އިންޑިއާއިން ރާއްޖެއާއެކު ފްރީ ޓްރޭޑް އެގްރިމެންޓް (އެފްޓީއޭ)އެއް ހަދަން ހުށަހަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވި ވިދާޅުވުން އެ ގައުމުން ދޮގުކޮށްފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު މިނިސްޓަރު ސައީދު ވިދާޅުވީ އިންޑިއާއާއެކު މިފަހުން ބޭއްވި މަޝްވަރާއެއްގައި، ސަފްޓާގެ އިތުރަށް ފްރީ ޓްރޭޑް އެގްރިމެންޓެއް ހަދަން އިންޑިއާއިން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށެވެ.
ނަމަވެސް އިންޑިއާ ސަރުކާރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ރަންދީރް ޖައިސްވަލް ވަނީ އެކަން ދޮގުކޮށްފައެވެ.
އެ ގައުމުގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވާ އޭނާ ވިދާޅުވީ، ރާއްޖެއާއެކު އެ ގައުމުން އެފްޓީއޭއެއް ހަދާ ވާހަކަ ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު ދެއްކެވި ކަމަށާއި އެކަން އެ ގައުމުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް އެފަދަ ހުށަހެޅުމެއް ހުށަހަޅާފައި ނޯންނާނެ ކަމަށާއި އެ ގައުމާއެކު އެފްޓީއޭއެއް ހެދުމަށް ރާއްޖެއިން ބޭނުންވާ ނަމަ އެކަން ކުރުމަށް އެގައުމުން ވިސްނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖެއިން ވަނީ ޗައިނާއާއެކު ފްރީ ޓްރޭޑް އެގްރިމެންޓެއް ހަދައިފައެވެ. ނަމަވެސް ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި އެ އެއްބަސްވުމަށް ފާޑުކިޔައި، އެއްބަސްވުން އޮތް ގޮތުން އަމަލު ނުކުރާނެ ކަމަށް ބުންޏެވެ.
ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެއްބަސްވުމަކީ ދެ ގައުމުގެ ގާތް ގުޅުމުގެ ރަމްޒެއް ކަމަށާއި އެއަށް އަމަލުކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ރައީސް ކުރެއްވި މަސައްކަތުންނާއި މި ސަރުކާރުގެ ނައިބު ވަޒީރުންތަކެއް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސް ކުރި މައްސަލައިގައި ދެ ގައުމުގެ މެދުގައި ނުތަވަސްތަކެއް އުފެދުނެވެ. އަދި މި ސަރުކާރަކީ 'ޕްރޯ ޗައިނާ' ސަރުކާރެއް ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ.