ރައީސް މުއިއްޒަށް ކުރިމަތިވެވަޑައިގެންނެވި ބޮޑު މުސީބާތަކީ ޚާރިޖީ ސިޔާސަތު ނާކާމިޔާބުވުން

މިހާރުގެ ފޮރިން މިނިސްޓަރު ހަލީލާއި މިސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު މޫސާ ޒަމީރު-- ފޮޓޯ: ފޮރިން މިނިސްޓްރީ

ފައިސާ ޗާޕުކުރަންޖެހޭ ހިސާބަށް ދައުލަތުގެ މާލީ ކަންކަން ގޯސްވެއްޖެކަން މިއަދު ހުރިހާ އެންމެންނަށްވެސް އެނގެއެވެ. ތަރައްގީގެ މަޝްރޫއުތައް މަޑުޖެހި، ޕީއެސްއައިޕީ މަޝްރޫއުތަކަށް ކުރާ ހަރަދު އިންތިހާއަށް ދަށްވިއިރު، ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނެކަމަށް އަންދާޒާކުރި މިންވަރާ ގާތަށްވެސް އިތުރުނުވިއެވެ. ބަޖެޓު ފޫބެއްދުމަށް ބޭރުން ހޯދަން ރޭވި ފައިސާ ނުލިބި މަޝްރޫއުތައް ހިންގުމަށް ހޯދާނެކަމަށް ސަރުކާރުން ބުނި ފައިސާވެސް ނުލިބި ބޮޑެތި މަޝްރޫއުތައް ހިންގޭނެ މަގެއް ނުފެނި މަޑުޖެހިފައިވާކަން ސަރުކާރުން ކޮންމެ ވާހަކައެއް ދެއްކިޔަސް އެކަކަށްވެސް އޮޅުވައިނުލެވޭނެއެވެ.

ސުއާލަކީ މިހިސާބަށް ދައުލަތުގެ މާލީ ހާލަތު ހީނަރުވުމަށް މެދުވެރިވި ސަބަބަކީ ކޮބައިތޯއެވެ؟ ތެދެކެވެ. ހަރަދުތައް ކުޑަކުރަން ބަޖެޓުގައި ހިމެނި ފިޔަވަޅުތައް އެޅުން ލަސްވުމަކީ އެއް ސަބަބެވެ. ޓެކުސްތައް ބޮޑުކުރުމުގެ ސަބަބުން އިގުތިސާދީ ހަރަކާތް މަޑުޖެހުމާއި، ކުއްލިއަކަށް ބައެއް މުދަލުގެ ޑިއުޓީ ބޮޑުކުރުމުން ޑިއުޓީގެ ގޮތުގައި ލިބޭ އާމްދަނީ މަދުވުމަކީވެސް މިދެންނެވި ކަންކަން މެދުވެރިވި ސަބަބުތަކެވެ. ނަމަވެސް މައިގަނޑު ސަބަބަކީ ހާރިޖީ ސިޔާސަތު ފެއިލްވުމެވެ.

މި ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ: -- ފޮޓޯ/ ރައީސް އޮފީސް

ސަލާންޖެހުމުގެ ސިޔާސަތެއް ނުހިނގި

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތުގައި ދައުލަތަށް ބޭރުން ފައިސާ ހޯދުމަށް އޮތީ އެންމެ މަގެކެވެ. އެއީ އެމަނިކުފާނު ވަޒީރުންނަށް ދެއްވާ ސިޓީތައް ހިއްޕަވައިގެން އެ ބޭފުޅުން އެކުވެރި ދައުލަތްތަކަށް ސަލާންޖައްސަވަން ވަޑައިގަތުމެވެ. 2024 ވަނަ އަހަރު އެއިރުގެ ހާރިޖީވަޒީރު މޫސާ ޒަމީރު ރައީސްގެ ސިޓީފުޅުތައް ހިއްޕަވައިގެން ހަލީޖުގެ ގައުމުތަކަށް ކުރެއްވި ދަތުރުފުޅުތަކަކީ މިދެންނެވި މަސައްކަތުގެ މިސާލެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަރަބި ގައުމުތައް ނޫން ގައުމުތަކަށްވެސް ރައީސްގެ މަންދޫބުން އެމަނިކުފާނުގެ ސިޓީފުޅުތައް ހިއްޕަވައިގެން ވަޑައިގަތެވެ.

