ޒުވާނުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހުޅުމާލެއިން ކުއްޔަށް ދަނޑު ބިން ދޫކުރަނީ

ބަރަބޯ ދަނޑެއް: ޒުވާނުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުން ދަނޑުވެރިކަން ކުރަން، ހުޅުމާލެއިން ދަނޑު ހޯދަން ވަނީ ހުޅުވާލާފައި --- ފޮޓޯ: ތޮއްޑޫ ދަނޑުވެރިން/ ޓުވިޓާ

ޒުވާނުންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދަނޑުވެރިކަމަށް ހުޅުމާލެއިން ކުއްޔަށް ބިން ދޫކުރުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމައިފައިއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ، ރަށްވެހި ދަނޑުވެރިކަން ނުވަތަ ކޮމިއުނިޓީ އާބަން ފާމިން މަޝްރޫއުގެ ދަށުން ބިން ނެގުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާއިރު، ފޯމު ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ 23:59 ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި މަޝްރޫއަކީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ދަނޑުވެރިކަން ދިރުވައި އާލާކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބޭނުންކޮށްގެން ރާއްޖޭގައި ކާބޯތަކެތި ލިބޭނެކަން ކަށަވަރުކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް އެޗްޑީސީން ބުނެއެވެ.

މި ފަހަރު ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވަނީ ޒުވާނުންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެކަނި ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެގޮތުން، މަޝްރޫއުގައި ބައިވެރިވުމަށް ފޯމު ހުށަހެޅެނީ ތިން މެންބަރުން އެކުލެވޭ ގްރޫޕެއްގެ މައްޗަށް ކަމަށްވާއިރު، އެ މެންބަރުންގެ ތެރޭގައި ޒުވާނެއް ނުވަތަ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތެއް ގޮތަށް ބެލެވޭ އެއް މެންބަރަކު ހިމެނެން ވާނެއެވެ.

ފޯމު ހުށަހަޅާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި،

  • އުމުރުން 18 އަހަރުވެފައިވާ ފަރާތެއް ކަމަށް ވުން
  • ހުޅުމާލެގައި ދިރިއުޅޭ ފަރާތަކަށް ވުން
  • މީގެކުރިން ރަށްވެހި ދަނޑުވެރިކަން މަޝްރޫއިން ސްލޮޓެއް ލިބިފައިނުވުން

ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ރަށްވެހި ދަނޑުވެރިކަމުގައި ބައިވެރިވުމަށް ހުށަހަޅާ އެޕްލިކޭޝަން ފޯމު
  • ތިން ބައިވެރިންގެ އައިޑީކާޑު ކޮޕީ
  • ތިން ބައިވެރިން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތެއްކަން އަންގައިދޭ ލިޔެކިޔުންތައް
  • ފެލްޓް/ އެޕާޓްމަންޓް/ ގޯތި ވެރިފަރާތްނަމަ އެއްބަސްވުން ނުވަތަ ރަޖިސްޓްރީގެ ކޮޕީ (ތިން ބައިވެރިން)
  • ހުޅުމާލެގައި ކުއްޔަށް އުޅޭ ފަރާތެއްނަމަ، އެކަން ބަޔާންކޮށް އުޅޭ ގޭގެ ވެރިފަރާތުގެ ސިޓީއެއް، ވެރިފަރާތުގެ އައިޑީކާޑު ކޮޕީ، ގޭގެ ރަޖިސްޓްރީ ކޮޕީ އަދި ކުލި އެއްބަސްވުން
  • ރަސްމީ އިދާރާއަކުން ދޫކޮށްފައިވާ ހުޅުމާލެގައި ދިރިއުޅޭ މީހެއްކަން އަންގައިދޭ ލިޔުން

ކަނޑޫދޫ މިރުސް ދަނޑެއް. ޒުވާނުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކުއްޔަށް ދަނޑު ހުޅުމާލެއިން ބިން ދޫކުރުމަށް އެޗްޑީސީން ވަނީ ނިންމާފަ -- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ޙަފީޒް

އެޗްޑީސީން ބުނީ، މި މަޝްރޫއުގައި ބައިވެރިވުމަށް ޝަރުތުހަމަވާ ފަރާތްތަކުން ފޯމު ހުށަހަޅާނީ އެ ކޯޕަރޭޝަންގެ އީމެއިލް މެދުވެރިކޮށް ކަމަށެވެ.

މި ކެޓަގަރީއަށް ހުޅުމާލެއިން ތިން ސްލޮޓް ދޫކުރާއިރު، ސްލޮޓެއްގެ ބޮޑުމިނުގައި ހުންނާނީ 673.28 އަކަފޫޓު ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

އެއާއެކު، ކޮންމެ ސްލޮޓަކުން މަހަކަށް ނެގުމަށް ހަމަޖެހިފައިވަނީ 800 ރުފިޔާއެވެ. އެޗްޑީސީން ބުނި ގޮތުގައި، ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ތިން އަހަރަށް ފަހު ޕްލޮޓްގެ ކުލި 20 އިންސައްތައަށް އިތުރުކުރާނެއެވެ.

comment ކޮމެންޓް