ބުރިޖު ކައިރިން މޫދުގައި މަރުވެފައި އޮތީ 25 އަހަރުގެ ނޭޕާލް އަންހެނެއް: ފުލުހުން

ސިނަމާލެ ބުރިޖު ކައިރީ މޫދުން މިދިޔަ ހޮނިހިރު ދުވަހު މަރުވެފައިވާ އަންހެނެއް ފެނުނު: ފުލުހުން ބުނީ ޝައްކުކުރެވޭ އެއްވެސް ކަމެއް އެ މަރުގައި ނެތް ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިނަމާލެ ބުރިޖާ ދިމާލުން ކަނޑުމަތިން އޮޔާދަނިކޮށް މިދިޔަ ހޮނިހިރު ދުވަހު މަރުވެފައި އޮއްވާ ފެނުނީ ނޭޕާލުގެ 25 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

'ސަން' އިން ސުވާލުކުރުމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވީ، ބުރިޖު ކައިރިން އޮޔާދަނިކޮށް ފެނުނު މީހާގެ މަރާ ގުޅިގެން ޝައްކު ކުރެވޭ އެއްވެސް ކަމެއް މިހާތަނަށް ފުލުހަށް ފާހަގަވެފައި ނުވާ ކަމަށެވެ.

ޝިފާން ވިދާޅުވީ، އަންހެން މީހާގެ އާއިލާއަށް އޭނާގެ މަރުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ހަށިގަނޑު ގެންދިޔުމާ ގުޅޭ ގޮތެއް އާއިލާއިން މިހާތަނަށް ގޮތެއް ނިންމާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/192413

ފުލުހުން މީގެ ކުރިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ބުރިޖާ ދިމާލުން ކަނޑުމަތިން މީހަކު އޮޔާދާ ކަމަށް ހޮނިހިރު ދުވަހު 12:35 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފުލުހުން އެ މިހާ އައިޖީއެމްއެޗަށް ގެންދިޔައެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު އެ ދުވަހު 'ސަން'އަށް ވިދާޅުވީ، އޮޔާދަނިކޮށް އެ ހޮސްޕިޓަލަށް ގެންދިޔަ އަންހެން މީހާ އޮތީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައި ކަމަށެވެ.

މި ދުވަސްވަރު ހުޅަނގު މޫސުމުގެ ވިއްސާރަކުރާއިރު، ވޭތުވެދިޔަ ދެ ހަފުތާގައި ވަނީ މޫދަށް އެރި އުޅުމުގެ ތެރެއިން މީހުން ގެނބިގެން މަރުވެފައެވެ. އަދި، ކަނޑުމަތީގައި ވެސް ހިތާމަވެރި ހާދިސާތައް ހިނގާފައިވެއެވެ.

އޮޔާދަނިކޮށް މަރުވެފައި އޮތް މީހަކު ފެނުނުއިރު، މާލެއިން ވެސް މި ފަހުން މަރުވެފައި އޮތް ދެ ޒުވާނަކު ފެނިފައިއެވެ. ސިފައިންގެ އާއިލާތައް ދިރިއުޅޭ ބަނޑޭރިކޮށީގެ އެޕާޓްމެންޓަކުން އެކަކު ފެނުނުއިރު، އަނެއް ޒުވާނާ ފެނުނީ ގެއްލިގެން ހޯދަން އިއުލާނުކޮށްފައި އޮއްވާ މާލޭގެ ގެއެއް ތެރޭގައި މަރުވެފައި އޮއްވައެވެ.

comment ކޮމެންޓް