ހިޔާ ފުލެޓެއްގައި ފޭރުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުން ދޫކޮށްލައިފި

ހިޔާ ފްލެޓެއްގައި މީހަކު ފޭރުނު މަައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ޓަވަރުން ބޭރަށް ނެރެފައި: އެ މައްސަލައިގައި ހައްޔަރުކުރި މީހުން ވަނީ ދޫކޮށްލާފައި -- ފޮޓޯ/ ސޯޝަލް މީޑިއާ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓެއް ކުއްޔަށް ދޭ ކަމަށް ބުނެ މީހަކު ގެންގޮސް ފޭރުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުން ވެސް ދޫކޮށްލައިފިއެވެ.

ފުލުހުން "ސަން"އަށް މައުލޫމާތު ދެމުން ބުނީ ރޭ ހިޔާ ފުލެޓުން ފޭރުނު މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހަތަރު މީހުންވެސް ދޫކޮށްލައިފައިވާ ކަމަށެވެ.

ރޭ ހަތަރު މީހުންގެ ގުރޫޕަކުން ވަނީ، ހިޔާ ފްލެޓެއް ކުއްޔަށް ދޭ ކަމަށް ބުނެ މީހަކު ގެންގޮސް އެ މީހާގެ އަތުން ފޭރިފައެވެ. އަދި އެ އަނިޔާ ލިބުނު މީހާ ފަހުން ބަޔަކު ގޮވައިގެންގޮސް އެ ހަތަރު މީހުން އަތުލައިގަނެ ވަނީ ބަރަހަނާ ކޮށްފައެވެ.

https://sun.mv/192812

ފުލުހުން މީގެ ކުރިން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ ހަތަރު ދިވެހީން ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 32 އަހަރުގެ ދެ ފިރިހެނުންނާއި 36 އަހަރުގެ ފިރިހެނަކާއި 45 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މީގެ ކުރިން، ހިޔާ ސަރަހައްދުގައި އަންހެނުންތަކެއް ދަޅަދައްކައިގެން ފޭރުނު މައްސަލައެއް ވެސް ފެންމަތިވިއެވެ.

ފޭރުމާއި ރަހީނުކުރުމުގެ މައްސަލަތައް ވެސް މިފަހުން ވަނީ ފެންމަތިވެފައެވެ. އެކަމަށް ސަމާލުވާން ފުލުހުން ވަނީ މީގެ ކުރިންވެސް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް