ރަސްމީ އިއްޒަތުގައި، އުފަން ރަށުގައި ޒައިދާންގެ ޖަނާޒާ ބާއްވައިފި

ޒައިދާނުގެ ސަންދޯކުގައި އަޅާފައި އޮތް ގައުމީ ދިދަ، ޒައިދާންގެ އާއިލާއާ ހަވާލުކުރުން -- ފޮޓޯ/ އެމްއެންޑީއެފް

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ލ. ކައްދޫގައި ކުރިއަށްގެންދިޔަ ތަމްރީނެއްގެ ތެރެއިން މިޔަރެއް ހަމަލާދީ ނިޔާވި ކޯޕްރަލް މުޙައްމަދު ޒައިދާންގެ ޖަނާޒާ ރަސްމީ ޢިއްޒަތުގައި، އޭނާގެ އުފަން ރަށް ރ. އުނގޫފާރުގައި މިއަދު ބާއްވައިފިއެވެ.

ޒައިދާންގެ ޖަނާޒާ ބާއްވާފައިވަނީ އަސްރު ނަމާދަށްފަހު، އުނގޫފާރު އިސްލާމީ މަރުކަޒުގައެވެ.

ޒައިދާންގެ ޖަނާޒާގެ ތެރެއިން -- ފޮޓޯ/ އެމްއެންޑީއެފް

މި ޖަނާޒާގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރު، ބްރިގޭޑިއާ ޖެނެރަލް އިސްމާޢީލް ޝަރީފާއި، އެޖުޓަންޓް ޖެނެރަލް، ބްރިގޭޑިއާ ޖެނެރަލް ޢަބްދުﷲ އިބްރާހީމާއި، ކޯސްޓްގާޑްގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް މުޙައްމަދު ސަލީމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބޭބޭފުޅުން ވަނީ ޒައިދާންގެ އާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައެވެ. އަދި ޖަނާޒާއަށްފަހު ސަންދޯކުގައި އަޅާފައި އޮތް ދިވެހިރާއްޖޭގެ ޤައުމީ ދިދަ، ޒައިދާންގެ އާއިލާއާ ވަނީ ހަވާލުކޮށްދެއްވާފައެވެ.

ޒައިދާން ނިޔާވެފައިވަނީ، ސިފައިންގެ ހައި ރިސްކް ތަމްރީނެއް ފުރިހަމަ ކުރަމުން ދަނިކޮށެވެ. މި ތަމްރީނު ކުރިއަށް ގެންދިއައީ ލ.މާވަށް ކައިރީ ކަނޑުގެ ސަރަހައްދުގައެވެ.

އެސަރަހައްދުން މިޔަރު ހަމަލާދީ ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ޒައިދާން ނިޔާވީ ލ.ގަން ރީޖަނަލް ހޮޮސްޕިޓަލްގައެވެ. ޒައިދާން ނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، މިއަދުން ފެށިގެން ދެ ދުވަސް ވަންދެން ސިފައިންގެ ދިދަ، ސިފައިންގެ މަރުކަޒުތަކުގައި ބައި ދަނޑިއަށް ތިރިކުރަން ވަނީ ނިންމައިފައެވެ.

ޒައިދާންގެ ޖަނާޒާ ބޭއްވީ ރަސްމީ އިއްޒަތުގެ ދެވަނަ ދަރަޖައިގައެވެ. މިޖަނާޒާގައި ސިފައިން ހަތް ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ.

އުނގޫފާރުގައި މިއަދު ބޭއްވި މި ޖަނާޒާގައި ސިފައިންގެ އިތުރުން، އެރަށުގެ ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ.

comment ކޮމެންޓް