަކުގައި ޕްރައިވެސީ ޕޮލިސީތަކާއި ކޮންޓެންޓްތައް ހިފެހެއްޓުމުގެ އުސޫލުތައް މާ ބޮޑަށްވެސް ރަނގަޅު ކަމަށް ފެންނާތީއެވެ.