މަތީ ތައުލީމަށް އޭލެވެލް މުހިންމުތަ؟

ދަރިވަރުންތަކެއް ސްކޫލަށް ވަންނަނީ: -- ސަން ފޮޓޯ/ މޫސާ ނަދީމް

އޭލެވެލްގެ މުހިންމު ކަމުގެ ވާހަކަ އަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. ނިމުމެއް ނުވާ ދެބަސްވުމެއްވެސް މެއެވެ. އެއް ބަޔަކު އޭލެވެލް އަކީ މުހިންމު ކަމެއްގެ ގޮތުގައި ބުނާއިރު އަނެއް ބަޔަކު އޭލެވެލް ސިފަ ކުރަނީ އެއްވެސް ބޭނުމެއް ނެތް ހަޔާތުން ބޭކާރުވާ ދުވަސްތަކެއްގެ ގޮތުގައެވެ. އެއްބަޔަކު އެއީ ޒުވާން ދުވަސްވަރު ލިބޭ ބޭނުން ހިފަންޖެހޭ މުހިންމު ފުރުސަތެއްގެ ގޮތުގައި ސިފަ ކުރާއިރު އަނެއްބަޔަކަށް އެއީ މަޖާ ކުރަންވީ ޅަ ދުވަސްވަރު އަމިއްލަ ނަފުސަށް ދެވޭ އަނިޔާއެކެވެ. އިނގިރޭސި ބަހުން ބުނާނަމަ 'ޓޯޗާއެކެވެ'.

އޭލެވެލް ކިޔަވައި ނިންމައިފައި ތިބި އެކި ދަރިވަރުންގެ ޚިޔާލުވެސް މި ކަމުގައި ތަފާތެވެ. އެއް ބަޔަކަށް މިއީ ބޭކާރު ވަގުތު ތަކަކަށް ވީ އިރު އަނެއް ބަޔަކަށް މިއީ ވަރަށް މަޖާ ވަރަށް ގިނަ ކަންތައްތަކެއް ދަސްވި ދުވަސްވަރެކެވެ. އޭލެވެލް ނުކިޔަވައި ތައުލީމު ހާސިލު ކުރުމަކީ ވެސް ވަކި އުނދަގޫ ކަމެއް ނޫން ކަމުގައި ދެކޭ މީހުންވެސް ވަކި މަދެއް ނޫނެވެ. އޭލެވެލް ހެދި ނަމަވެސް ނުހަދާ ނަމަވެސް ކިޔަވާ ނިމޭއިރު އޮންނާނީ ހަމަ އެއް ކޮލިފިކޭޝަނެކޭ ބުނާ މީހުންވެސް އަދުގެ މުޖުތަމައުގައި އިތުރެވެ.

