އިޒްރޭލު ޕާސްޕޯޓު މަނާކުރަން ނިންމި ނިންމުމަށް މައުމޫންގެ ތައުރީފު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް -- ސަން ފަޔާޒު މޫސާ

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ މީހުންނަށް ރާއްޖެ ނާދެވޭގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން ގާނޫނުތަކަށް ބަދަލުގެންނަން މި ސަރުކާރުން ނިންމި ނިންމުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތައުރީފު ކުރައްވައިފިއެވެ.

މިކަމާ ގުޅިގެން އެކްސްގައި މައުމޫން ކުރެއްވި ޕޯސްޓެއްގައި ވަނީ، އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުންނަށް ރާއްޖެ ނާދެވޭގޮތަށް ނިންމި ނިންމުން، އެހެން ދިވެހިންނެކޭ އެއްގޮތަށް އެމަނިކުފާނު ވެސް ބަލައިގަންނަ ކަމަށެވެ. އަދި އެކަމަށްޓަކައި އެމަނިކުފާނު ވަނީ ސަރުކާރަށް ތައުރީފު ކުރައްވާފައެވެ.

ސިޔާސީ ގޮތުން މާ ހަރަކާތްތެރި ނޫން ނަމަވެސް، ރާއްޖޭގެ މަސްލަހަތާ ގުޅޭ ބައެއް ކަންކަމަށް އެމަނިކުފާނު ބަސް ވިދާޅުވެއެވެ. އަދި އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމާ ދެކޮޅަށް އެމަނިކުފާނު ވާހަކަ ދައްކަވައެވެ.

އިޒްރޭލު މީހުންނަށް ރާއްޖެ ނާދެވޭގޮތަށް ގާނޫނުތަކަށް ބަދަލުގެންނަން ނިންމީ އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުންނެވެ. އެ ނިންމުމާ އެކު ގިނަ ބަޔަކު ވަނީ ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ.

https://sun.mv/192738

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އިޒްރޭލު މީހުން ރާއްޖެ އައުން މަނާކުރަން އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ވީހާ ވެސް އަވަހަށް ގެންނަން ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

އެކަން އަވަސްކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ޚާއްސަ ކޮމިޓީއެއް ވެސް އެކުލަވައިލައިފައެވެ. އެ ކޮމިޓީގައި ހިމެނެނީ:

  • ހޯމް މިނިސްޓަރު އިހުސާން
  • އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  • ބަންޑާރަނައިބު އަހުމަދު އުޝާމް
  • އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު
  • ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް
  • ފޮރިން މިނިސްޓަރު މޫސާ ޒަމީރު

އިޒްރޭލު ޕާސްޕޯޓު މަނާނުކޮށްގެން ރައީސް އޮފީސް ކައިރީ ރައްޔިތުން އިއްޔެ ވަނީ ނުރުހުން ވެސް ފާޅުކޮށްފައެވެ.

https://sun.mv/192735

މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 36،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

comment ކޮމެންޓް