ސްޓްރެޓީޖިކް ބައްޔަކުން އިސްރާއީލް ބަލިވާތީ ސިފައިންގެ ތެރޭގައި ބޮޑު ނުކިޔަމަންތެރިކަމެއް

އިސްރާއީލު ސިފައިންގެ ޗީީފް އޮފް ސްޓާފް ޖެނެރަލް ހާޒީ ހަލޭވީ

ޓެލްއަވީވު: ޣައްޒާގައި އިސްރާއީލު ސިފައިން ދަނީ ސްޓްރެޓީޖިކް ބަލިވުމަކުން ބަލިވަމުން ކަމަށާއި މިކަމުގެ ޒިންމާ އިސްރާއީލުގެ ސިފައިންގެ ވެރިޔާ އަދި ޗީފް އޮފް ސްޓާފް ޖެނެރަލް ހާޒީ ހަލޭވީ ނަގައި އޭނާ އިސްތިއުފާ ދޭންޖެހޭ ކަމަށް އިސްރާއީލު ސިފައިންގެ އިސް އޮފްސަރުންތަކެއް ބުނެފިއެވެ.

މިއީ އިސްރާއީލު ގެ ތާރީޚުގައި ވެސް އެ ގައުމުގެ ސިފައިންގެ އިސް މަގާމުތަކުގައި ތިބި އޮފިސަރުންތަކެއް އެ މީހުންގެ އިސްވެރިޔާއާ ދެކޮޅަށް މިފަދަ މޭރުމަކުން ވާހަކަދައްކައި ފާޑުކީ ފުރަތަމަ ފަހަރެވެ. އަސްކަރީ އާދަކާދަތަކާއި ޓްރެޑިޝަން އޮންނަ ގޮތުން ސިފައިންގެ ދަށް ރޭންކްތަކުގެ މީހުން މަތީ ރޭންކްތަކުގެ މީހުންނަށް ފާޅުގައި ފާޑުކިޔުމަކީ ބޭއަދަބީ ކަމެކެވެ.

ނަމަވެސް، އިސްރާއީލުގެ އަސްކަރީ ތާރީޚުގައި ފުރަތަމަ ފަހަރަށް އެ ގައުމުގެ އޮފިސަރުންތަކެއް މިވަނީ ފާޅުގައި ސިފައިންގެ އިސް ކޮމާންޑަރު އަދި ޗީފް އޮފް ސްޓާފަށް ފާޑުކިޔައި އޭނާ ކުށްވެރިކޮށް ބަޔާންތައްދީ އިސްތިއުފާއަށް ގޮވާލާފައެވެ. މި މައްސަލައިގައި އިސްރާއީލު ސިފައިންގެ ތެރޭގައި ދެބަސްވުންތައް ބޮޑުވެފައިވާކަމަށް އެ ގައުމުގެ ނޫހެއްކަމަށްވާ "ހާއާޓްސް" ބުނެއެވެ.

ބްރިގޭޑިއާ ފެންވަރާއި އެއަށް ވުރެ ދަށް ރޭންކްތަކުގެ ބައެއް އޮފިސަރުން ބުނި ގޮތުގައި ސިފައިންގެ ވެރިޔާ އަދި ޗީފް އޮފް ސްޓާފަކީ ހަމާސް ޖަމާއަތާއި ހިޒްބުﷲ ޖަމާއަތާ ދެކޮޅަށް އިސްރާއީލު މިހާރު ކުރަމުންގެންދާ ވަރުގެ ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް މެނޭޖުކުރެވޭ ވަރުގެ ގާބިލު މީހެއް ނޫނެވެ.

ހަމާސް ޖަމާއަތާއި ހިޒްބުﷲ ޖަމާއަތުގެ އަތްދަށުން އިސްރާއީލު ސިފައިންނަށް ލިބޭ ގެއްލުންތަކުގެ ޒިންމާ ޝަޚްސީ ގޮތުން ޗީފް އޮފް ސްޓާފް ޖެނެރަލް ހާޒީ ހަލޭވީ ނަގައި ގާބިލު އެހެން މީހަކާ އެ މަގާމު ހަވާލުކުރުމަށް އިސްރާއީލުގެ އޮފިސަރުންތައް ހަލޭވީގެ ކިބައިން އެދިފައިވެއެވެ.

