ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނަށް ކުރިއެކޭ އެއްގޮތަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ ގޮތް ހަމަޖައްސައި، އެކަން ލިޔުމުން ޔަގީންކޮށްދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރު ލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ އެ ގައުމުގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ޓިރަން އަލެސްއާ ބައްދަލުކުރައްވައި، ދިވެހިންނަށް ވިސާ ހޯދުމުގައި ހުރި ދަތިތަކާ ގުޅޭ ކަންބޮޑުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
މިގޮތުން، އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ ލަންކާގައި އޮން އެރަވައިވަލް ވިސާ ދިނުމުމުގެ އުސޫލަށް ގެނައި ބަދަލާއި ގުޅިގެން ދިވެހިންނަށް ދިމާވާ ދަތިތައް ހިއްސާކުރައްވައި، އެކަމަށް އަވަސް ހައްލެއް ހޯދައި ދެއްވުމަށް އެދިވަޑައިގެންފައެވެ.
އަދި، އެ ގައުމުގައި ތައުލީމު ހާސިލު ކުރަމުންދާ ދިވެހި ދަރިވަރުންނާއި އާއިލާތަކަށް ވިސާ ހޯދުމުގައި ދިމާވާ ދަތިތައް މިނިސްޓަރު އެ ބައްދަލުކުރެއްވުމުގައި ހިއްސާކުރެއްވިއެވެ.

ކެޕްޝަން.. ފޮރިން މިނިސްޓަރު ޒަމީރާއި ލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ޓިރަން އެލެސްއާ ދެމެދު ބޭއްވި ބައްދަލުވުން. ފޮޓޯ/ފޮރިން މިނިސްޓްރީ
ޒަމީރުގެ އެ ކަންބޮޑުވުންތަކާއި ގުޅިގެން ޓިރަން ވަނީ ދެ ގައުމުން ސޮއިކޮށްފައިވާ ވިސާ ފެސިލިޓޭޝަން އެއްބަސްވުމާއި އެއްގޮތަށް، އިތުރު ތަކުލީފަކާއި ނުލައި، ދިވެހިންނަށް 90 ދުވަހުގެ އޮން އެރަވަލް ވިސާ ލިބޭނެ ގޮތް މަގުފަހިކޮށްދެއްވައި، އެކަން ލިޔުމުން ޔަގީންކޮށްދެއްވާފައެވެ.
މީގެއިތުރުން، ލަންކާގައި ކިޔަވާ ދިވެހި ދަރިވަރުން ކޮންމެ އަހަރަކު ދައްކަންޖެހޭ ވިސާފީ އަށް އެކަށީގެންވާ ހައްލެއް ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަވައްޓެރި ލަންކާއަކީ ކިޔެވުމަށާއި ސިއްހީ ފަރުވާއަށް ގިނަ އަދަދެއްގެ ދިވެހީން މިހާރު ވެސް ދިރިއުޅޭ ގައުމެކެވެ. އަދި އެއީ ޗުއްޓީއަށާއި ވިޔަފާރިއަށް ވެސް އާންމުކޮށް ދިވެހިން ޒިޔާރަތްކުރާ ގައުމެކެވެ.