އަވަށްޓެރި ސްރީލަންކާއަށް ދަތުރުކުރާ ދިވެހީންނަށް ވިސާ ލިބުން މިހާރު ވެސް އޮތް ހެން ފަހިކޮށް ލިބޭނެ ކަމަށާއި އެ ކަން ދެމެހެއްޓުމަށް ޓަކައި ދެ ގައުމުގެ އިދާރާތަކުން މަޝްވަރާކުރަމުން އަންނަކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފިއެވެ.
ސްރީލަންކާއިން ވަނީ އެ ގައުމުގެ ޓޫރިސްޓް ވިސާގެ އިންތިޒާމުތަކަށް ބައެއް ބަދަލުތައް ގެނެސްފައެވެ.
އެ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ލަންކާގައި އާ އީ ވިސާ ސިސްޓަމެއް ގާއިމްކުރެވި ޚިދުމަތް ފެށުމާއެކު އެ ގައުމުގެ ކަމާ ގުޅޭ އިދަރާތަކާ އެ މިނިސްޓްރީން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
މިހާރު ވިސާގެ ކަންކަން ދިވެހީންނަށް ހަމަޖެހިފައި އޮންނަ ގޮތުން، އެ ގައުމަށް ދިއުމާއެކު 30 ދުވަހުގެ އޮންއެރައިވަލް ވިސާ ދިވެހީންނަށް ލިބެއެވެ. އެއަށްވުރެ ދިގުމުއްދަތަކަށް އެ ގައުމުގައި މަޑުކުރަން ޖެހޭނަަމަ އޮންލައިންކޮށް ވިސާ އިތުރުކޮށްދިނުމަށް އެދެވޭނެއެވެ.
މީގެ އިތުރުން ލަންކާގައި މި ވަގުތު ތިބި ދިވެހީންގެ ތެރެއިން ވިސާގެ މުއްދަތު އިތުރުކުރަން ޖެހިފައިވާ ދިވެހީން، ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ހާޒިރުވުމުން އެ ކަން ކޮށްދޭނެކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެއާއެކު މަޝްވަރާ ކުރެެވެމުން އަންނަނީ ދެ ގައުމަށް ވެސް ފައިދާވާނެހެން މިހާރު ވެސް ވިސާ ދިނުމުގައި ހުރި ފަސޭހަތައް ދެމެހެއްޓުމަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ވަނީ ލަންކާއަށް ދަތުރުކުރާ އެއްވެސް ދިވެއްސެއް އިތުރު މައުލޫމާތު ސާފުކުރަން އެދޭނަމަ އެ މިނިސްޓްރީއާ ގުޅައިގެން ކުރިއަށް ދިއުމަށް އެދިފައެވެ.