ވ. އަތޮޅުން އިތުރު ފަޅެއް ފަތުރުވެރިކަމަށް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލުމުން އެ އަތޮޅު ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިއްޔެ ޓޫރިޒަމް މިނިސްޓްރީން ވަނީ ފަތުރުވެރިކަން ތަރައްގީ ކުރުމަށް ފަސް ފަޅަކާއި 12 ރަށެއް ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައެވެ. އޭގެތެރޭގައި ވ. އަތޮޅުގެ ފަޅެއް ހިއްކަައިގެން ފަތުރުވެެރިކަން ތަރައްގީ ކުރުމަށް ހުޅުވާލަފައިވާތީ އެ އަތޮޅު ކައުންސިލްގެ ރައީސް އަލީ ޝުޖާއު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
އެ ކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި މިއަދު ޝުޖާއު ކުރި ޕޯސްޓެއްގައި ވަނީ ދައުލަތުގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ނަގާއިރު އެ އަތޮޅެއްގެ ކައުންސިލާއި މަޝްވަރާ ކުރުމަށް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ލާޒިމު ކުރާ ކަމަށެވެ.
މިގޮތުން، ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި އެ އަތޮޅުގެ ފަޅު ކުއްޔަށް ދޫކުރުމަށް ހުޅުވާލުމުން އެ ކަން ކުށްވެރިކުރާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
އިތުރު މައުލޫމާތު "ސަން"އާ ހިއްސާ ކުރައްވަމުން ޝުޖާއު ވިދާޅުވީ، މިހާރު ވެސް އެ އަތޮޅުގައި ފަސް ރިސޯޓު ހިންގާ ކަމަށާއި އިތުރު ތިން ރިސޯޓް ތަރައްގީ ކުރަމުން އަންނަ ކަމަށެވެ.
"މީހުން ދިރިއުޅޭ ފަސް ރަށް އޮތް އިރު ރިސޯޓު ގޮތުގައި ފަސް ރަށް އެބަ ހިންގާ. އިތުރު ތިން ރިސޯޓެއް ހަދަން ވެގެން ބިންތައް ދޫކޮށްފަ އިން އެއްވެސް ރަށެއްގެ މަސައްކަތެއް ނުހިނގާ،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރައްޔިތުންނާއި ކައުންސިލްތަކާ މަޝްވަރާ ކުރަން ޖެހޭ ގޮތަށް އޮއްވައި އެ ކަން ކުރުމެއް ނެތި ފަތުރުވެރިކަމަށް ތަރައްގީ ކުރުމަށް ދޫކުރަމަކީ އެންމެ ބޮޑަށް ކަންބޮޑުވާ ކަންތައް ކަމަށް ޝުޖާއު ވަނީ ފާހަގަކުރައްވައިފައެވެ.
މާލޭގެ އިތުރުން ވާވު އަތޮޅަކީ ފަތުރުވެރިކަމަށް މެދުރާއްޖެތެރޭގައި އެންމެ މަޝްހޫރު އެއް ހިސާބުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެ އަތޮޅުގެ ރީތިކަމުގެ ބޭނުން ހިފައި އެ ސަރަހައްދުގައި ޓޫރިޒަމްގެ ހަރަކާތްތައް ކުރިއަށް ގެންދާ ކަމަށެވެ.
އެހެންވެ، އެ އަތޮޅުގެ ރީތިކަން ހަލާކުކޮށް، ފަޅުތައް ހިއްކައިގެން މަޝްރޫތައް ހިންގުމަށް ބޭނުން ނުވާކަމަށް ޝުޖާއު ވިދާޅުވިއެވެ.