މި ސިޓީފުޅުތައް ލޮލަށް ނުފެނުނެއްކަމަކު ރައީސް އޮފީހާއި ހާރިޖީވުޒާރާގެ ބައެއް އިސްވެރިން ނަންނުޖަހާ ގޮތަށް ދެއްވި މައުލޫމާތުތަކުން އެނގެނީ މި ސިޓީތަކުގައި ރައީސް އެދިވަޑައިގެންފައިވަނީ ބަޖެޓު ފޫބެއްދުމުގައި އެހީތެރިވުމުގެ ގޮތުން އެކުވެރި ދައުލަތްތަކުން ހިލޭ އެހީ ނުވަތަ ލޯނުގެ ގޮތުގައި ފައިސާ ދެއްވުމަށެވެ.

ނަމަވެސް ޒަމާނަށް އައި ބަދަލުތަކާއެކު އެކުވެރިކަމާއި އުހުއްވަތްތެރިކަމުގެ އަސާސަށް އެކަނި ބިނާކޮށް އެކުވެރި ގައުމުތަކުން ކުދި ގައުމުތަކަށް އެހީތެރިވުން މާޒީގެ ސަފުހާތަކާއެކުވެ ނިމިގެން ހިނގައްޖެއެވެ. މިސާލަކަށް އެކުވެރި ސައުދީ އަރަބިއްޔާއަށް ބަލައިލަމާތޯއެވެ. ތެލަށް ބަރޯސާވުން ކުޑަކޮށް އިގުތިސާދު ޒަމާނީކުރުމުގެ މަސައްކަތްތަކެއް ހިނގަމުން އަންނަ މި ދުވަސްވަރު ވަރަށް ބޮޑު ޖިއޯޕޮލިޓިކަލް ސަބަބެއް ނެތްނަމަ ސައުދީން މިހާރު ކުރަނީ އިންވެސްޓެވެ. އިންވެސްޓުމެންޓުގެ ދާއިރާއިން ބޭރުން އެހީގެ ގޮތުގައި ފައިސާ ދިނުމަކީ ވަރަށް ހަނި ދާއިރާއެއްގައި ވަރަށް މަދުން ނޫނީ އެގައުމުން މިހާރު ކުރާ ކަމެއް ނޫނެވެ.

އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޚަލީލް، އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރާ ބައްދަލުކުރައްވަނީ -- ފޮޓޯ: ފޮރިން މިނިސްޓްރީ

އެކުވެރި އެހެނިހެން ދައުލަތްތަކަށް ބަލާއިރު ރާއްޖޭގެ ބަޖެޓު ފޫބެއްދުމަށް މިހާރު ބޭނުންވާ އަދަދުތަކުން ފައިސާ ދިނުމަކީ އެއްވެސް ގައުމަކުން ދީލަތިކަމުގެ ސަބަބުން ކުރާނެ ކަމެއް ނޫނެވެ.

ބަޖެޓު ސަޕޯޓު ހޯދަން އުޅުމަކީ ޒަމާނީ އޯއީސީޑީން 2012 ވަނަ އަހަރު ޝާއިއުކުރި އިވެލުއޭޓިން ބަޖެޓް ސަޕޯޓު ކަރުދާހުގައި ފާހަގަކުރި ގޮތުގައި ބަޖެޓު ސަޕޯޓު ފޯރުކޮށްދިނުމަށް ގައުމުތަކުން މިހާރު ޖެހިލުންވާ އެއް ސަބަބަކީ މުއައްސަސާތަކުގައި ކޮރަޕްޝަން އާލާވެފައިވާ މިންވަރުގެ ބޮޑުކަމުން އެގޮތަށް ދޭ ފައިސާ ބޭކާރުވެ އިސްރާފުވެގެން ދިއުމެވެ. މި ސަބަބަށްޓަކައި ބަޖެޓު ސަޕޯޓު ހޯދަން އެދޭއިރު ދައުލަތުގެ ހިންގުން ހަރުދަނާކޮށް އެހެނިހެން ގައުމުތަކާއި މާލީ އިދާރާތަކުގެ އިތުބާރު ހޯދަންޖެހެއެވެ. ރާއްޖެއަށް މިކަންވެސް ކުރެވިފައި ނެތެވެ.

