ރާޢްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރުމަށް ކުރިއަށް ގެންދާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ.
މި ޕްރޮގްރާމް އިފުތިތާހުކުރުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު ހެނދުނު ލޮނުޒިޔާރަތް ޕާކުގައެވެ. މި މަޝްރޫއު ފެއްޓެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންވެސް ވަނީ ގަސް އިންދަވާފައެވެ.

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ރައީސް ފައްޓަވައި ދެއްވުން: މިކަން ފެއްޓެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންވެސް ވަނީ ގަސް އިންދަވާފައި-- ސަން ފޮޓޯ: ނާއިޝް ނާހިދު
މި ޕްރޮގްރާމާއި އެކު ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި، އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި އަދި މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ފެނިގެންދެއެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން، ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމް އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި ޕްރޮގްރާމްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ލޯގޯ އިފުތިތާހު ކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފްގެ ދެކަނބަލުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި، ދަޢުލަތުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ފަސް މިލިއަން ގަސް އިންދެވުމުގެ ޕްރޮގްރާމެއް ހިންގެވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވީ ތިމާވެށީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ކޮޕް28ގައެވެ.
މި ޕްރޮގްރާމްގައި އިސްކަން ދެއްވާފައިވަނީ ރާއްޖެއިން ނެތެމުންދާ ގަސްތައް ދިރުވައި އާލާ ކުރުމަށެވެ. އެގޮތުން 90 ބާވަތެއްގެ ގަސް މި ޕްރޮގްރާމްގައި އިންދުމަށް ވަނީ ހަމަޖައްސާފައެވެ.