ޣައްޒާގެ އާންމުންގެ ބޮލަށް ބޮންއަޅައި އާންމުން މެރުމާއި ބޮޮޑެތި ކަށްވަޅުތައް ހަދައި އެ ތަންތަނުގައި އެތައް ސަތޭކަ ބަޔަކު ދިރި ތިއްބައި ވަޅުލުމާއި ހޮސްޕިޓަލްތަކާއި ސްކޫލުތައް ފުނޑާލައި ބަލި މީހުންގެ ބޮލަށް ބަޑި ޖެހުން ފަދަ ހަނގުރާމައިގެ ޖަރީމާތައް ހިންގުން ފިޔަވައި އެހެން އެއްވެސް ކަމެއް އިސްރާއީލު ސިފައިންނަށް ޣައްޒާގައި ނުކުރެވޭއިރު ހަމާސްގެ މުޖާހިދުންގެ ހަމަލާތަކުގައި އިސްރާއީލުގެ 10،000 އަށްވުރެ ގިނަ މީހުން މަރާލާފައިވާނެ ކަމަށް ގިނަ ފަރާތްތަކަކުން ލަފާކުރެއެވެ. ނަމަވެސް، އިސްރާއީލު އިއުތިރާފުވަނީ އެންމެ ދޮޅު ހާހެއްހާ މީހުން މަރުވިކަމަށެވެ.

އަނެއްކޮޅުން، އީރާނުގެ މަދަދު ލިބޭ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި ވަނީ އިސްރާއީލުގެ އުތުރުގެ ބޮޑު ސަރަހައްދަކަށް ބާރުގަދަ ހަމަލާތަކެއްދީ އެ ސަރަހައްދުގެ ބޮޑު ބައެއްގައި ހުޅުޖަހައި އަންދާލާފައެވެ. އިސްރާއީލުގެ މީޑީއާ ބުނާގޮތުން އިސްރާއީލުގެ އުތުރުގައިވާ އެތައް ސަތޭކަ އޭކަރެއްގެ ދަނޑުބިންތައް ހިޒްބުﷲއިން ވަނީ ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި އަންދާލައިފައެވެ.

ހިޒްބުﷲ އިން އިސްރާއީލުގެ އުތުރުގެ ބޮޑުބައެއް އަންދާލަނީ

މި ކަމާ ދެކޮޅަށް ވެސް އިންޒާރުތައް ދިނުން ފިޔަވައި އެހެން މާ ބޮޑު ކަމެއް އިސްރާއީލު ސިފައިންނަށް ހިޒްބުﷲ އާ ދެކޮޅަށް ކުރެވިފައިނުވާތީ އިސްރާއީލުގެ އޮފިސަރުންތައް ވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ.

ކުރިން އިސްރާއީލަކީ ލުބްނާނުން އަންނަ ހަމަލާއަކުން އެ ގައުމުގެ ސިފައިންގެ މީހަކަށް ކުޑަ އަނިޔާއެއް ލިބުނަސް ލުބްނާނުގެ އެކި ސަރަހައްދުތަކަށް އެއްގަމުން އަރައިގަނެ ވެރިރަށް ބައިރޫތަށް ވެސް ބޮންއަޅައި ވަރަށް ބޮޑަށް ގަދަބާރު ދައްކަމުން ގެންދިޔަ ގައުމެކެވެ.

ނަމަވެސް، ހިޒްބުﷲގެ ހަމަލާތަކުގައި ފާއިތުވެދިޔަ ހައެއްކަ މަސް ތެރޭގައި އިސްރާއީލު ސިފައިންގެ ސަތޭކައަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ވަނީ ޒަޚަމުވެފައެވެ. އަދި، ލުބްނާނާ އިންވެގެން އޮންނަ އިސްރާއީލުގެ ސަރަހައްދުތަކުގައިވާ އެތައް އަވަށެއް ހިޒްބުﷲގެ ހަމަލާތަކުގައި ވަނީ ފުނޑުފުނޑުވެފައެވެ.