ސައުދީ މޫނުމަތީ ދެތިން ތަފާލު ޖެހުން

ދިވެހިރާއްޖެއަށް އެންމެ ދީލަތި އެހީތެރިކަން ފޯރުކޮށްދެމުން އައި އެއް ގައުމަކީ ސައުދީ އަރަބިއްޔާއެވެ. އާއްމު ގޮތެއްގައި އެމްޑީޕީއަށްވުރެ ސައުދީއާ ގާތް ގުޅުމެއް އޮންނަނީ ޕީޕީއެމް/ޕީއެންސީ ސަރުކާރުތަކާއެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައިވެސް ސައުދީއާ ގާތް ގުޅުމެއް އޮތެވެ. ހާއްސަކޮށް ޔާމީނުގެ ވެރިކަމުގައި އެކި ދާއިރާތަކުން ސައުދީގެ ދީލަތި އެހީތައް ހަމަޖެހުނެވެ. ފާއިތުވި އެމްޑީޕީ ވެރިކަމުގައި ލިބުނު ވަރަށް ގިނަ އެހީއަކީވެސް ޔާމީނުގެ ވެރިކަމުގައި މަޝްވަރާކުރެވި ހަމަޖެހިފައި ހުރި ކަންކަމާއި، އެއިރު ފެށުނު ކަންކަން ނިންމަން ދެވުނު އެހީއެވެ.

ނަމަވެސް ރައީސް މުއިއްޒުގެ ވެރިކަމުގައި އަދި ސައުދީއާ ގުޅުން ފެންނަނީ ހީނަރުކޮށެވެ. ވެރިކަމުގެ ދެވަނަ އަހަރު ދެބައިވާންދާއިރު، ރައީސަކަށް ސައުދީ ރަސްގެފާނު ނުވަތަ ވަލީ އަހުދާ ބައްދަލުކުރެއްވިފައި ނެތެވެ. ސައުދީން މާބޮޑު އެހީތެރިކަމެއް ނުލިބުނު ނަމަވެސް ވެރިކަމުގެ ވަރަށް ކުރީކޮޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނާ ބައްދަލުކުރެއްވިއެވެ.

ރައީސް މުއިއްޒާއި ތުރުކީގެ ރައީސް އުރުދުޢާން-- ފޮޓޯ: ރައީސް އޮފީސް

ސުވާލަކީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ މަތީ ފަނޑިއާ ރައީސް މުއިއްޒާ ބައްދަލުވެވަޑައިނުގެން މިހާ ދިގުލައިގެން ދިޔައީ ކީއްވެތޯއެވެ؟ ފުރަތަމަ ޖެހުނު މައްސަލައަކީ ރައީސް ހުވައިކުރެއްވުމަށްފަހު ބޭރުގެ މަންދޫބުންނާއެކު ބޭއްވެވި ފަރިއްކޮޅުގައި ސައުދީ ރަސްގެފާނު ފޮނުއްވި މަންދޫބު ހިތްޕުޅާނުވާ ގޮތަށް އަމަލުކުރެއްވުމެވެ. ދެވަނަ މައްސަލައަކީ ސައުދީއަށް ވަޑައިގަތުމަށް ހަމަޖެހި ތާރީހު ޔަގީންނުވަނީސް ރައީސް އޮފީސް ތެރެއިން މީޑިޔާއަށް ވަކި ތާރީހެއް އިއުލާނުކުރުމެވެ. ތިންވަނަ މައްސަލައަކީ ސައުދީއަށް ވަޑައިނުގެން ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ސައުދީގެ ޖިއޯޕޮލިޓިކަލް ވާދަވެރިޔާ ނުވަތަ ހަތުރު ތުރުކީއަށް ވަޑައިގެން އެގައުމުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާނަކީ އިސްލާމީ އުންމަތުގެ އެންމެ ޝަރަފުވެރި ލީޑަރުކަމަށް ސިފަކުރެއްވުމެވެ.

ދެން ހެއްދެވި ގޯހަކީ ސައުދީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް ވަރަށް އާދައިގެ ބޭފުޅަކު ހަމަޖައްސަވަން އުޅުއްވުމެވެ. މިއިން ކޮންމެ ކަމަކީވެސް ސައުދީއަށް ރާއްޖެއިން ދޭ އަހަންމިއްޔަތު ކުޑަވަމުންދާކަން ހާމަވި ކަންކަމެވެ. އަރަބިންގެ ސަގާފަތުގެ ޒައްރެއްގެ މިންވަރު އެނގޭ މީހާއަށްވެސް މިއިން ކޮންމެ ކަމަކީ ބޭއިހުތިރާމުގެ އިންތިހާގެ ގޮތުގައި ސައުދީން މާނަކުރާނެކަން އެނގޭނެއެވެ. ނަމަވެސް ރައީސަކަށް އެމަނިކުފާނުގެ ހާރިޖީވަޒީރުންނަކަށް އަދި ސަރުކާރުގެ އެހެނިހެން ވެރިންނަކަށް މިކަންކަން ވިސްނިވަޑައިނުގަތެވެ. ނަތީޖާއަކީ ސައުދީންވެސް ކުރިން ލިބުނުފަދަ ބޮޑު އެހީތެރިކަމެއް ނުލިބުމެވެ. ރައީސް ސައުދީއަށް ކުރައްވާނެކަމަށް ސަރުކާރުން އިއުލާނުކުރި ފުރަމާނަ ދަތުރުފުޅު ލަސްވަމުން ގޮސް އެ ދަތުރުފުޅު ވަޑައިގެންނެވޭނެކަމާމެދު ޝައްކުވެސް އުފެދިއްޖެއެވެ.

