އަނެއްކާވެސް ކުއްޖަކަށް ބުލީކުރާ މަންޒަރު ފެންނަ ވީޑިއޯއެއް؛ ފުލުހުން ފިޔަވަޅު އަޅައިފި

އަނެއްކާވެސް ކުޑަކުއްޖަކަށް ބުލީ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ފެންމަތިވެއްޖެ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ކުޑަކުއްޖަކަށް ބުލީ ކުރާ މަންޒަރު ފެންނަ އިތުރު ވީޑިއޯއެއް ސޯޝަލް މީޑިއާގައި ފެންމަތިވެއްޖެއެވެ.

މިއަދު މީސްމީޑިއާގައި ދައުރުވަމުން ދަނީ ކ. ގުރައިދޫ ކުއްޖަކަށް ބުލީކޮށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެކެވެ.

އެ ވީޑިއޯއިން ފެންނަނީ، ވީޑިއޯ ނަގަން ކެމެރާ ފަހަތުގައި ހުރެ ކުއްޖަކު ސުވާލުކުރުމުން، ޖަވާބު ދިން ކުއްޖާގެ ގައިގައި އެހެން ކުއްޖަކު ތަޅައި އަނިޔާކުރާ މަންޒަރެވެެ. އަނިޔާ ލިބުނު ކުއްޖާ ހަޅޭއްލަވައި، ރޯ އަޑު ވެސް ވީޑިއޯއިން އިވެއެވެ.

މިކަމާ ގުޅޭ ގޮތުން ގުރައިދޫ ކައުންސިލުން "ސަން"އަށް ބުނީ އެއީ ގާތްގަނޑަކަށް ދެ މަހެއްހާ ކުރިން ހިނގާފައިވާ ކަމެއް ކަމަށާއި އެކަމާ ގުޅިގެން ފުލުހުން ފިޔަވަޅު އެޅި ކަމަށެވެ.

ގުރައިދޫ ކައުންސިލުން ބުނީ މިކަމުގައި ބައިވެރިވީ 18 އަހަރު ނުވާ ދެ ކުޑަކުދިން ކަމަށެވެ.

ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން "ސަން"އަށް ވިދާޅުވީ އެ މައްސަލަ ގުރައިދޫ ފުލުހުން ތަހުގީގުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެ މައްސަލައިގައި ޝާމިލުވާ ކުދިންނާ މެދު އެޅި ފިޔަވަޅުގެ ތަފުސީލެއް މިހާތަނަށް ހާމަނުކުރައްވައެވެ.

ކުޑަކުދިންގެ މިފަދަ މަންޒަރުތައް ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރު ނުކުރުމަށް ފުލުހުން މީގެ ކުރިން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

މިދިޔަ ރޯދަމަހުގެ ތެރޭގައި، އއ. ރަސްދޫގައި ތަރާވީހް ނަމާދު ވަގުތު މިސްކިތުގައި ކުޑަ ކުއްޖަކަށް އަނިޔާކޮށް ބުލީކުރި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ، ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވެއެވެ.

https://sun.mv/190620

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެކަން ކުރި ކުދިން ދެނެގަނެ، އަނިޔާ ލިބުނު ކުއްޖާއަށް ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދީފައެވެ.

https://sun.mv/191408

ކުޑަކުދިން ކުށްތަކަށް އަރައިގަތުން ހުއްޓުވުމަށް މި ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމައިފައެވެ. އޭގެ ތެރޭގައި، ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ، ކުށްކުރުމުގެ ނުރައްކާ އޮތް ކުދިން 18 އަހަރު ފުރެންދެން ބެލުމަށް ވަކިން ރަށެއްގައި އެކަމަށް ޚާއްޞަ ފެސިލިޓީއެއް ގާއިމުކުރަން ނިންމުމާއި އެ ކުދިންނަށް 18 ވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތް ކުރަންޖެހޭ ގޮތަށް އުސޫލެއް އެކުލަވާލަން ވިސްނުން ހިމެނެއެވެ.

comment ކޮމެންޓް