ސޯޅަ އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމަށް އޮސްޓްރޭލިއާއިން ހުށަހަޅާފައިވާ ގާނޫނަށް ސޯޝަލް މީޑިއާ ޕްލެޓްފޯމު އެކްސްގެ ވެރިޔާ އީލޮން މަސްކު ފާޑުކިޔައިފިއެވެ.
އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އެންތޮނީ އަލްބަނީޒް އެ ގާނޫނާ ބެހޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެމުން މަސްކު ބުނީ، އެ ގާނޫނަކީ އޮސްޓްރޭލިއާގެ ހުރިހާ ރައްޔިތުން އިންޓަނެޓް ބޭނުންކުރުން މަނާކުރާ ގާނޫނެއްހެން ހީވާ ކަމަށެވެ.
އޮސްޓްރޭލިއާގެ ސެންޓާ ލެފްޓް ސަރުކާރުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް އެ ބިލު ހުށަހަޅާފައެވެ.
އެގޮތުން، އެ ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ސޯޝަލް މީޑިއާ ބޭނުންކުރާ މީހުންގެ އުމުރު އެނގޭނެ ނިޒާމެއް އެކަށައެޅުމަށް މިހާރު ވަނީ ރާވާފައެވެ. މިއީ ސޯޝަލް މީޑިއާ ބޭނުންކުރުމަށް މިހާތަނަށް ގައުމަކުން އަޅަން ރާވާފައިވާ އެންމެ ހަރުކަށި އެއް ފިޔަވަޅެވެ.
މަސްކް މީގެ ކުރިން ވެސް ވަނީ އޮސްޓްރޭލިއާގެ ސެންޓާ ލެފްޓް ލޭބާ ސަރުކާރުގެ ޑިސްއިންއިފޮމޭޝަން ގާނޫނާއި ސޯޝަލް މީޑިއާގެ ގާނޫނުތަކަށް ފާޑުކިޔާފައެވެ.
ސިޑްނީގައި ބިޝޮޕަކަށް ވަޅިން ހަމަލާދިން މައްސަލައެއްގައި އެކްސްއިން ކުރި ބައެއް ޕޯސްޓްތައް އުނިކުރުމަށް ސައިބާ ރެގިއުލޭޓަރަކު ނެރުނު އަމުރަށް ވެސް އެކްސްއިން ވަނީ ގޮންޖަހާފައެވެ.
ގާނޫނުތަކުގެ ތެރެއިން ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން ހުއްޓުވުމަށް ބައެއް ގައުމުތަކުން މިހާރު ވެސް މަސައްކަތްކުރަމުން އައި ނަމަވެސް ބެލެނިވެރިންގެ ރުހުމާ އެކު ބޭނުންކުރާ އެކައުންޓުތަކާއި ކުރިން ބޭނުންކުރާ އެކައުންޓްތައް ވެސް އިސްތިސްނާނުކޮށް ތަންފީޒުކުރާ އެ މިހާތަނަށް ތަންފީޒުކުރާނެ އެންމެ ހަރުކަށި ބިލަށް ވެދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އޮސްޓްރޭލިއާ ސަރުކާރުން ބުނާ ގޮތުގައި އެ ގާނޫނު ތަންފީޒުކުރުމުގެ ޒިންމާ އޮންނާނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށެވެ. އެގޮތުން، އެ ކުދިންނަށް އެކްސެސް ނުދިނުމަށް އެ ޕްލެޓްފޯމްތަކުން އެކަށީގެންވާ ފިޔަވަޅުތައް އަޅަންޖެހޭނެއެވެ.
އެ ގާނޫނަށް އަމަލުކުރަން ފަށާނީ ގާނޫނު ފާސްވާތާ 12 މަސް ފަހުން ކަމަށާއި ތަންފީޒުކުރުމަށް ފަހު ރިވިއުކުރެވޭނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.
ފަރަންސޭސިވިލާތުން މިދިޔަ އަހަރު 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމަށް ހުށަހެޅި ނަމަވެސް ބެލެނިވެރިންގެ ރުހުމާ އެކު ހުއްދަ ދިންއިރު، އެމެރިކާއިން ވަނީ 13 އަހަރުން ދަށުގެ ކުދިންގެ ޑޭޓާ ހޯދުމަށް ޓެކްނޮލޮޖީ ކުންފުނިތަކުން ބެލެނިވެރިންގެ ރުހުން ހޯދަން ދިގު ޒަމާންތަކެއް ވަންދެން ލާޒިމުކޮށްފައެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ސަބަބުން ފުރާވަރުގެ ކުދިންގެ ނަފުސާނީ ދުޅަހެޔޮކަމަށް ގެއްލުން ލިބިދާނެ ކަމަށް ގިނަ ތަޖުރިބާކާރުން އެއްބަސްވާއިރު، ކުޑަކުދިންނަށް ސޯޝަލް މީޑިއާ އެއްކޮށް މަނާކުރުމުގެ ފައިދާއާ މެދު ގިނަ ތަޖުރިބާކާރުން ދެބަސްވެއެވެ.
ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ސޯޝަލް މީޑިއާ މަނާކުރުމުގެ ސަބަބުން ހަމައެކަނި ކުރެވޭ ކަމަކީ ޓިކްޓޮކް، އިންސްޓްގްރާމް، އަދި ފޭސްބުކް ފަދަ އެޕްތަކަށްވަނުން ފަސްކުރެވުމެވެ. އޭގެ ބަދަލުގައި ރައްކާތެރިކަމާ އެކު ސޯޝަލް މީޑިއާ ބޭނުންކުރާނެ ގޮތްތައް ކިޔައިދިނުން މާ ބޭނުންތެރި ކަމަށް އެ ފަރާތްތަކުން ބުނެއެވެ.