އަދި ސައުދީ-ރާއްޖެ ގުޅުން އޭގެ އަސްލަށް ރުޖޫއަނުވާކަމުގެ އެންމެ އަލިގަދަ ހެއްކަކީ ރައީސް ޑރ.މުހައްމަދު ވަހީދުގެ ވެރިކަމާއި ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ރާއްޖެއަށް ދޭ ރަސްމީ ކޯޓާގެ އިތުރަށް ހާއްސަ ކޯޓާގެ ގޮތުގައި ދެމުން އަންނަ ހައްޖު ކޯޓާވެސް ނުހޯދުމެވެ. އިތުރު ކޯޓާ ހޯދަން މަސައްކަތްކުރާކަމަށް ނިމުނު އަހަރުވެސް ސަރުކާރުން ބުންޏެވެ. އެކަމެއް ނުވިއެވެ. މި އަހަރު އަދި އެވާހަކަ ސަރުކާރުން ނުދައްކައެވެ.

ޗައިނާއަށް ކުރެއްވި ދަތުރަށްފަހު ގުޅުން މަޑުޖެހުން

ރައީސް ހިމެނިވަޑައިގަންނަވާހެން ސަރުކާރުގެ ކެބިނެޓުގައި ތިއްބެވި ޔާމީނު އަރިހުގައި މަސައްކަތްކުރެއްވި ބޭފުޅުންނާ ޗައިނާ ސަރުކާރާ ގުޅުން ގާތެވެ. ރައީސާއި އިކޮނޮމިކް މިނިސްޓަރ ސައީދަކީ ޗައިނާއާ ކުރިއްސުރެ ގާތް ގުޅުމެއް އޮތް ބޭފުޅުންނެވެ. ނަމަވެސް ރައީސްގެ ފުރަތަމަ ފޮރިން މިނިސްޓަރަކީ ޗައިނާއާ އެހާ ގާތް ބޭފުޅެއް ނޫނެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މޫސާ ޒަމީރާ ގާތީ އިންޑިޔާއާއެވެ. ޒަމީރުގެ ކުންފުންޏެއްގެ ނަމުގައި އޮންނަ ބިމެއްގައި އަޅާފައިވާ އިމާރާތެއްގައި އިންޑިޔާ އެމްބަސީ ހިންގަމުންދާތީ ދެކެވޭ ވާހަކައަކަށްވެސް މިވާހަކަ ވެދާނެއެވެ.

ނަމަވެސް ޒަމީރު ފޮރިން މިނިސްޓަރުކަމުގައި ހުންނެވިއިރު ޗައިނާއާއެކު ކުރަންޖެހޭ ވަރަށް ގިނަ މުއާމަލާތްތައް ނުކުރެވި ލަސްވެގެން ދިޔަކަމަށް އެ މިނިސްޓްރީގެ ބައެއް މުވައްޒަފުން މައުލޫމާތު ދެއެވެ. ރައީސް ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެއްބަސްވެވަޑައިގެންނެވި ބައެއް ކަންކަން ލަސްވުމަށް މެދުވެރިވީ ޒަމީރުގެ ލީޑާޝިޕުގައި ފޮރިން މިނިސްޓްރީން ޗައިނާއާ ކުރަންޖެހޭ މުއާމަލާތްތައް ނުކުރެވި ލަސްވުމުންކަމަށް ބެލެވެއެވެ.

