ފޭރެން އުޅެނިކޮށް އަތުލި ހަތަރު މީހުން ވަނީ އެހެންމީހެއްގެ އަތުންވެސް ފޭރިފަ

ފޭރުނު ކަމުގެ ތުހުމަތުގައި ބަޔަކު ގޮސް ބަރަހަނާކޮށް، ހިޔާ ޓަވަރުން ނެރުނު މީހުން: މަންޒަރު ދުށް މީހަކު ބުނީ އެ ހަތަރު މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް -- ސަން ފޮޓޯ/ މަންޒަރު ދުށް ފަރާތެއް

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓެއް ކުއްޔަށް ދޭ ކަމަށް ބުނެ މީހަކު ގެންގޮސް ފޭރުނު ހަތަރު މީހުން އެހެން ބައެއްގެ އަތުންވެސް ފޭރިފައި ވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ރޭ ހަތަރު މީހުންގެ ގުރޫޕަކުން ވަނީ ހިޔާ ފްލެޓުގެ ކޮޓަރިއެއް ކުއްޔަށް ދޭ ކަމަށް ބުނުމުން އެ ތަން ބަލަން ދިޔަ މީހެއް ބަރަހަނާކޮށް ފޭރިފައެވެ. އެ އަނިޔާ ލިބުނު މީހާ ފަހުން ބަޔަކު ގޮވައިގެންގޮސް އެ ހަތަރު މީހުން އަތުލައިގަނެ ވަނީ ބަރަހަނާ ކޮށްފައެވެ.

https://sun.mv/192796

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މައުލޫމާތު ސާފުކުރުމުން އެ ހަތަރު މީހުން އެހެން މީހެއްގެ އަތުންވެސް އެކިފަހަރު މަތިން ގިނަ އަދަދުތަކުން ފައިސާ ފޭރިފައި ވާކަމަށް މައުލޫމާތު ލިބިފައި ވާކަމަށެވެ.

މިކަން ކޮށްފައި ވަނީ ހަތަރު ދިވެހީން ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 32 އަހަރުގެ ދެ ފިރިހެނުންނާއި 36 އަހަރުގެ ފިރިހެނަކާއި 45 އަހަރުގެ ފިރިހެނެކެވެ. މި ހަތަރު މީހުންވެސް މިހާރު ހައްޔަރު ކޮށްފައިވާ ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން އިތުރަށް ކުރަންޖެހޭ ތަހުގީގުތައް ފުލުހުން ދަނީ ކުރަމުންނެވެ.

މީގެ ކުރިން، ހިޔާ ސަރަހައްދުގައި އަންހެނުންތަކެއް ދަޅަދައްކައިގެން ފޭރުނު މައްސަލައެއް ވެސް ފެންމަތިވިއެވެ. އެ މައްސަލާގައި ވެސް ވަނީ ބަޔަކު ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް