ތިން އަހަރުތެރޭ އެންމެ މަދުން ފަތުރުވެރިން އައި މެއި މަހަކަށް މިދިޔަ މަސް

ފަތުރުވެރިން ރާއްޖޭ މައި އެއާ ޕޯޓްގައި: މިދިޔަ މެއި މަހު ރާއްޖެއަށް ފަތުރުވެރިން އައި އަދަދު ވަނީ މަދުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވޭތުވެދިޔަ ދެ އަހަރާ އަޅައިބަލާއިރު މިއަހަރު މެއި މަހު ފަތުރުވެރިން ރާއްޖެ އައި މިންވަރު ބޮޑު އަދަދަކުން ދަށްވެއްޖެއެވެ.

ނިމިދިޔަ މެއި މަހު ރާއްޖެ އައިސްފައި ވަނީ، 119،875 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރާ އަޅައިބަލާއިރު، 1،084 ފަތުރުވެރިންގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ މެއި މަހު ރާއްޖެ އައީ 120,959 ފަތުުރުވެރިންނެވެ. އަދި އޭގެ ކުރިން، 2022ވަނަ އަހަރުގެ މެއި މަހު ރާއްޖެ އައިސްފައި ވަނީ، 125,528 ފަތުރުވެރިންނެވެ.

ވޭތުވެދިޔަ ދެ އަހަރާ އަޅާބަލާއިރު މިއަހަރުގެ މެއި މަހާ ހަމައަށް ރާއްޖެއަށް ފަތުރުވެރިން އައިސްފައި ވަނީ އެހެން އަހަރުތަކަށް ވުރެ ގިނައިންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާ ގޮތަށް ބަލާއިރު:

  • ޖަނަވަރީ: 192،835
  • ފެބްރުއަރީ: 217،392
  • މާޗް: 194،227
  • އެޕްރިލް: 168،366
  • މެއި: 119،875

ނިމިދިޔަ މެއި މަހު ރާއްޖޭއަށް ދުވާލެއްގެ މައްޗަށް އައީ އެވަރެޖް ގޮތެއްގައި 3،865 ފަތުރުވެރިންނެވެ. އަދި ރާއްޖޭގައި މަޑުކޮށްފައި ވަނީ 7.3 ދުވަހަށެވެ.

މެއި މަހު ރާއްޖެއަށް ފަތުރުވެރިން އައި އަދަދު ދަށްވުމާ ގުޅިގެން މަޓާޓޯއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މަޓާޓޯއިން ބުނީ، މިހިނގާ ޖޫން މަހާއި ކުރިއަށް އޮތް ޖުލައި މަހު ވެސް ރިސޯޓުތަކާއި ގެސްޓުހައުސްތައް ބުކްކޮށްފައިވާ މިންވަރު ހުރީ ކަންބޮޑުވާންޖެހޭ މިންވަރެއްގައި ކަމަށް، އެ ކުންފުނިން ހެދި ސާވޭއަކުން ދައްކާ ކަމަށެވެ.

އަދި މިމަހު ފެށޭ ޔޫރޯ ފުޓުބޯޅަ މުބާރާތާ ގުޅިގެން ވެސް ޔޫރަޕުން ރާއްޖެއަށް އަންނަ ފަތުރުވެރިން މަދުވާނެ ކަމަށް މަޓާޓޯއިން ވަނީ ލަފާކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައި ވަނީ، 895,764 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރަ އަޅާބަލާއިރު 82،790ގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައި ވަނީ، 812,914 ފަތުރުވެރިންނެވެ.

މިއަހަރުގެ މާކެޓުތަކުގެ ތެރެއިން ރާއްޖޭގެ އެންމެ ކުރީގައި އުޅެނީ ޗައިނާއެވެ. ޗައިނާއިން 101,202 ފަތުރުވެރިން އައިސްފައި ވާއިރު، ދެވަނައިގައި އުޅޭ ރަޝިއާ އިން އައިސްފައި ވަނީ 90,336 ފަތުރުވެރިންނެވެ. އަދި ތިންވަނައިގައި އުޅޭ އިނގިރޭސިވިލާތުން އައިސްފައި ވަނީ 85,208 ފަތުރުވެރިންނެވެ.

މިދިޔަ އަހަރު އެންމެ ކުރީގައި އޮތް އިންޑިއާ މިއަހަރު ވަނީ ހަވަނަ މާކެޓަށް ވެއްޓިފައެވެ. އެގޮތުން އިންޑިއާއިން މިއަހަރު ރާއްޖެ އައިސްފައި ވަނީ 53,852 ފަތުރުވެރިންނެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ނައިބު ވަޒީރުންތަކެއް ކުޑައިމީސް ކުރި މައްސަލައިގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ބޮއިކޮޓް ކުރަން ގޮވާލައި ބޮޑު ހަރާކަތެއް ކުރިއަށްގެންގޮސްފައިވެއެވެ.

އޭގެ ފަހުން، އިންޑިއާ ފަތުރުވެރިން އިތުރުކުރުމަށް އަމާޒުކޮށް ރާއްޖެއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ވިއްސާރަ ދުވަސްތަކާ ދިމާކޮށް، މެއި މަހާއި އޮގަސްޓު މަހާ ދޭތެރޭގައި އާންމު ގޮތެއްގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެއެވެ.

comment ކޮމެންޓް