ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތައް ހިންގަނީ ހާމަކަން ވަރަށް ކުޑަ ގޮތަކަށް: ޓްރާންސްޕޭރެންސީ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އޮފީސް ތެރެއަށް ފުލުހުން ވަނުން --

ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތައް ހިންގަނީ ހާމަކަން ވަރަށް ކުޑަ ގޮތަކަށް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކޯޕަރޭޓް ގަވަނަންސް ޓްރާންސްޕޭރެންސީ އިންޑެކްސް 2023 (ސީޖީޓީއައި 2023)ގެ ރިޕޯޓު އާއްމުކޮށްފައިވާއިރު ޓްރާންސްޕޭރެންސީން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ބައެއް ކުންފުނިތަކުން ވެސް މައުލޫމާތު ހާމަކުރާ މިންވަރު ބެލުމަށް އެސެސްމަންޓެއް ހަދާފައެވެ.

ޓްރާންސްޕޭރެންސީގެ ސީޖީޓީއައި ރިޕޯޓު އެކުލަވާލާފައި ވަނީ ފިނޭންސް މިނިސްޓްރީގެ ދަށުން މިދިޔަ އަހަރަށް ލިސްޓުކޮށްފައިވާ 32 އެސްއޯއީ ކުންފުނިތައް އެސެސް ކުރުމަށް ކުރި މަސައްކަތުގެ މައްޗަށެވެ. މި އެސެސްމަންޓްގެ މުއްދަތަކީ މިދިޔަ އަހަރުގެ އޮގަސްޓު 14 އިން ސެޕްޓެމްބަރު ތިނެއްގެ ނިޔަލަށެވެ.

މިދިޔަ އަހަރުގެ ސީޖީޓީއައިއިން ދައްކާ ގޮތުގައި 32 އެސްއޯއީގެ ތެރެއިން 20 އެސްއޯއީއަށް ވުރެ ގިނަ އެސްއޯއީއަށް ވަނީ 40 އިންސައްތައަށް ވުރެ ދަށުން މާކްސް ލިބިފައެވެ. އަދި އެއްވެސް އެސްއޯއީއަކަށް 80 އިންސައްތައަށް ވުރެ މަތިން މާކްސް ލިބިފައެއް ނުވެއެވެ.

އަދި އެންމެ ހަ އެސްއޯއީ ރަނގަޅު ކަމަށް ރޭޓް ކޮށްފައިވާއިރު ފަސް އެސްއޯއީ އަކީ އިމްޕްރޫވަބަލް ކަމަށް ރޭޓްކޮށްފައިވާ އެސްއޯއީތަކެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީޖީޓީއައި ރިޕޯޓު 2023: ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތައް ހިންގަނީ ހާމަކަން ވަރަށް ކުޑަ ގޮތަކަށްކަން ހާމަވެއްޖެ -- ފޮޓޯ/ ސީޖީޓީއައި ރިޕޯޓު

އެންމެ ރަނގަޅު ކަމަށް ރޭޓް ކޮށްފައިވާ ހަ އެސްއޯއީ:

  • ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ) - %67
  • ދިރާގު - %66
  • ހައުސިން ޑިވަލޮޕްމަންޓް ފައިނޭންސިން ކޯޕަރޭޝަން (އެޗްޑީއެފްސީ) - %63
  • ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) - %63
  • މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) - %62
  • މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) - %61

އިމްޕްރޫވަބަލް ކަމަށް ރޭޓްކޮށްފައިވާ ފަސް އެސްއޯއީ:

  • މޯލްޑިވްސް ޓޫރިޒަމް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) - %58
  • ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) - %53
  • މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) - %49
  • މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) - %49
  • މާލެ ވޯޓާ ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) - %45

ސީޖީޓީއައި ރިޕޯޓު ދައްކާގޮތުން ނަމަ މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް)ގެ ކުންފުނީގެ ވެބްސައިޓެއް ނެތުމުން އެ ކުންފުއްޏަށް ލިބިފައިވަނީ ސުމެކެވެ.

މި ސީޖީޓީއައި ރިޕޯޓުގައި އެސްއޯއީތަކުގެ ދެ ފުށް ފެންނަ ނިޒާމު ރޭޓު ކޮށްފައިވަނީ ހަ ކަމެއްގެ މައްޗަށް ބަލާފައެވެ. އެއީ:

  1. އެސްއޯއީގެ މިލްކުވެރިކަމުގެ ސިޔާސަތާއި މަގްސަދުތަކުގައި ޓްރާންސްޕޭރެންސީ
  2. ޖަމިއްޔާގެ ޓްރާންސްޕޭރެންސީ އަދި އެސްއޯއީގެ އޮޕަރޭޝަންތަކާއި ނަތީޖާ
  3. ދައުލަތާއެކު ކުރެވޭ މަސައްކަތްތަކުގެ ޓްރާންސްޕޭރެންސީ
  4. ޕްރައިވެޓް ސެކްޓާއާއެކު އިންތިޒާމުތައް ހަމަޖެއްސުމުގެ ޓްރާންސްޕޭރެންސީ
  5. ޓްރާންސްޕޭރެންސީ އިން ކޯޕަރޭޓް ރެސްޕޮންސިބިލިޓީ، އިންޓާނަލް ކޮންޓްރޯލް އަދި ކޯޕަރޭޓް އިންޓެގްރިޓީ
  6. ޑިރެކްޓަރުންގެ ބޯޑުގެ ޓްރާންސްޕޭރެންސީ

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީޖީޓީއައި ރިޕޯޓު 2023: ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތައް ހިންގަނީ ހާމަކަން ވަރަށް ކުޑަ ގޮތަކަށްކަން ހާމަވެއްޖެ -- ފޮޓޯ/ ޓްރާންސްޕޭރެންސީ

މި ރިޕޯޓުގައި ޓްރާންސްޕޭރެންސީން ފާހަގަކޮށްފައި ވަނީ އިވެލުއޭޓްކޮށްފައިވާ ގިނަ އެސްއޯއީތަކުގައި ދެފުއް ފެންނަ ނިޒާމުގެ ފެންވަރަކީ އެކަށީގެންވާ މިންވަރެއް ނޫން ކަމަށެވެ.

އެއީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނީ އަދި ރެގިއުލޭޓަރީ ފްރޭމްވޯކް ނުވަތަ ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްތަކަށް ފެތޭ މިންވަރެއް ނޫން ކަމަށް ޓްރާންސްޕޭރެންސީން ފާހަގަކޮށްފައިވެއެވެ.

އަދި ކުންފުނިތަކުގެ އޮޕަރޭޝަންތަކާއި، ފައިނޭންޝަލް ޕާފޯމަންސްއާ ގުޅޭ މުހިންމު މައުލޫމާތުތައް ހާމަކުރުމާއި، ދައުލަތާއި ޕްރައިވެޓް ސެކްޓާއާ ގުޅުން ހުރި ކަންކަމާއި، އެތެރޭގެ އޮނިގަނޑުތަކާއި، ސިޔާސަތުތަކާއި، ކޯޕަރޭޓް އިންޓެގްރިޓީއާ ގުޅުންހުރި އުސޫލުތަކާއި، ޑިރެކްޓަރުންގެ ބޯޑާ ގުޅޭ މައުލޫމާތުތައް މަދުކަން ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް