ކ. ގުރައިދޫގައި މިއަދު ފުލުހުންނަށް އިންޒާރު ދިން ކުޑަކުއްޖަކަށް ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލައިފިއެވެ.
ގުރައިދޫގައި ކުޑަކުއްޖަކާއި ފުލުހުންނާ ދެމެދު ހަމަނުޖެހުމެއް ހިނގާ ވީޑިއޯއެއް މިއަދު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ ރަށުގައި މިއަދު 17 އަހަރުގެ ފިރިހެން ކުއްޖަކު ސައިކަލެއްގައި ދަނިކޮށް، ފުލުހުން އެކުއްޖާ ހުއްޓުވައި މައުލޫމާތު ސާފުކުރަން އުޅުމުން ފުލުހުންނަށް އިންޒާރުދީފައިވާ ކަމަށެވެ.
އެހެންވެ، އެ ކުއްޖާ ގުރައިދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސް ބެލެނިވެރިންގެ ހާޒިރުގައި ނަސޭހަތް ދިނުމަށް ފަހު ބެލެނިވެރިންނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ގުރައިދޫއި ކުޑަކުއްޖަކަށް ބުލީކޮށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ސޯޝަލް މީިޑިއާގައި ދައުރުވަމުންދެއެވެ. ފުލުހުން ބުނީ މިއީ ކުރިން ހިނގާފައިވާ ހާދިސާއެއްގެ ވީޑިއޯއެއް ކަމަށާއި މިކަމާ ގުޅިގެން ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
ކުޑަކުދިން ކުށްތަކަށް އަރައިގަތުން ހުއްޓުވުމަށް މި ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމައިފައެވެ.
އޭގެ ތެރޭގައި، ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ، ކުށްކުރުމުގެ ނުރައްކާ އޮތް ކުދިން 18 އަހަރު ފުރެންދެން ބެލުމަށް ވަކިން ރަށެއްގައި އެކަމަށް ޚާއްޞަ ފެސިލިޓީއެއް ގާއިމުކުރަން ނިންމުމާއި އެ ކުދިންނަށް 18 ވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތް ކުރަންޖެހޭ ގޮތަށް އުސޫލެއް އެކުލަވާލަން ވިސްނުން ހިމެނެއެވެ.