ޑިގްރީއާ ހަމައަށް ދާއިރު އޭލެވެލް މުހިންމު

އޭލެވެލްގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނސްޓަރު އަދި ކުރީގެ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސެއިން ސައީދު މުހައްމަދު ވިދާޅުވީ އޭލެވެލް އަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. އެގޮތުން އޭލެވެލް ހަދާ ކުއްޖާއަށް ގިނަ ފުރުސަތު ތަކެއް ހުޅުވިގެން ދާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"އޭލެވެލް ނުހެދީމަ ވާނެގޮތަކީ މަތީ ތައުލީމުގެ ފުރުސަތުތައް ހަނިވެގެންދާނެ. އޯލެވެލް ހަދައިފަ ފައުންޑޭޝަން ހެދީމަ ވާގޮތަކީ ފުރުސަތުތައް ހަނިވާނެ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފައުންޑޭޝަން ހަދައިގެން ކުރިއަށް ދެވެން އޮންނަނީ ވަކި އޭރިއާ އަކުން ކަމަށެވެ. މީގެ އިތުރުންވެސް އޭލެވެލް ހެދުމުން ކުއްޖާގެ ނޮލެޖު އިތުރުވާނެ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އޭލެވެލް ހަދާ ކުއްޖާ ހުންނާނީ ޑިގްރީ ކިޔަވަން ތައްޔާރަށް ކަމަށާއި، އެ ކުދިންނަށް ފަސޭހަކަމާއެކު އޭލެވެލް ކިޔެވޭނެ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"ހަމަ ކިރިޔާ ވެސް ފުރުސަތެއް އޮތިއްޔާ ރަނގަޅީ އޭލެވެލް ހަދައިގެން ދެން ޔުނިވާސިޓީ ޑިގްރީއަކާ ހަމައަށް ދިޔުން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޭލެވެކް ހަދާ ކުއްޖަކު، ސްޓެޓްސް، ކެމިސްޓްރީ، ބަޔޮލޮޖީ ފިޒިކްސް ކަހަލަ މާއްދާއަކުން އޭލެވެލް ހެދުމަށްފަހު އޭނާ ޑިގްރީއަށް ދާއިރު އެ ދާއިރާތަކުން ޑިގްރީ ފުރިހަމަ ކުރަން ވަރަށް ފަސޭހަވާނެ ކަމަށެވެ. އެހެން ނަމަވެސް އޭލެވެލް އާ ނުލައި ޑިގްރީއަށް ދާ ކުއްޖާއަށް ކޮންމެވެސް ވަރެއްގެ ދަތިތަކަކާ ކުރިމަތިލާން ޖެހޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"އޭލެވެލް ހަދައިފަ ހުންނަ ކުއްޖާ ވަރަށް ސްޓްރޯންގް ވާނެ،" ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގިނަ ފަހަރު އޭލެވެލް ހަދައިފައި ހުންނަ ކުއްޖާ ބަހަށް ވެސް ފަރިތަކަން ފާހަގަ ކުރެވޭ ކަމަށެވެ. އެހެންނަމަވެސް އޯލެވެލް ނިމޭއިރުވެސް ބަހަށް މޮޅު ކުއްޖަކު ހުރެދާނެކަން އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި މައުލޫމާތު ދިނުމުގެ ސެޝަންގައި ދަރިވަރުންތަކެއް --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އޭނާ ވިދާޅުވީ ދެ އަހަރު އިންގްލިޝް މީޑިއަމަށް އޭލެވެލް ކިޔެވުމަށް ފަހު ޔުނިވާސިތީއަށް ވަންނަ ކުއްޖާ އާއި ހަމަސްދުވަހުގެ ފައުންޑޭޝަނަކާއެކު ޔުނިވާސިޓީ ޑިގްރީއާ ހަމައަށް ދާ ކުއްޖާ ތަފާތުވާނެ ކަމަށެވެ. އެހެން ކަމުން އިނގްލިޝް މީޑިއަމަށް އޭލެވެލް ހެދުމަށްފަހު ޑިގްރީ ފުރިހަމަ ކުރާ ދަރިވަރަށް ޑިގްރީގައި ހުންނަ އެސައިންމެންޓުތައް ހަދަން ފަސޭހަވާނެ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"އެވްރެޖުކޮށް ބަލާއިރުގައި ފައުންޑޭޝަން މި ހަދަނީ ހަ ނުވަތަ ހަތް ވަރަކަށް މަންތްސް. އެ މަންތްސް ފައުންޑޭޝަން ހަދާއިރު ފައުންޑޭޝަނަކީ އެހާ ފުޅާ ދާއިރާއެއްގައި ޑިސިޕްލިންސް ތަކަށް، އެކަންތައްތަކަށް ފޯކަސް ކުރެވިފަ އެއް ނޯންނާނެ. އެހެން ނަމަވެސް އޭލެވެލްގައި ފުލް ކޮށް ދެ އަހަރުވަންދެން އިނގިރޭސި ބަހުން ކިޔަވާ އިރުގައި އޭނާގެ ލޭންގުއޭޖް ހަމަ ސްޓްރޯންގް ވާނެ ދެއްތޯ؟،"

އެހެން ނަމަވެސް އޭލެވެލް ނުހަދައި ކުރިއަށް ދާން ޖެހޭ ބައެއް ހާލަތްތައް ދަރިވަރުންނަށް ކުރިމަތިވާނެކަން އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ. އެފަދަ ހާލަތްތަކުގައި ފައުންޑޭޝަން ހަދައިގެން ޑިގްރީއާ ހަމައަށް ދިއުން ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

