އީރާނުން ހޫޘީންނަށް ''ޣަދުރު'' މަރުކާގެ ޒަމާނީ މިސައިލްތަކެއް ފޯރުކޮށްދީފި

އީރާނުގައި އުފައްދާ "ޣަދްރު" މަރުކާގެ މިސައިލެއް ތަޖުރިބާ ކުރަނީ

ތެހެރާން (2 ޖޫން 2024): ރަތްކަނޑާއި ބާބުލްމަންދަބު ކަނޑުއޮޅި އަދި މެޑިޓަރޭނިއަން ކަނޑުން ދަތުރުކުރާ އިސްރާއީލުގެ އާގު ބޯޓުތަކަށް ހަމަލާދޭ ޔަމަންގެ ހޫޘީ ޖަމާއަތަށް، އީރާނުން ޒަމާނީ މިސައިލްގެ ޝިޕްމަންޓެއް ފޯރުކޮށްދީފި ކަމަށް އީރާނުގެ ނޫސް އެޖެންސީއަކުން ބުނެފިއެވެ.

އީރާނުގެ "ތަސްނީމް" ނޫސް އެޖެންސީން ނެރުނު ރިޕޯޓެއް ބުނާގޮތުން އީރާނުން ވަނީ އެ ގައުމުގައި އުފައްދާ "ޣަދްރު" މަރުކާގެ ބަލިސްޓިކް މިސައިލްގެ ބޮޑު ޝިޕްމަންޓެއް ދާދި ފަހުން ހޫޘީންނަށް ފޮނުވާފައެވެ.

ނަމަވެސް، ފޯރުކޮށްދިން ގޮތެއް ހާމަކޮށްފައެއް ނުވެއެވެ. ޣައްޒާގެ އާންމުން މެރުމަށްޓަކައި އިސްރާއީލުން ގަތުލުއާންމުތައް ހިންގާތީ އިސްރާއީލަށް އަދަބު ދިނުމުގެ ގޮތުން ހޫޘީން ގެންދަނީ ރަތްކަނޑާއި ބާބުލްމަންދަބު ކަނޑުއޮޅި ހުރަސްކޮށް ސްވޭސް ކެނޭލްއާ ދިމާއަށް ދަތުުރުކުރާ އިސްރާއީލުގެ އާގު ބޯޓުތަަކަށް ހަމަލާދިނުމުގެ ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށާފައެވެ.

އިސްރާއީލުގެ އާގު ބޯޓުތަކަށް ހަމަލާދިނުމަށް ޙޫޘީން ބޭނުންކުރާ ރޮކެޓާއި ޑްރޯން އަދި މިސައިލަކީ އީރާނުގެ ހަތިޔާރުކަމަށްވަނީ ބެލެވިފައެވެ. އިސްރާއީލާއި އިސްރާއީލުގެ ޖަރީމާތަކުގެ އިސް ބައިވެރިޔާ ކަމަށްވާ އެމެރިިކާ ވެސް ދެކެނީ މިގޮތަށެވެ. އަދި، ހޫޘީން އަމިއްލައަށް އުފައްދާ ހަތިޔާރުގެ ޓެކްނޮލޮޖީގެ އަސްލަކީ ވެސް އީރާނުގެ ޓެކްނޮލޮޖީކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާނުން އުފައްދާ "ޣަދްރު" މަރުކާގެ ބަލިސްޓިކް މިސައިލަކީ އެއްގަމުން ކަނޑަށް ފޮނުވާ ވަރަށް ސޮފިސްޓިކޭޓެޑް އަދި އަމާޒަށް ވާސިލުވުމުގައި ވަރަށް އެކިއުރޭޓް މިސައިލެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ހޫޘީން މި ހަތިޔާރު ބޭނުންކުރާނަމަ ރަތްކަނޑާއި ބާބުލްމަންދަބު ކަނޑުއޮޅި އަދި މެޑިޓަރޭނިއަން ކަނޑުން ދަތުރުކުރާ އިސްރާއީލުގެ އާގު ބޯޓުތަކަށް ވަރަށް ދުރުން ވެސް ހަަމަލާތައް ދެވިދާނެއެވެ. އަދި، މެޑިޓަރޭނިއަން ކަނޑުން ދަތުރުކުތާ އިސްރާއީލުގެ އާގު ބޯޓުތަކަށް ވެސް މި ބާވަތުގެ މިސައިލުން ހަމަލާ ދެވިދާނެ ކަމަށް އަސްކަރީ ތަޖުރިބާކާރުން ވިދާޅުވެއެވެ.

މިހާރު އިސްރާއީލުގެ އާގު ބޯޓުތަކަށާ އެމެރިކާއާއި އިނގިރޭސިވިލާތުގެ ބޯޓުތަކަށް ހަމަލާދޭން ހޫޘީން ބޭނުންކުރަނީ ރޮކެޓާއި ޑްރޯން އަދި ބަލިސްޓިކް މިސައިލެވެ. އެމެރިކާއާއި އިނގިރޭސިވިލާތުގެ ބޯޓުތަކަށް ހަމަލާދެނީ އެ ދެ ގައުމުން ހޫޘީންނަށް ހަމަލާދޭތީއެވެ. ހޫޘީން އިސްރާއީލުގެ ބޯޓުތަކަށް ދޭ ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން އެމެރިކާއާއި އިނގިރޭސިވިލާތުން ހޫޘީންގެ އަމާޒުތަކަށް ވެސް މެދުކަނޑުމެއްނެތި ހަމަލާތައް ދެމުން ގެންދެއެވެ.

