Dhiraagu
Ooredoo

ބިންހެލުން: އެހީތެރިކަން ބޭނުންވާ ދިވެއްސަކު ހުރިނަމަ އެމްބަސީއަށް ގުޅަން އެދެފި

ތައިލެންޑް އަދި މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެހީތެރިކަން ބޭނުންވާ ދިވެއްސަކު ހުރިނަމަ ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ގުޅަން ފޮރިން މިނިސްޓްރީން މިއަދު އެދެފިއެވެ.

ADK GENERAl

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ތައިލެންޑާއި މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، އެ މިނިސްޓްރީން ގެންދަނީ އެ ދެ ޤައުމުގެ ހާލަތު މޮނިޓާކުރަމުން ކަމަށެވެ.

އެގޮތުން، ތައިލެންޑްގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ މެދުވެރިކޮށް އެ މިނިސްޓްރީން މަސައްކަތްކުރަމުން އަންނަ ކަމަށް ބުންޏެވެ. އަދި، މިހާތަނަށް ބެލި ބެލުމުން އެ ގައުމުގައި އުޅޭ ހުރިހާ ދިވެހީންގެ ވެސް ހާލު ރަނގަޅުކަމަށް މިނިސްޓްރީން ބުންޏެވެ.

މިޔަންމާގައި އެއްވެސް ދިވެހި ރައްޔިތަކު މި ވަގުތު ހުރިތޯ ބެލުމަށް ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.

ބެންކޮކަށް އައި ބިންހެލުމާ ގުޅިގެން ރެސްކިއު އޮޕަރޭޝަން ކުރިއަށް ގެންދަނީ -- ފޮޓޯ/ އޭއެފްޕީ

މި ކާރިސާއާ ގުޅިގެން ތައިލެންޑާއި މިޔަންމާއިން ކުއްލި ހާލަތު އިއުލާނުކޮށްފަވާއިރު އެ ދެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން މިކަމާ ގުޅިގެން އަންގާ އެންގުންތަކަށް ސަމާލުވެ، އެއާ އެއްގޮތަށް ޢަމަލުކުރުމަށް، ދެ ޤައުމުގައި ތިބި ދިވެހި ރައްޔިތުންނަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މި ކާރިސާއާ ގުޅިގެން، ތައިލެންޑްގައި ތިބި ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް ބޭފުޅަކު އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، ނުވަތަ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރަށް ނުވަތަ މިނިސްޓްރީގެ ހޮޓްލައިން ނަންބަރަށް ގުޅުއްވުމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

އެމްބަސީ ހޮޓްލައިން ނަންބަރު: +66611766502
މިނިސްޓްރީ ހޮޓްލައިން ނަންބަރު: 9607983400+

މިއަދު މެންދުރުގެ ވަގުތެއްގައި މިޔަންމާއަށް 7.7 މެގްނިޓިއުޑާއި 6.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާއިރު، މި ބާރުގަދަ ބިންހެލުމުގެ ސަބަބުން މިޔަންމާއާއި ތައިލެންޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެ ސަރަހައްދުގެ އެހެން ހިސާބުތަކަށް ވެސް މި ބިންހެލުމުގެ އަސަރު އިހުސާސް ކުރެވިފައިވާ ކަމަށް, އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް)އިން ވަނީ ބުނެފައެވެ.

https://sun.mv/204163

ބެންކޮކުގެ ބައެއް އިމާރާތްތައް ވެއްޓި, އެ އިމާރާތްތަކުގެ ދަށުގައި މީހުން ތާށިވެފައިވާ ކަމަށް ވެސް އަލްޖަޒީރާއިން ރިޕޯޓް ކުރެއެވެ. މި ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު އަދި ސާފެއް ނުވެއެވެ.

މި ބެންހެލުމާ ގުޅިގެން ރާއްޖެއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.

Redstar
comment ކޮމެންޓް