އޭލެވެލްގެ މުހިންމުކަމާއި ގުޅޭ ގޮތުން 'ސަން' އަށް މައުލޫމާތު ދެމުން އޭލެވެލް ހަދާ ނިންމާ މިހާރު ޔުނިވާސިޓީގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރެއްގެ ބެލެނިވެރިޔަކު ބުނީ އޭނާ ވެސް އޭލެވެލްއަކީ ވަރަށް މުހިންމު އެއްޗެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

އޭނާ ބުނީ އުމުރުން އެންމެ 16 ނުވަތަ 17 އަހަރުން ފެށިގެން އުމުރުން 19 އަހަރާ ދޭތެރޭ ކިޔަވަން މާލެ ފޮނުވާލާއިރު އެކަނި ކިޔަވަން ދޫކޮށްލުމަށް ވުރެ މުދައްރިސުންތަކެއްގެ ބެލުމުގެ ދަށުގައި ކިޔެވުމުން ސޯޝަލީ ވެސް ކުދިންނަށް ކުރިއެރުންތަކެއް ލިބޭ ކަމަށެވެ.

"އަޅުގަނޑަށް ފާހަގަ ކުރެވޭ އާންމުކޮށް އޭލެވެލް މިހަދާ ކުދިން އެ ކުދިން އޭލެވެލް ނިމެންވާއިރު ދުނިޔެއަށް ތިބެނީ ލޯހުޅުވިފަ. ހަމަ ގައިމުވެސް އަޅުގަނޑުގެ ދަރިފުޅަށް ކުރިއަށްވުރެ މާބޮޑަށް ދުނިޔޭގަ މި ހިނގާ ކަންކަމަށް ލޯހުޅުވި ކަންކަމާ ކުރިމަތިލާނެ ގޮތް ދަސްވިކަން އަޅުގަނޑަށް ފާހަގަ ކުރެވުނު،" އޭނާ ކިޔައިދިނެވެ.

އޭނާ ކިޔައިދިން ގޮތުގައި އެ އުމުރުގައި އަދި ކުދިންގެ ސިކުނޑި ޅަ ވާނެއެވެ. އެހެންވެ މީހުންގެ ތެރެއަށް އެ ގޮތަށް ނުކުންނައިރު މުދައްރިސުންތަކެއްގެ ބެލުމުގެ ދަށުގައި އޭލެވެލް ނިންމައިލައި ޔުނިވާސިޓީ ޑިގްރީ ހެދުން މުހިންމު ކަމުގައި އޭނާ ދެކެއެވެ.

މީގެ އިތުރަށް އޭލެވެލް ނިންމައިލުމަށް ފަހު ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީގައި ބެޗެލާ އޮފް އެކައުންޓިން އެންޑް ފައިނޭންސްގެ ތިން ވަނަ އަހަރު ފުރިހަމަ ކުރަމުންދާ އުމުރުން 23 އަހަރުގެ ޒުވާނަކު ބުނީ ޑިގްރީގައި މިހާތަނަށް އޭނާއަށް އެހާބޮޑު އުނދަގުލަކާ ނުލައި ހިފަހައްޓާލެވުނީ އޭލެވެލް ހެދުމުން ކަމަށެވެ.

"އަސްލު ފުރަތަމަ ހުންނަނީ ހަމަ އޭލެވެލްގައި ކިޔެވި އެއްޗެހި. ދެން ފަހުން ހަމަ ފަހަރަކަށް ވުރެ ފަހަރެއް ހަމަ އެ އެއްޗެހި އެޑްވާންސް ވަމުން އައިސްފަ ހުންނަނީ. އަސްލު ބޭސިކް އޭލެވެލްގައި ބޮޑަށް ކިޔެވިފައި ހުރީމަ ކަންނޭންގެ އެހާ އުނދަގުލަކާ ނުލައި ކުރިއަށް ދެވެނީ،" އޭނާ ކިޔައިދިނެވެ.

