ރާއްޖެއާއި ސްރީލަންކާ، މި ދެ ގައުމަކީ މަސްވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ދެ ގައުމަށް ވާތީ، ޤަވައިދާ ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް ދެ ގައުމުގެ ފޮރިން މިނިސްޓަރުން މިއަދު މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައި ވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީއާއެކު ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.
އެ ބައްދަލުކުރެއްވުމަށް ފަހު މިނިސްޓަރު ޒަމީރު ދެއްވި ނޫސް ބަޔާނުގައި ވިދާޅުވީ، ދެ ގައުމަކީ މަސްވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ދެ ގައުމު ކަމަށްވާތީ ދެ ގައުމުގެ ދެމެދު މަސްވެރިކަން ކުރާ ސަރަޙައްދުތައް ބަލައި ޤަވައިދާ ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓެވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.
މީގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ދޮށީގެ މަސްވެރިކަން ކުރުމާ ގުޅޭ މައުލޫމާތު ލަންކާގެ މަސްވެރިންނަށް ފޯރުކޮށްދިނުމަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމަށް މިނިސްޓަރު ޒަމީރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ވެސް ދެ ގައުމުގެ އިގްތިސާދު ކުރިއަރުވައި ތައުލީމާއި ވިޔަފާރި އަދި ސިއްހީ ދާއިރާ ކުރިއެރުވުމަށް ވެސް ދެ ގައުމުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. އޭގެ ތެރޭގައި:
- ކުރު މުއްދަތަކަށް ދެ ގައުމުގެ ދެމެދު ދަތުރުކުރާ ރައްޔިތުންނަށް ވިސާގެ ކަންތައްތައް ލުއިކުރުމަށް ދެ ގައުމުން ވެފައިވާ އެއްބަސްވުން ދެމެހެއްޓުމަށް މަޝްވަރާކުރެއްވިއެވެ.
- ރާއްޖެއާއި ސްރީލަންކާއާ ދެމެދު ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްތައް ކުރިއެރުވުމަށްޓަކައި އިތުރު ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އެއްބަސްވެފައިވެއެވެ.
- ރާއްޖެއާއި ސްރީލަންކާއަކީ މިހާރު ވެސް ސަލާމަތީ އަދި ދިފާއީ ދާއިރާއިން ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ގައުމުކަން ފާހަގަކުރައްވާ ދެ ގައުމުގެ އޮފިސަރުންނަށް ތަމްރީނުގެ ފުރުސަތުތައް އިތުރުކުރުމަށް އެއްބަސްވެފައިވެއެވެ.
- ޓެރަރިޒަމާއި ހަރުކަށި ފިކުރާއި، މަސްތުވާތަކެއްޗާއި، އިންސާނީ ވަގުފާރި ހުއްޓުވުމާއި، އިންސާނީ ހައްގުތައް ކުރިއެރުވުމާއި ހިމާޔަތްކުރުމަށް މަޝްވަރާކޮށްފައިވެއެވެ.
- މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން މިޓިގޭޝަން އާއި އެޑަޕްޓޭޝަންގެ ދާއިރާއިން ވެސް އިތުރު މަސައްކަތްތަކެއް ކުރުމަށް އެއްބަސްވެފައިވެއެވެ.
މީގެ އިތުރުން އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ އުދުވާނީ ހަމަލާތައް އެއްކޮށް ހުއްޓާލައި އެ ސަރަހައްދަށް ހަމަޖެހުން ގެނައުމަށް ދެ ގައުމުން ވެސް ބޭނުންވާކަމަށް އެ ބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާފައިވެއެވެ.
މިނިސްޓަރު ޒަމީރު ލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ މިދިޔަ ހޯމަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް ދެ ގައުމުގެ ކުރިއެރުމަށްޓަކައި މަޝްވަރާތައް ބޭއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.