ހިޒްބުﷲ ގެ ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އުތުރުގެ މި އަވަށްތަކުގައި ދިރިއުޅޭ ޔަހޫދީންގެ ދޮޅު ލައްކައެއްހާ މީހުންވަނީ ރެފިއުޖީންނަށްވެ، ދުރުގައިވާ ރައްކާތެރި ތަންތަނަށް ގެންގޮސް ވަގުތީ ފޭލިގެތަކުގައި ބައިތިއްބަން ޖެހިފައެވެ. މިވަރުގެ ބޮޑު ގެއްލުންތަކާ އެކު ވެސް ހިޒްބުﷲއާ ދެކޮޅަށް ޝާމިލު ބޮޑު ހަނގުރާމައެއް ފަށަން އިސްރާއީލަށް ކެރިފައިނުވާތީ މި އޮފިސަރުންތައް ވަނީ މިއީ އިސްރާއީލުގެ އަސްކަރީ ހައިބަތު އެއްކޮށް ގެއްލިގެން ދިޔަ ކަމެއްކަމަށް ސިފަކޮށްފައެވެ.

ހިޒްބުﷲ ގެ ހަމަލާތައް ވަރުގަދަ ކުރަނީ ވެސް އިސްރާއީލުގެ މި ބަލިފައިތަކުގެ ހަގީގަތާއި ލުބްނާނާ ދެކޮޅަށް ފުޅާދާއިރާއެއްގައި ހަނގުރާމަ ފަށަން އިސްރާއީލަށް ނުކެރޭނެކަން އެ ޖަމާއަތުގެ ވެރިންނަށް އެނގޭތީ ކަމަށް މުހައްލިލުން ވިދާޅުވެއެވެ.

ފުޅާ ދާއިރާއެއްގެ ހަނގުރާމައެއް ހިޒްބުﷲއާ ދެކޮޅަށް ފަށައިފި ނަމަ އިސްރާއީލުން ލުބްނާނަށް ބޮންއަޅައިގެން ލުބްނާނަށް ބޮޑެތި ގެއްލުންތަކެއް ދިން ނަމަވެސް ހިޒްބުﷲ ގެ ވަރުގަދަ މިސައިލް ހަމަލާތަކާއި ރޮކެޓް ހަމަލާތަކުން އިސްރާއީލުގެ ވެރިރަށް ޓެލްއަވީވު ހިމެނޭގޮތަށް އިސްރާއީލުގެ ގިނަ ސިޓީތަކެއް ވެސް ފުނޑާލާނެކަން އިސްރާއީލަށް ރަނގަނޅަށް އެނގޭ ކަމަށް މުހައްލިލުން ވިދާޅުވެއެވެ.

ޣައްޒާގައި އިސްރާއީލަށް އަސްކަރީ މަގުސަދުތައް ހާސިލުނުކުރެވޭއިރު އެކަން ފޫބެއްދުމަށް އިސްރާއީލުން ޣައްޒާގެ އާންމުން ކޮންމެ ދުވަހަކު މަރަމުން ގެންދާތީ މުޅި ދުނިޔޭގައި އިސްރާއީލުވަނީ ގާނޫނުތަކަށް ގޮންޖަހަމުންދާ ކުށްވެރި އަދި ނުކިޔަމަންތެރި އަނިޔާވެރި ދައުލަތެއްގެ ޓެގު އެޅިފައެވެ. ނަސްލު ނައްތާލަން މަސައްކަތްކުރާ މުޖުރިމު ދައުލަތެއްގެ ގޮތުގައި މުޅި ބައިނަލްއަގުވާމީ މުޖުތަމައުގައި އިސްރާއީލުވަނީ ލޭބަލްވެ އެކަހެރިވެފައެވެ.

