ކަނޑުއޮތްގިރިއާ ހަވާލުވީ އެއްވެސް ބިމެއް ދޫކޮށްލާފައެއް ނޫން: ޣައްސާން

ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން: ވިދާޅުވީ ކަނޑިއޮއްގިރިއާ ހަވާލުވީ އެއްވެސް ބިމެއް ދޫކޮށްލާފައެއް ނޫންކަމަށް -- ފޮޓޯ/ މަޖިލިސް

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ބޭނުންކުރި ކ. ކަނޑުއޮތްގިރި އެމްއެންޑީއެފާ ހަވާލުކުރީ، އެމްއެންޑީއެފްގެ ދަށުގައިވާ އެއްވެސް ބިމެއް މިފްކޯއަށް ދޭގޮތަށް ނޫންކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ކަނޑުއޮތްގިރި މިފްކޯއާ ހަވާލުކުރީ މަސްވެރިންނަށް ބޭނުންވާ ޖާގަ ހުޅުމާލެ ބަނދަރުން ހަމަޖެއްސުމަށް މަޝްވަރާ ކުރުމަށްފަހުއެވެ.

މިކަމާ ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ކަނޑުއޮތްގިރި އެމްއެންޑީއެފާ ހަވާލުކުރީ މިދިޔަ ސަރުކާރުން އެމްއެންޑީއެފަށް ދިން 120،000 އަކަފޫޓުގެ ބިން މިފްކޯއަށް ދޭގޮތަށްތޯ ސުވާލު އުފައްދާފައެވެ.

މާރިޔާގެ އެ ސުވާލަށް ޖަވާބު ދެއްވާ ޣައްސާން ވިދާޅުވީ، ކަނޑުއޮތްގިރިއަކީ އެމްއެންޑީއެފަށް އިތުރުކުރެވުނު ރަށެއް ކަމަށެވެ.

"އެމްއެންޑީއެފްގެ އެއްވެސް ބިމެއް އުނިނުވެ, އިތުރުކުރެވުނު ރަށެއް،" ޣައްސާން ލިޔުއްވާފައި ވެއެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ސިފައިންނަށް ބިމެއް ދެއްވާފައެވެ. އެ އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ، ސިފައިންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެ ބިމުގައި ވެސް ބަނޑޭރިކޮށި ސްޓައިލަށް ކެންޓޯނަމެންޓް އެޅުމަށް ނިންމާފައި ވާކަމަށް އޭރު މާރިޔާ ވަނީ ވިދާޅުވެފައެވެ.

ކަނޑުއޮތްގިރި އެމްއެންޑީއެފާ ހަވާލުކުރިކަން ހާމަކުރެއްވީ މިދިޔަ ބުދަ ދުވަހު ފިޝަރީޒް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓްރު އަހުމަދު ޝިޔާމެވެ.

ކަނޑޮއޮތްގިރިއަކީ ކަންނެލި މަސްވެރި ކަމަށް ޚާއްސަކޮށް ކާރުހާނާއެއް ހިންގި ރަށެއް ކަމަށާއި ދިގު މުއްދަތަކަށް އެ ކަން ކުރެވުނު ނަމަވެސް، އެރަށުން އެދެވޭ ނަތީޖާއެއް ލިބިފައިނުވާ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

އެގޮތުން، ކަނޑުއޮތްގިރީގައި ހިންގި ކާރުހާނާ ބަދަލު ކުރާނީ ހުޅުމާލެއަށް ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވި ނަމަވެސް އެ ކާރުހަނާ ބަދަލު ކުރާނެ ތާރީޚެއް ވިދާޅުވެފައެއް ނުވެއެވެ.

މީގެއިތުރުން، ހުޅުމާލެ ބަނދަރުން ހަމަޖައްސާ ބިމަކީ މަސް ބަންދު ކުރާ ކަންނެލި މަސްވެރިންނަށް ރަނގަޅު ތަނަކަށް ވާނެ ކަމަށާއި ކަނޑުއޮތްގިރީގައި ކުރި މަސައްކަތްތަކަށް ބޭރުގެ މާލީ އެހީތެރިކަން ވެސް ލިބިފައި ހުރިކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް