އިންޑިއާއިން ރާއްޖެއާއެކު ފްރީ ޓްރޭޑް އެގްރިމެންޓެއް ހަދަން ހުށަހަޅައިފި

ސައީދު، އިންޑިއާ ހައި ކޮމިޝަނަރު މުނޫ މަހާވަރާ ބައްދަލުކުރައްވަނީ: އިންޑިއާއިން ފްރީ ޓްރޭޑް އެގްރިމެންޓެއް ހަދަން ހުށަހެޅި ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

އިންޑިއާއިން ރާއްޖެއާއެކު ފްރީ ޓްރޭޑް އެގްރިމެންޓެއް ހަދަން ހުށަހަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތައް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ އިންޑިއާއާއެކު މިފަހުން ބޭއްވި މަޝްވަރާއެއްގައި، ސަފްޓާގެ އިތުރަށް ފްރީ ޓްރޭޑް އެގްރިމެންޓެއް ހަދަން އެ ގައުމުން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ފުރުސަތު ހުރިހާ ގައުމަކަށް ވެސް ހުޅުވާލާފައި،" އޭނާ ވިދާޅުވިއެވެ.

އެ ބައްދަލުވުމުގެ އިތުރު ތަފުސީލެއް ސައީދު ނުދެއްވައެވެ. ނަމަވެސް މިމަހުގެ އެކެއްގައި އޭނާ އިންޑިއާގެ ހައި ކޮމިޝަނަރު މުނޫ މަހާވަރާ ބައްދަލުކުރައްވައިފައިވެއެވެ.

އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުން ވިޔަފާރި އާއި އިގުތިސާދީ ދާއިރާގައި ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައި ކަމަށް މީގެ ކުރިން އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.

ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ -- ފޮޓޯ/ ރައީސް އޮފީސް

ސައުތް އޭޝިއަން ފްރީ ޓްރޭޑް އޭރިއާ (ސަފްޓާ)އަކީ ސާކުގެ ހުރިހާ ގައުމެއް ހިމެނޭ، ދެކުނު އޭޝިއާ ސަަރަހައްދުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ މަހުގެ އުފެއްދުންތައް އިންޑިއާއަށް އެކްސްޕޯޓްކުރުމުގައި ނަގަމުން އައި ޑިއުޓީ 2022ގައި ވަނީ ކަނޑާލައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖެއިން ވަނީ ޗައިނާއާއެކު ފްރީ ޓްރޭޑް އެގްރިމެންޓެއް ހަދައިފައެވެ. ނަމަވެސް ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި އެ އެއްބަސްވުމަށް ފާޑުކިޔައި، އެއްބަސްވުން އޮތް ގޮތުން އަމަލު ނުކުރާނެ ކަމަށް ބުންޏެވެ.

ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެއްބަސްވުމަކީ ދެ ގައުމުގެ ގާތް ގުޅުމުގެ ރަމްޒެއް ކަމަށާއި އެއަށް އަމަލުކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ރައީސް ކުރައްވާ މަސައްކަތުންނާއި މި ސަރުކާރުގެ ނައިބު ވަޒީރުންތަކެއް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސް ކުރި މައްސަލައިގައި ދެ ގައުމުގެ މެދުގައި ނުތަވަސްތަކެއް އުފެދުނެވެ. އަދި މި ސަރުކާރަކީ 'ޕްރޯ ޗައިނާ' ސަރުކާރެއް ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ.

comment ކޮމެންޓް