ޔުއޭފާ ޗެމްޕިއަންސް ލީގުގެ ތަށި 15 ވަނަ ފަހަރަށް ރެއާލް މެޑްރިޑުން އުފުލާލައިފިއެވެ.
ރެއާލުން މި މުބާރާތުގެ ތަށި އުފުލައިލާފައިވަނީ ފައިނަލްގައި ބޮރޫޝިއާ ޑޯޓްމުންޑާ ބައްދަލުކޮށް 2-0އިން ކާމިޔާބުކޮށްގެންނެވެ.
ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ގިނައިރު ރެއާލް އިން ބޯޅަ ގެންގުޅުނު އިރު ހަމަލާ އުފެއްދިފައިވަނީ ދެޓީމަށްވެސް ހަމަހަމަ ކޮށެވެ. ފުރަތަމަ ހާފުގައި ޑޯޓްމުންޑްގެ ފޯވަޑް ލައިނަށް ކުޅެމުންދާ ނިކްލަސް ފުލްކުރޫގްއާއި ކަރީމް އަޑެޔޭމީގެ އިތުރުން މާސެލް ސަބިޓްޒާއަށްވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބިގެން ގޮސްފައެވެ. މި ހާފުގައި ރެއާލްގެ ފަރާތުން މާ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ.
ދެވަނަ ހާފަށް ރެއާލުން ނުކުތްއިރު އެ ޓީމުން ފުރަތަމަ ހާފަށް ވުރެ ކުޅުން ރަނގަޅު ކުރިކަން ފާހަގަވެގެން ދިޔައެވެ. މިގޮތުން އެ ހާފުގައި ރެއާލްގެ ފަރާތުން ފުރަތަމަ ހާފާއި ހިލާފަށް ކުރީގައި ބޯޅަ ހިފަހައްޓާ ޑޯޓްމުންޑްގެ ޑިފެންސަށް ބާރު ބޮޑު ކުރަމުންދިޔަތަން ފެނުނެވެ.
މެޗުގައި ރެއާލުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި ލިބިގެންދިޔަ ކޯނަރަކުން ކާމިޔާބުކޮށް އެ ޓީމަށް ލީޑު ނަގައިދިނީ ތަޖުރިބާކާރު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެއް ކުޅުންތެރިޔާ ކަމުގައިވާ ޑާނީ ކާވަހާލެވެ. މި ލަނޑާ އެކު ރެއާލުން މެޗުގެ ކޮންޓްރޯލް އެތުލިތަން ފެނިގެންދިޔައިރު ޑޯޓްމުންޑްގެ ހިތްވަރު އެލިގެންދިޔަތަން ވެސް ފެނިގެންދިޔައެވެ. އަދި، ދެން ފެނިގެންދިޔައީ ރެއާލްއިން ޑޯޓްމުންޑްގެ ގޯލަށް ބޮޑަށް ނުރައްކާ ކުރަމުންދިޔަ ތަނެވެ.
މެޗުގެ 84 ވަނަ މިނެޓުގައި ޑޯޓްމުންޑްގެ ފަހަރަށް ކުޅޭ އިއާން މާޓްސެންއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ވިނީޝިއަސް ޖޫނިއާ ރެއާލްގެ ލީޑު ފުޅާކޮށްދިނެވެ. މިއާ އެކު މިމެޗު ރެއާލް ކާމިޔާބުކުރާނެކަން ގާތްގަނޑަކަށް ޔަގީންވެގެންދިޔައެވެ. މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ފުލްކުރޫގް ރެއާލްގެ ގޯލަށް ބޯޅަ ވައްދާލި ނަމަވެސް އެ ލަނޑު ވަނީ އޮފް ސައިޑް ކަމަށް ދައްކާފައެވެ. މިއާ އެކު ރެއާލުން ވަނީ 15 ވަނަ ފަހަރަށް މި މުބާރާތް ކާމިޔާބުކޮށް އެ ޓީމުން ގާއިމުކޮށްފައިވާ ރިކޯޑް އަނެއްކާ ވެސް އާކޮށްފައެވެ.
ރެއާލުން މި މުބާރާތް 15 ވަނަ ފަހަރަށް ކާމިޔާބުކުރިއިރު އެ ޓީމުގައި ހިމެނޭ ފާހަގަކޮށްލެވޭ ބައެއް ކުޅުންތެރިންވަނީ މި މުބާރާތް މި ފަހަރުގެ ތައްޓާ އެކު ހަފަރު ކާމިޔާބުކޮށްފައެވެ. މީގެ ތެރޭގައި، މި މެޗާ އެކު ކްލަބް ފުޓްބޯޅައަށް އަލްވަދާއުކިޔާފައިވާ ޓޯނީ ކްރޫޒާއި ލޫކާ މޮޑްރިޗް އަދި ކާވަހާލް ވެސް ހިމެނިގެންދިޔައެވެ.
މީގެ އިތުރުން، ރެއާލްގެ ކޯޗު ކާލޯ އެންޗެލޯޓީވެފައިވަނީ މި މުބާރާތުގެ ތަށި ފަސް ފަހަރަށް އުފުލާލި ފުރަތަމަ ކޯޗަށެެވެ. މެޗުން ޑޯޓްމުންޑް ބަލިވި ނަމަވެސް އެ ޓީމުން ވަނީ މި މެޗުގައި ތައުރީފު ހައްގު މޮޅު ކުޅުމެއް ދައްކާފައެވެ.