އިސްރާއީލުގެ ވެރިން ހައްޔަރުކުރުމުގެ އަމުރަކަށް ވެސް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓަރު ވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގެންފައެވެ. މިއީ އިސްރާއީލުގެ ބާރާއި ނުފޫޒު ދުނިޔޭގައި ކުޑަވަމުންދާކަމުގެ ހެއްކެއް ކަމަށް މުހައްލިލުން ދެކެއެވެ.

ޣައްޒާގައި އާންމުން މަރައި ގަތުލުއާންމުތައް ހިންގުމުގެ ސަބަބުން އިސްރާއީލު ދުނިޔޭގައި އެކަހެރިވެފައިވާއިރު އިސްރާއީލުގެ އާންމުން ވެސް މިހާރުވެފައި ވަނީ ދުނިޔޭގެ ގައުމުތަކުގެ ރައްޔިތުންގެ ނަފުރަތު ލިބިފައިވާ ބަޔަކަށެވެ. ގައުމެއްގެ ގޮތުގައި އިސްރާއީލަށް ލިބެމުންދާ ސްޓްރެޓީޖިކް ގެއްލުންތައް ދުވަހަކު ވެސް ދެން އިސްރާއީލަށް ފޫނުބެއްދޭނެކަމަށް މުހައްލިލުން ވިދާޅުވެއެވެ.

އިސްރާއީލު ސިފައިން ޣައްޒާގައި ކާމިޔާބު ހޯދާކަމަށް ބުނެ އިސްރާއީލު ސިފައިންގެ މުއައްސަސާއިން ނެރޭ ބަޔާންތަކަށް ވެސް އިސްރާއީލު ސިފައިންގެ ވެރިޔާގެ އިސްތިއުފާއަށް ގޮވާލި އިސްރާއީލުގެ އިސް އޮފިސަރުންތައް ފާޑުކިޔާފައިވެއެވެ. އެ މީހުން ބުނާ ގޮތުގައި ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުން މިނިވަން ކުރެވޭނެކަމާއި ހަމާސް ޖަމާއަތް ބަލިކުރެވޭނެ ކަމަށް ބުނެ އިސްރާއީލުގެ އަސްކަރިއްޔާއިން ނެރޭ ބަޔާންތަކަށް އިސްރާއީލުގެ އާންމުންގެ ގިނަ ބަޔަކު މިހާރު އިތުބާރެއް ނުކުރެއެވެ.

އެއީ، އިސްރާއީލުގެ އަސްކަރީ ބަޔާންތަކަކީ ހަގީގަތެއް ކަމަށް ނުވާތީއާއި ޣައްޒާގައި މަރާލެވޭ އިސްރާއީލު ސިފައިންގެ ހަގީގީ އަދަދު ވެސް ފޮރުވަމުންދާތީއެވެ. މިއީ ވެސް ވަރަށް ބޮޑު މައްސަލައެއް ކަމަށް މި އޮފިސަރުން ބުނެފައިވެއެވެ.

އަނެއްކޮޅުން ހަމާސް ޖަމާއަތުން މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގެ ސަބަބުންނާއި ބަދަލުހިފުމުގެ ގޮތުން އީރާނުން އިސްރާއީލަށް ދިން ވަރުގަދަ ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އަސްކަރީ ހައިބަތަށް އަރާފައިވާ އާދަޔާ ޚިލާފު ލޮޅުންތަކާއި ގެއްލިފައިވާ އިސްރާއީލުގެ ހައިބަތާއި ޑިޓަރެންސާއި ދިފާއީ ބާރު އަލުން އަނބުރައި ހޯދުމަށް އިސްރާއީލު ކުރި މަސައްކަތް ވެސް ޣައްޒާގައި ހަމާސް ބަލިކޮށް ނުލެވުމުން އިސްރާއީލަށް ވަނީ ނާކާމިޔާބުވެފައި ކަމަށް މި އޮފިސަރުންތައް ބުނެފައިވެއެވެ.

comment ކޮމެންޓް