އަވަށްޓެރި ސްރީލަންކާއަށް ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިހާރު ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހައާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވެސް ވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމާމެދު މަޝްވަރާކުރައްވައިފައެވެ.
ހަަމައެއާއެކު މި ދަތުރުފުޅުގެ ތެރެއިން މިއަދު ދެ ގައުމުގެ ފޮރިން މިނިސްޓަރުންވަނީ ދެ ގައުމަކީ މަސްވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ދެ ގައުމަށް ވާތީ، ޤަވައިދާ ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް މަޝްވަރާކުރައްވައިފައެވެ.
އެ ބައްދަލުކުރެއްވުމަށް ފަހު މިނިސްޓަރު ޒަމީރު ދެއްވި ނޫސް ބަޔާނުގައި ވިދާޅުވީ، ދެ ގައުމަކީ މަސްވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ދެ ގައުމު ކަމަށްވާތީ ދެ ގައުމުގެ ދެމެދު މަސްވެރިކަން ކުރާ ސަރަޙައްދުތައް ބަލައި ޤަވައިދާ ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓެވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.
މީގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ދޮށީގެ މަސްވެރިކަން ކުރުމާ ގުޅޭ މައުލޫމާތު ލަންކާގެ މަސްވެރިންނަށް ފޯރުކޮށްދިނުމަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމަށް މިނިސްޓަރު ޒަމީރު ވަނީ ވިދާޅުވެފައެވެ.