ނަމަވެސް، ހޫޘީން ބަލިކުރުމުގައާއި ހޫޘީންދޭ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް އެމެރިކާއާއި އިނގިރޭސިވިލާތް ވަނީ ނުކުޅެދިފައެވެ. ހޫޘީން ވަރަށް ގިނައިން އެމެރިކާގެ ޒަމާނީ ޑްރޯންތަކަށް ވެސް ހަމަލާދީ އެ ތަކެތި ވައްޓާލައެވެ. ހޫޘީންގެ ހަތިޔާރުގެ މަސްދަރަކީ އީރާންކަމަށް ވިޔަސް އީރާނުން މި ކަމަށް ރަސްމީ ސިފައެއްގައި އިއުތިރާފެއް ނުވެއެވެ. އަދި، ހޫޘީންނަށް ހަތިޔާރު ފޯރުކޮށްދޭކަން ވެސް އަދި ނުދޭ ކަމަށް ވެސް އީރާނުން ހާމައެއް ނުކުރެއެވެ.

"ޣަދްރު" މަރުކާގެ ބަލިސްޓިކް މިސައިލަކީ އަމިއްލައަށް އަމާޒު ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ ސްމާޓް މިސައިލެކެވެ. އެހެންކަމުން މިއީ އެމެރިކާއަށާއި އެމެރިކާގެ ހިމާޔަތާއި އެއްބާރުލުމާ އެކު ޣައްޒާގައި ގަތުލުއާންމުތަކާއި ޓެރަރިސްޓް ހަރަކާތްތައް ހިންގާ އިސްރާއީލަށް ކުރިމަތިވާނެ ބޮޑު ނުރައްކަލެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ހޫޘީންގެ ހަމަލާތަކުގެ ސަބަބަބުން އިސްރާއީލުގެ އާގު ބޯޓުތައް ރަތްކަނޑާއި ބާބުލްމަންދަބު ކަނޑުއޮޅިން ދަތުރު ނުކުރާތާވަނީ ދެތިން މަސްވެފައެވެ. ރަތްކަނޑާއި ބާބުލްމަންދަބު ކަނޑުއޮޅީގެ ބަދަލުގައި އިސްރާއީލުގެ އާގުބޯޓުތައް ބޭނުންކުރަނީ އެފްރިކާގެ ކޭޕް އޮފް ގުޑް ހޯޕްއެވެ. މިއީ ގާތްގަނޑަލަށް 7،000 ކިލޯމީޓަރުގެ ދިގު ރާސްތާއެކެވެ. އެއީ މުޅި އެފްރިކާ ވަށާލައި ކުރަންޖެހޭ ދަތުރަކަށް ވާތީއެވެ.

ހޫޘީން ފާއިތުވި ހަ މަސް ތެރޭގައި އިސްރާއީލުގެ 100 އަށްވުރެ ގިނަ އާގު ބޯޓަށް ހަމަލާ ދީފައިވެއެވެ. މީގެ އިތުރުން، އެމެރިކާއާއި އިނގިރޭސިވިލާތުގެ ބޯޓުތަކަށް ވެސް ހަމަލާތައް ދީފައިވެއެވެ. އަދި، އެމެރިކާގެ ގިނަ އަދަދެއްގެ ޑްރޯންތައް ވެސް ވައްޓާލާފައިވެއެވެ. އެމެރިކާއިން ވެސް ދޭތެރެއަކުން ހޫޘީންގެ އަމާޒުތަކަށް ހަމަލާތައް ދެއެވެ. ބޮންއަޅައިގެންނާއި ރޮކެޓް ބޭނުންކޮށްގެންނެވެ. ނަމަވެސް، ހޫޘީން އިސްރާއީލުގެ އާގު ބޯޓުތަކަށާއި އެމެރިކާގެ ބޯޓުތަކަށް ދޭ ހަމަލާތަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

ހޫޘީންނަށް އެންމެ ރައްދު ހަމަލާއެއް ދިނުމުގައި ވެސް އިސްރާއީލުން ވަނީ ނުކުޅެދިފައެވެ. ހޫޘީން އިސްރާއީލުގެ އާގު ބޯޓުތަކަށް ދޭ ހަމަލާތަކުގެ ސަބަބުން ރަތްކަނޑުގައިވާ އިސްރާއީލުގެ އީލާތު ބަނދަރުގެ މަސައްކަތްތައްވަނީ ވަރަށް ބޮޑަށް ހުއްޓުމަކަށް އައިސްފައެވެ. އަދި، ކަނޑު މަގުން މުދަލާއި ތަކެތި އެތެރެކުރުމަށް ވެސް އިސްރާއީލަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ.

ނަމަވެސް، މި ގެއްލުން ފޫބެއްދުމަށްޓަކައި ގަލްފުގެ އަރަބި ގައުމެއް ކަމަށްވާ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ބަނދަރުތައް މެދުވެރިކޮށް ސައޫދީ އަރަބިއާއާއި އުރުދުންގެ ތެރެއިން ލާފައި އެއްގަމު މަގުން ބޮޑެތި ޓްރެކްތަކުގައި އިސްރާއީލަށް މުދާ އެތެރެކުރާ ކަމަށްވެއެވެ. ޔޫއޭއީއާއި އުރުދުންއަކީ އިސްރާއީލުން ގުޅުންތައް އުފައްދާފައިވާ ދެ ގައުމެވެ. މިއީ ހަގީގަތެއްތޯ ބެލުމަށް އަލްޖަޒީރާއިން ހިންގި އިންވެސްޓިގޭޓިވް ޖާނަލިޒަމްގެ ހަރަކާތްތަކުން މިއީ ވަރަށް ސިއްރިޔާތުގައި ޔޫއޭއީ، ސައޫދީ އަދި އުރުދުންގެ އެއްބާރުލުމާ އެކު ހިނގަމުންދާ ކަމެއްކަން ވަނީ ހާމަވެފައެވެ.

comment ކޮމެންޓް