ރައީސް ޑރ. މުޙައްމަަދު މުއިއްޒު ޗައިނާގައި، އެގައުމުގެ ރައީސް ޝި ޖިންޕިންއާ ބައްދަލުކުރެއްވުން -- ފޮޓޯ/ ޒިންހުއާ

ދެވަނަ މައްސަލައަކީ ޗައިނާއާއެކު ވަކި ގޮތަކަށް ވާހަކަދެކެވިފައި ހުރި ކަންކަން އެނޫން ގޮތްގޮތަށް ކުއްލިއަކަށް ބަދަލުވުމެވެ. އުތުރުތިލަފަޅުގައި ދަނޑުވެރިކަމުގެ ބޮޑު މަޝްރޫއެއް ހިންގުމަށް އެއްބަސްވެވުނު ނަމަވެސް އެތަނުގެ ބިން ހިއްކައިގެން ހައުސިން މަޝްރޫއެއް ހިންގަން ނިންމުމާއި، އެތަނުގައި އަޅަމުންދާ ހާބަރާއި ކަނޑުގެ ސިފައިންގެ މަރުކަޒު އެޅުމުގެ މަސައްކަތް ހުއްޓާނުލައި އިންޑިޔާއާއެކު ކުރިއަށްގެންދިއުން ފަދަ ކަންކަމަކީ ދެ ކުލައިގެ ސިގްނަލު އެއްފަހަރާ ދެއްކުމެވެ. އެއިން ދައްކައިދެނީ ހާރިޖީ ސިޔާސަތުގެ އަމާޒެއް ނެތްކަމެވެ.

ޗައިނާއާއެކު ރައީސް ޔާމީނުގެ ވެރިކަމުގައި ވެވުނު އެއްބަސްވުންތައް ވަރަށް އަވަހަށް ތަންފީޒުވާން ފެށިތަން ފެނުނަސް ރައީސް މުއިއްޒުގެ ވެރިކަމުގައި ޗައިނާގެ އެހީގައި ހިންގަން އެއްބަސްވި ގިނަ މަޝްރޫއުތައް އަދި ނުފެށެއެވެ. މާލޭގެ މަގުތައް ހެދުމަކީ ބޮޑު މަޝްރޫއަކަށްވާތީ ލަސްވާނެ ކަމުގައި ބެލި ނަމަވެސް ވިލިމާލޭ ހޮސްޕިޓަލާއި އައްޑޫ ކަރަންޓު ވިއުގައިގެ މަސައްކަތް ނުފެށި ދިގުލައިގެންދާންވީ ސަބަބެއް ނެތެވެ.

އެ މަސައްކަތްތައް ކުރިއަށްނުގޮސް މަޑުޖެހިފައި އޮތީ ޗައިނާއާއެކު އޮންނަންވީ ވަރުގެ ގާތް ގުޅުމެއް ނެތުމުން ނުވަތަ ޗައިނާއާ މުއާމަލާތްކޮށްގެން މި މަސައްކަތްތައް އަވަސްކުރުމަށް ކުރަންޖެހޭ ކަންކަން ކުރަން ނޭނގޭތީ ކަމުގައި ބުނެވިދާނެއެވެ.

އިންޑިޔާ ހަނދާން ނުނެތޭނެ

ރައީސް ވެރިކަމަށް ވަޑައިގަތީ އިންޑިޔާއާ ދެކޮޅު ކެމްޕެއިނެއްގެ ތެރެއިން އުފެދުނު ގައުމީ ޖޯޝުގައެވެ. "އިންޑިޔާ އައުޓް" އުފެއްދި އަދި ހިންގި މީހުން އެ މަސައްކަތްކުރީ ހަގީގަތުގައިވެސް އިންޑިޔާގެ ހެޖޮމޮނީގެ ނުރައްކާ ރާއްޖެއަށް އޮތްކަމަށް ދެކިގެންނެވެ. ނަމަވެސް ރައީސް މުއިއްޒު ފަދަ ސިޔާސީ ބޭފުޅުންނަށް އެއީ އެވަގުތު ސިޔާސީ ގޮތުން ކުރިހޯއްދަވަން ލިބިވަޑައިގެންނެވި ފުރުސަތެކެވެ. އެހެންކަމުން ވެރިކަމަށް ވަޑައިގެންނެވުމާއެކު، އެކި ގޮތްގޮތުން މުޅި ކެމްޕެއިންގެ މަފުހޫމު ބަދަލުކުރައްވައި، އެއީ ހަމައެކަނި އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅު ކެމްޕެއިނެއް ގޮތުގައި ސިފަކުރެއްވިއެވެ. ނަމަވެސް އިންޑިޔާއަށް އޭގެ އަސްލު އޮޅުވައިލެވޭނެ ހެއްޔެވެ؟

އިންޑިޔާއާ އޮތް ގުޅުން ރަނގަޅުކުރަން ސަރުކާރުން މަސައްކަތްކުރަނިކޮށް ރައީސާ ވަރަށް އަރިސް ދެ އެކްޓިވިސްޓަކު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުރި ފުރައްސާރަވެސް އިންޑިޔާއިން ހަނދާން ނައްތައިނުލާނެއެވެ. މަގާމުން ވަކިކުރިޔަސް ކުރިން ތިބި މަގާމުތަކުގައި ލިބުނު މުސާރައަށްވުރެ ބޮޑު މުސާރަ ލިބޭ މަގާމުތައް އެވެރިންނަށް ދެއްވިކަމާއި، އެމީހުންނާ ރައީސާ ދެމެދު އޮތް ގާތްކަމަށް ކުޑަނަމަވެސް އުނިކަމެއް ނާންނަކަން އިންޑިޔާއަށް އެނގޭނެއެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީއާއި އެ ގައުމުގެ ރައީސާ އެކު ރައީސް މުއިއްޒުގެ ދެކަނބަލުން: މޯދީ ވިދާޅުވީ ރާއްޖެއަށް އަބަދު ވެސް ފުރަތަމަ އެހީވީ އިންޑިއާއިން ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

މިހުރިހާ ކަމެއްގެ ސަބަބުން އަވައްޓެރިކަމުގެ ގުޅުމަށް ބަލައި، ބައެއްކަހަލަ ލުއިތައް އިންޑިޔާއިން ހަމަޖެއްސިއްޔަސް މަޝްރޫއެއް ހިންގުމަށް، ބަޖެޓުގެ ތާށިކަން ފިލުވުމަށް އިންޑިޔާއިން އެހީތެރިކަމެއް ނުލިބެއެވެ.

މާލީ އިސްލާހުތައް ލަސްވެ އިތުބާރު ގެއްލެނީ

ރައީސް ވެރިކަމަށް ވަޑައިގެން ފުރަތަމަ ދުވަސްކޮޅު ވިއްކެވި އެންމެ ބޮޑު އެއްޗަކީ މާލީ އިސްލާހުތަކެވެ. "ހޯމް ގްރޯން ފިސްކަލް ރިފޯމްސް"ގެ ނަމުގައި މާލީ އިދާރާތަކާއި ދޭދޭ ގައުމުތަކަށް ރައީސް ހުށަހެޅުއްވީ ހަރަދު ކުޑަކޮށް އާމްދަނީ އިތުރުކޮށް، ބަޖެޓު ޑެފިސިޓު ކުޑަކުރުމުގެ ޕްލޭނެކެވެ. އެ ޕްލޭނަށް އައިއެމްއެފުން ތާރީފުކުރިއެވެ. ވޯލްޑް ބޭންކުން ތާއީދުކުރިއެވެ. އެ ޕްލޭނަށް ބަރޯސާވެ ރާއްޖޭގެ ކްރެޑިޓް ރޭޓިން އިތުރަށް ދަށްނުކޮށް އެއް މިންވަރެއްގައި ހިފަހެއްޓުމަށް ފިޗްއާއި މޫޑީސްއިން ނިންމިއެވެ.

ނަމަވެސް އެ އިސްލާހީ އެޖެންޑާގެ އެންމެ މުހިއްމު ބައިތަކުގެ ތެރެއިން އާސަންދައަށް ގެންނަ ބަދަލުތައް ބަޖެޓު ފޮތާއި، ޝޯޓް ޓާމް ފިސްކަލް ސްޓްރެޓެޖީ ނުވަތަ ކުރު މުއްދަތުގެ މާލީ ޕްލޭނުގައި ހިމެނި ގޮތަށް ތަންފީޒުނުކުރައްވާނެ ކަމަށް ބެލެވޭ ގޮތަށް ރައީސް ވާހަކަދައްކަވައިފިއެވެ. ސަބްސިޑީ އިސްލާހު ނުގެންނަވާނެކަމަށް ސަރީހަކޮށް ވިދާޅުވެއްޖެއެވެ. ބަޖެޓުގައި ހިމެނުނު މި އިސްލާހުތަކާމެދު މިއަހަރުގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވާހަކައެއް ނުދައްކަވައެވެ.