އޭނާ ބުނީ ބެޗެލާސް ޑިގްރީ އަކީ ފަސޭހަ އެއްޗެއް ނޫން ކަމަށެވެ. އެހެންވެ ކުރިން އޭގެ އެއްވެސް ފައުންޑޭޝަނެއް ނެތި، ކުރިއަށްދާން ވަރަށް އުނދަގޫވާނެ ކަމަށް ގަބޫލު ކުރެވޭ ކަން ވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ދަރިވަރުންތަކެއް ---

އޭލެވެލްއާ ނުލައިވެސް ތައުލީމީ ހަޔާތް އުނދަގުލެއް ނޫން

އޭލެވެލް ހެދުމުގައި ފައިދާ ތަކެއް ހުންނާނެ ކަމަށް ގިނަ މީހުން ގަބޫލު ކުރާއިރު، އޭލެވެލް ނުހަދައި ވެސް ކުރިއަށް ދެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

އެގޮތުން ސައިރިކްސް ކޮލެޖުގައި އިންފޮމޭޝަން ޓެކްނޮލޮޖީން ޑިގްރީ ހާސިލު ކުރަމުންދާ އުމުރުން 20 އަހަރުގެ ދަރިވަރަކު ބުނީ އޭލެވެލް ނުހަދާ ވެސް ޑިގްރީ ހެދުމަކީ އެހާ އުނދަގޫ ކަމެއް ނޫން ކަމަށެވެ. އޭލެވެލް ނިންމާލިއިރު ފުރަތަމަ އޭނާއަށް އެ ދުވަސްތައް ސިފަވީ ބޭކާރު ވަގުތުތަކެއްގެ ގޮތުގައި ކަމަށް ބުންޏެވެ.

"އަޅުގަނޑުމެން ނިމުނުއިރު އޭރު ވަރަށް ގިނައިން ކީ ދޯ އޭލެވެލް މުހިންމެއް ނޫނޭ ވަރަށް ފަސޭހައިން ކުރިއަށް ދެވޭނެއޭ މިހާރު ކޯހުގެ ފުރުސަތުތައް ހުރި ގޮތުން. އެހެންވެ އަސްލު އޭލެވެލް ނުހަދާ ކޯސް ހަދަން ފެށީ،" އޭނާ ކިޔައިދިނެވެ.

އެހެން ނަމަވެސް އޭލެވެލް ނުކިޔަވާ ކުރިއަށް ދެވުމުން އެކަމާ ދެރަ ނުވާކަމަށް އޭނާ ބުންޏެވެ.

"އަސްލު އަޅުގަނޑުމެންގެ ތެރެއިން މިގޮތަށް އޭލެވެލް ނުހަދާ ބައެއް ކުދިންނަކީ ފައިސާގެ ދަތިކަމާ ހުރެ މިކޮޅަށް އައިސް ވަޒީފާއެއް އަދާ ނުކޮށް ނުތިބެވޭނެތީ ނުކިޔަވާ ތިބޭ ކުދިން. އެހެންވެސް ވޭ އެކަމަކު އަނެއްބައި ކުދިންނަކީ ހަމަ 'ދޭ ޗޫޒް ނޮޓް ޓު ޑޫ އިޓް' ، މުހިންމު ކަމެއްގޮތުގަ ނުފެންނާތީ،" އޭނާ ބުންޏެވެ.

އޭނާ ބުނީ އޭލެވެލް ނުހެދި ނަމަވެސް ހަމަ ވަރަށް ފަސޭހައިން ޑިގްރީގައި އެބަ ކުރިއަށް ދެވޭ ކަމަށެވެ.

އޭލެވެލް ހެދުމާއި ނުހެދުމާ ގުޅޭ ގޮތުން ގިނަ ބަޔަކު ދެ ބަސްވުން ފާޅުކުރާއިރު، މިއީ ވަރަށް ވިސްނުންތެރިކަމާއެކު ދަރިވަރު ނިންމަން ޖެހޭނެ ނިންމުމެކެވެ. ކޮންމެ ކުއްޖަކު ވެސް ގޮތް ނިންމާނީ ދަރިވަރު ކުރިއަށް ދާން ބޭނުންވާ ދާއިރާއަކަށް ބިނާކޮށް އޭނާއަށް ހުރި ފުރުސަތުތަކާއި ގެއްލުން ތަކަށް ރިއާޔަތް ކޮށްފައެވެ.

comment ކޮމެންޓް