ފަލަސްޠީނުގެ ރައްޔިތުން ޣައްޒާއިން ބޭރުކުރުމަށާއި ހުޅަނގު އައްސޭރީގައި އިސްރާއީލުގެ އާބާދީތައް އިތުރުކުރުމަށް އިސްރާއީލުން އަޅާ ފިޔަވަޅުތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި ޢިބާރާތުން ރޭ ކުށްވެރިކޮށްފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ބަޔާނެއްގައި ބުނީ، ފަލަސްޠީނުގެ ރައްޔިތުން މަޖުބޫރުން ޣައްޒާއިން ބޭރުކުމުގެ މަޤުޞަދުގައި އޭޖެންސީއެއް ޤާއިމުކުރުމަށް އިސްރާއީލު ސަރުކާރުން ކޮށްފައިވާ އިޢުލާނާއި, ހުޅަނގު އައްސޭރީގައިވާ 13 ޣައިރުޤާނޫނީ އާބާދީ ހިމެނޭ ސަރަޙައްދު ވަކިކޮށް، އެ އާބާދީތަކަށް ޤާނޫނީ ހައިސިއްޔަތު ދިނުމަށް ތައްޔާރުވުމުގެ ގޮތުން ރާވާފައިވާ ރޭވުންތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
މީގެ އިތުރުން، ފަލަސްޠީނުގެ ރައްޔިތުން އެބައިމީހުންގެ ބިމުން ނެރުމަށް ހިންގާ އެފަދަ ޢަމަލުތަކަކީ ބައިނަލްއަޤުވާމީ ޤާނޫނާއި އދ.ގެ ޤަރާރުތަށް، ޚާއްޞަކޮށް އދ.ގެ ސަލާމަތީ މަޖިލީހުގެ ޤަރާރު 2334 އާ މުޅިން ޚިލާފު އަމަލުތަކެއް ކަމުގައި ދިވެހި ސަރުކާރުން ޤަބޫލުކުރާ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ފޮރިން މިނިސްޓްރީން ބުނީ، އެފަދަ އަމަލުތަކަކީ ޞުލްޙައަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅޭ އަދި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކާއި ކަރާމާތަށް ނުރައްކާވާ ފަދަ ކަންތައްތަކެއް ކަމަށެވެ.
ހަމައެއާއެކު ދިވެހި ސަރުކާރުން ދެކެނީ އެ ހަމަނުޖެހުމަށް ދެމެހެއްޓެނިވި، ޞުލްޙަވެރި ޙައްލެއް ހޯދޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައެޅުމުން ކަމަށާއި ފަލަސްޠީނަކީ މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރުހިނގާ ދައުލަތެއްގެ ގޮތުގައި ޤާއިމުކުރެވުމުން ކަމަަށް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މި މަހު 18 ވަނަ ދުވަހު ޣައްޒާއަށް ދިން ޙަމަލާތަކުގައި 412 މީހުން ޝަހީދުކޮށް 500 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ. މިއާއެކު ޣައްޒާގެ ބޮޑު ބައެއްވަނީ ޣައްޒާގެ އާންމުންގެ ލޭގެ ކޯރަކަށް ހަދާލާފައެވެ. ޣައްޒާގެ އެތަންމިތަނުން ފެންނަނީ ޝަހީދުކޮށްލާފައިވާ އެތައް ސަތޭކަ ބައެއްގެ ހަށިތަކާއި ޒަޚަމުކޮށްލުމުގެ ސަަބަބުން ފަރުވާނުދެވި ރޮއި ވޭން އުފުލަމުންދާ މީހުންގެ ގިސްލުމުގެ އަޑުތަކެވެ.