މިދެންނެވި ހުރިހާ ކަމެއްގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައުގައި ހާއްސަކޮށް މާލީ އެހީތެރިކަން ފޯރުކޮށްދޭ އިދާރާތަކާއި އެކުވެރި ގައުމުތަކުގެ މެދުގައި ރާއްޖެއަށް އޮތް އިތުބާރު ވަރަށް ބޮޑަށް ހީނަރުވެއްޖެއެވެ. އަދި ކުރިން ހުރިހާ އިދާރާއަކުން ތާރީފުކުރަމުން އައި އިގުތިސާދުގައި ދައުރުނުވާ ފައިސާތަކެއް މަރުކަޒީ ބޭންކުން އިގުތިސާދަށް ނެރުން ހުއްޓުމަކަށް ގެންނެވި ގެންނެވުންވެސް ބަދަލުކުރައްވައި ބިން ގަތުމުގެ މުއާމަލާތެއް ކަމުގައި ބުނެ މަރުކަޒީ ބޭންކުގެ ރިޒާވްގައި ނެތް ފައިސާތަކެއް މަރުކަޒީ ބޭންކު މެދުވެރިކޮށް އިގުތިސާދަށް ނެރުއްވަން އުޅުއްވާކަން ބައިނަލްއަގުވާމީ މުޖުތަމައަށްވެސް މިހާރު އޮތީ ޔަގީންވެފައެވެ.

މިހުރިހާ ކަމަކާއެކު ރައީސަށް ރާއްޖޭގެ މާލީ ހާލަތު މެނޭޖުކުރެއްވޭނެކަމާމެދު ކުރިން އޮތް އިތުބާރެއްނަމަ މިހާރުވަނީ ގެއްލިފައެވެ. ހުޅަނގުގެ ގައުމުތަކާއި މާލީ އިދާރާތަކުން އަންނަނީ މުއައްސަސާތަކާމެދު ސަރުކާރުން އަމަލުކުރަމުންދާ ގޮތް ކައިރިން ބަލަމުންނެވެ. އެކަންކަމުން ހީނަރުވަމުންދަނީ އިތުބާރެވެ. ގެއްލެމުންދަނީ މުސްތަގުބަލާމެދު އޮތް ޔަގީންކަމެވެ. އެ ފަރާތްތަކަށް ފެންނަނީ ގޯހުން ގޯހަށް ކަންކަން ހިނގަމުންދާ މަންޒަރެވެ. އެ މަންޒަރު އެހެން ގޮތަކަށް ކިޔައިދެވޭ މިންވަރުގެ ހަކަތަހުރި އެކަމުގެ ތަޖުރިބާ ހުރި ހާރިޖީވަޒީރެއްވެސް ސަރުކާރުގައި ނެތެވެ.

ހާރިޖިއްޔާގެ އިހުތިރާމެއް ނެތް ހާރިޖީވަޒީރުން

ރައީސް މުއިއްޒުގެ ހާރިޖީ ސިޔާސަތު ފެއިލުވުމުގެ މައިގަނޑު ސަބަބަކީ ހާރިޖީ ގުޅުންތަކާއި ޑިޕްލޮމަސީގެ ބަހުރުވައާއި އެ ފަންނުގެ އިލްމު އެއްވެސް މިންވަރަކަށް އެނގިވަޑައިނުގަންނަވާ ބޭފުޅުން ވަޒީރުކަމަށް ލެއްވުމެވެ. ނަތީޖާއެއްގެ ގޮތުން ފޮރިން ސާވިސްގެ އިހުތިރާމެއް އެއިން ބޭފުޅަކަށް ނެތެވެ. ކުރީގެ މިނިސްޓަރ ޒަމީރަކަސް، މިހާރުގެ މިނިސްޓަރ ޑރ.އަބްދުﷲ ހަލީލަކަސް ޖިއޯ-ޕޮލިޓިކްސްއާއި އެކި ގައުމުތަކުގެ ޑިޕްލޮމެޓިކް ކަލްޗާ އެނގިވަޑައިނުގަންނަވައެވެ.

