ކޮފީއަކީ ގިނަ ބައެއްގެ ދުވަސް ފެށުމުގެ ބައިވެރިޔާއެވެ. ހެނދުނުގެ ނިދިން މީހާ ހޭލައްވައިލާ ތާޒާކޮށްލަދޭނީ ކޮފީ ތައްޓަކުން ކަމަށް ގަބޫލުކުރެވޭއިރު މިއީ އެއްގޮތަކަށް ވެސް ހަށިގަނޑަށް ހަކަތަ އިތުރުކޮށްދީ ނުވަތަ 'އެނަޖީ ބޫސްޓެއް' ގެނެސްދޭ ބުއިމެއް ނޫނެވެ.
މުޅި ދުނިޔޭގެ ނިސްބަތަށް ބަލާއިރު ދުވާލެއްގެ މައްޗަށް ކޮފީ ބޮވޭ އަދަދު ދެ ބިލިއަން ކޮފީ ތައްޓަށް އަރާ ކަމަށް ތަފާތު އެކި ދިރާސާތަކުން ދައްކައެވެ. ކޮފީ ތަށި ގިނަ ފަހަރަށް ބޯލަން ބޭނުން ވަނީ ހެނދުނު ހެނދުނާ ކަންނެތްކަން ފިލުވާ އޮށޯވެ، އޮންނަ އޮތުމާ ދުރުކޮށްދިނުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް، ހަށިގަނޑަށް ބޭނުންވާ ހަކަތަ އިތުރުކޮށްދިނުމުގައި ކޮފީގެ އެއްވެސް ދައުރެއް ނެތް ކަމަށް ސައިންސްގެ އެކި ދިރާސާތަކުން ވަނީ ދައްކާފައެވެ.
ކޮފީގައި އެކުލެވޭ އެންމެ މުހިންމު އެއް މާއްދާ ކަމަށްވާ ކެފެއިންގެ ސަބަބުން ސިކުނޑީގައި ހުންނަ ސެލްތައް އެކަތި އަނެކައްޗަށް ހަރަކާތްތެރިވާ މިންވަރު އިތުރުކޮށްދޭއިރު މި ކަމުގައި އެންމެ މުހިންމު ރޯލެއް އަދާކުރަނީ އެޑެނެސީން ކިޔާ ކޮމްޕައުންޑެކެވެ.
މި ކޮމްޕައުންޑަކީ އިންސާނުންގެ ހަށިގަނޑުގައި ހުންނަ ސެލްތަކުން ފެންނަ ކެމިކަލްއަކަށް ކިޔާ ނަމެކެވެ. އިންސާނާގެ ސިކުނޑިއަށް ލިބިދޭ ވަރުބަލިކަން އިތުރުވެ، ކަންނެތްވެ ނިދި އައުން ފަދަ ހަރަކާތްތަކަކީ އެޑެނެސީން ކޮމްޕައުންޑް ވަރަށް މުހިންމު ރޯލެއް ކުޅޭ ކަންކަމެވެ.
ހެނދުނު ހޭލެވޭއިރު މާ ބޮޑަށް ނިދި އަންނަކަމުގެ އިހުސާސް ކުރުވާ ކޮފީ ތައްޓަކުން އެކަމަށް އެހީތެރިވެވިދާނެ ކަމަށް އުއްމީދު ކުރިއަސް އެ ކަމަށް ހައްލެއް ލިބޭނީ ކުޑަ ހިނދުކޮޅަކަށެވެ. މޮލިކިއުލަ ނިއުޓްރިޝަނިސްޓް އެމާ ބެކެޓް ލިޔެފައިވާ ޖާނަލްއެއްގައި ބުނެފައިވާ ގޮތުގައި ކޮފީއަކީ ހަށިގަނޑަށް ދޫކޮށްލެވޭ ލޯނެކެވެ.
ކޮފީ ބުއިމަށް ފަހު ހަށިގަނޑަށް އޭގެ އަސަރުކުރުމާ އެކު ބައެއް ފަހަރު އޭގެ އެނބުރި އައުން އަންނާނީ ބަދަލުހިފުމަކާ އެކު ކަމަށް ބެކެޓް ބުނެފައިވެއެވެ. އެހެންކަމުން ކެފެއިންގެ ދަރަނި އަދާކުރުމުގެ ގޮތުން ގިނަ ފަހަރަށް ކޮފީގައި އެކުލެވޭ ކެފެއިންގެ އަސަރު ފިލުމާ އެކު ގަދަ ނިންޖަކަށް މީހާ ގެންދެއެވެ.