އިޒްރޭލު ޕާސްޕޯޓު މަނާނުކޮށްގެން ރައީސް އޮފީސް ކައިރީ ނުރުހުން ފާޅުކޮށްފި

އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގޮވާލައި މިއަދު ބޭއްވި އެއްވުމުގެ ތެރެއިން: އެއްވުމުގެ ބައިވެރިން ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގޮވާލައިފައި -- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އިޒްރޭލު މީހުންނަށް ރާއްޖެ ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓު ބޭނުންކުރުން ހުއްޓައިނުލާތީ ރައީސް އޮފީސް ކައިރީ މިއަދު ނުރުހުން ފާޅުކޮށްފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން އަންނަނީ ފަލަސްތީނަށް ހަމަލާ ދެމުންނެވެ. އެ ކަމާ ގުޅިގެން އިޒްރޭލުގެ ޔަހޫދީންނަށް ރާއްޖެ ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން ގޮވާލައިތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. މިދިޔަ ހަފުތާގައި ވެސް އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ވެސް ހުށަހެޅިއެވެ.

ނުރުހުން ފާޅުކޮށް ޕާސްޕޯޓު ބޭންކުރަން ގޮވައިލާ މިއަދު ބޭއްވި އެއްވުން --- ސަން ފޮޓޯ: އިބްރާހިމް ނާއިޝް

ރައީސް އޮފީސް ސަރަހައްދުގައި މިއަދު ބޭއްވި އެއްވުމުގެ ބައިވެރިން ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރުން ލަސްވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން، އެއްވުމުގެ ބައިވެރިން ވަނީ ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމު ގައުމަކަށްވާއިރު، އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގޮވާލައި ރައްޔިތުން ނުކުމެ މުޒާހަރާ ކުރަން ޖެހުމަކީ ސަރުކާރުގެ ނުކުޅެދުންތެރިކަން ކަމުގައި ސިފަކޮށްފައެވެ. އެއްވުމުގެ ބައިވެރިން ވަނީ މުސްލިމު ނޫން ގައުމުތަކުން ވެސް އިޒްރޭލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާ ކަމަށް ބުނެފައެވެ.

އެ މީހުން ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން މަޖިލީހަށް ބިލު ހުށަހެޅީ ކޮން ޕާޓީއަކުންތޯ ނުބަލައި ބިލު ފާސްކޮށްދޭން ވެސް އެދިފައެވެ. އެއްވެސް ކުށެއް ނެތް މައޫސޫމް ކުޑަކުދިން މަރާއިރު، އިޒްރޭލު މީހުންނަށް ރާއްޖޭގެ އަތިރިމަތިތަކުގައި މަޖާކުރެވިގެން ނުވާނެ ކަމަށް ވެސް އެއްވުމުގެ ބައިވެރިން ވަނީ ގޮވާލައިފައެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގޮވާލައި ރައީސް އޮފީސް ސަރަހައްދުގައި މިއަދު ބޭއްވި އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

ފާހަގަކޮށްލެވޭ ގޮތުގައި ނިމުނު 19 ވަނަ މަޖިލީހުގައި ވެސް ވަނީ އިޒްރޭލު މީހުން ރާއްޖެ އެތެރެވިޔަނުދޭން ގޮވާލައި ގަރާރެއް ފާސްކޮށްފައެވެ. އެ ގަރާރު ފާސްކުރި ފަހުން 199 ދުވަސް ވަނީ ވެފައެވެ. އެހެންވެ، އެ ކަމުގައި އަމަލުކުރާނެ ގޮތެއް ސަރުކާރުން ސާފުކޮށްދޭން ޖެހޭނެ ކަމަށް މިއަދުގެ އެއްވުމުގެ ބައިވެރިން ވަނީ ގޮވާލައިފައެވެ.

މި ފަހަރު އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނެސްގެން އިޒްރޭލުގެ ޔަހޫދީންނަށް ރާއްޖެ އެތެރެނުވެވޭ ގޮތް ހަދަން ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރުމާ ގުޅޭ ގޮތުން ސަރުކާރުގައި ސުވާލުކުރުމުން މީގެ ކުރިން ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ފަލަސްތީނުގެ ހައްގުގައި ކުރަންޖެހުނު އެއްވެސް ކަމެއް ކުރަން ސަރުކާރުން ފަސްނުޖެހޭނެ ކަމަށެވެ. އަދި، އެ ގައުމުގެ ހައްގުގައި މިވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެކަމަކު، އިޒްރޭލު ޕާސްޕޯޓު މަނާކުރުމާ ގުޅޭ ގޮތުން މިހާތަނަށް ސަރުކާރުން ސާފު ޖަވާބެއް ދީފައެއް ނުވެއެވެ.

މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 36،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

comment ކޮމެންޓް