އަރަބި ގައުމެއްގައި ހުންނަވާ ދިވެހި ސަފީރަކު ވިދާޅުވެދެއްވި ގޮތުގައި މިނިސްޓަރު ހަލީލު އެގައުމަށް ވަޑައިގެން އެ ގައުމުގެ މާލީ މުއައްސަސާއެއްގެ ވެރިޔަކާ ބައްދަލުކުރައްވައި ޕްރެޒެންޓޭޝަނެއް ހުށަހެޅުއްވިއިރު، 45 މިނިޓުގެ ވާހަކަ ނިމުނުއިރު ރާއްޖެއިން ބޭނުންވިކަމެއް، އަދި އެކަން ކޮށްދިނުމުން އެ ގައުމަށް ލިބިދާނެ ފައިދާއެއްވެސް ނޭނގުނެވެ. ވާހަކައިގެ އޮޅުންބޮޅުން ގިނަކަމުން ލަދުފުޅުގެންނެވިކަމަށް ސަފީރު ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު ޑރ. ޚަލީލް: -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ޑރ.ހަލީލުވެސް އުޅުއްވަނީ މިފަދަ ހާލުކޮޅެއްގައެވެ. އިންޑިޔާއަށް ވަޑައިގެން އެގައުމުގެ ޓީވީއަކަށް ދެއްވި އިންޓަވިއުއާއެކު ހަލީލަކީ ހާރިޖީވަޒީރުކަމުގައި ޑިޕްލޮމެޓިކް ލޭންގުއޭޖަށް ނުފަރިތަ ބޭފުޅެއްކަން ފާހަގަވެ، އިންޑިޔާގެ ބައެއް މުހައްލިލުންވެސް އެކަން ފާހަގަކުރެއްވިއެވެ.

ފޮރިން އެފެއާޒްއާއި ފިނޭންސްއަކީ ޓެކްނިކަލް އިލްމީ މަސައްކަތްތަކެއް ކުރަންޖެހޭ ދެ މިނިސްޓްރީއެވެ. އާއްމުކޮށް އެތަންތަނުގެ ވެރިންނަށް ރައީސުން ހަމަޖައްސަވަނީ އެ ދާއިރާތަކުގެ ތަޖުރިބާކާރުންނެވެ. ވޯލްޑް ބޭންކުން ބައްދަލުކުރަން އެދުމުން އެޕޮއިންޓްމެންޓެއް ނުދެއްވޭހާ ބޯހަރު ބޭފުޅުންނެއްވެސް ނޫނެވެ. ޔާމީނުގެ ފުރަތަމަ ފޮރިން މިނިސްޓަރަކީ ޔޫއެންގައި މަސައްކަތްކުރައްވައި ބައިނަލްއަގުވާމީ ގުޅުންތަކުގެ އަމަލީ ތަޖުރިބާ ހޯއްދަވާފައިވާ ދުންޔާ މައުމޫނެވެ. ދެވަނަ ވަޒީރު ޑރ.އާސިމަކީވެސް އެ ދާއިރާގެ ތަޖުރިބާކާރެކެވެ. ރައީސް ސޯލިހުގެ ފޮރިން މިނިސްޓަރަކީ ރާއްޖޭގައި ތިއްބެވި އެންމެ ތަޖުރިބާކާރު ޑިޕްލޮމެޓުންގެ ތެރެއިން ބޭފުޅެކެވެ. އެ ބޭބޭފުޅުންނާއި ރައީސް މުއިއްޒުގެ ދެ ފޮރިން މިނިސްޓަރުންނާ އަޅައިވިދާޅުވާން ކިޔުންތެރިންނަށް ދޫކޮށްލާނަމެވެ.

ހުލާސާއަކީ އެންމެ ގާތް އެކުވެރި ދައުލަތްތަކާ އޮންނަންވީ ގުޅުން އޮންނަންވީ މިންވަރަށް މިއަދު ނެތްކަމެވެ. ރާއްޖޭގެ މާލީ ހާލަތާމެދު ބޭރު ދުނިޔޭގެ އިތުބާރު ހޯދުމުގައި ހާރިޖީ ސިޔާސަތު ފެއިލްވެފައިވާ ކަމެވެ. ހާރިޖީ ސިޔާސަތު ހިންގުމުގެ ފަންނުވެރިކަމެއް ނެތް، އެކަމުގެ އިލްމެއް ނެތް، ޑިޕްލޮމެޓިކް ބަހުރުވައިގެ ކަންފުޅެއްވެސް އެނގިވަޑައިނުގަންނަވާ ވަޒީރުން ލައްވައިގެން އެބޭފުޅުންނަށް މިއިން ކަމެއް ރަނގަޅުކުރާނެ ގޮތެއް އެނގިވަޑައިނުގެން، ރައީސް މުއިއްޒުގެ ހާރިޖީ ސިޔާސަތު ފެއިލުވެ، މާލީ ތާށިކަމުން އަރައިގަނެވޭނެ އެއްވެސް މަގެއް ނުފެނި، އޮޅުވާލައިގެން، ބިމެއް ގަތުން ނިވާފަތްގަނޑަކަށް ހަދައިގެން ފައިސާ ޗާޕުކުރުން ނޫން ގޮތެއް ނެތިވާ ހިސާބަށް ރާއްޖެ އެކަހެރިވެއްޖެ ކަމެވެ.

comment ކޮމެންޓް