އެއާޕޯޓުގައި މާރާމާރީ ހިންގި މީހާއަށް 10،800 ރުފިޔާގެ ޖޫރިމަނާއެއް

ވީއައިއޭގައި މާރާމާރީ ހިންގި މީހާ: އެ މީހާ ޖޫރިމަނާކުރަން ވަނީ ހުކުމްކޮށްފައި --

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތްކުރި ދެ މުވައްޒަފަކަށް ހަމަލާދީ، މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި އެމެރިކާގެ ރައްޔިތެއް ކަމަށްވާ ހަޑަޑް ވިސާމް 10،800 ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

އެ މީހާ ހައްޔަރުކުރީ އިއްތިހާދު އެއާވޭސްގެ އެއާޕޯޓު މެނޭޖަރަށް ހަމަލާދިނުމުގެ ތުހުމަތުގައި މި މަހު ހަތްވަނަ ދުވަހުއެވެ. އެކަމަކު، ފަހުން ފުރުން މަނާކުރުމަށް ފަހު އޭނާ ވަނީ މިނިވަންކޮށްފައެވެ.

އެ މައްސަލައިގައި ދައުލަތުން ވަނީ ހަޑަޑް ވިސާމްގެ މައްޗަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއާއި ގައިގައި އަތްލުމުގެ ކުށުގެ ދައުވާ އުފުލައިފައެވެ. ދައުލަތާ އެކު ހަދާފައި އޮތް އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން، ދެ ދައުވާއަށް ވެސް އޭނާ ވަނީ އިއުތިރާފުވެފައެވެ.

އެހެންވެ، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާގައި އޭނާ 7،200 ރުފިޔާއިން ޖޫރިމަނާކުރަން ވަނީ ހުކުމްކޮށްފައެވެ. އަދި، ގައިގައި އަތްލުމުގެ ކުށުގެ ދައުވާގައި އޭނާގެ މައްޗަށް އިއްވާފައިވަނީ 3،600 ރުފިޔާގެ ޖޫރިމަނާއެކެވެ. އެއީ، ޖުމުލަ 10،800 ރުފިޔާގެ ޖޫރިމަނާ އަދަބެކެވެ.

https://sun.mv/191682

އެ ފައިސާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދައްކާ ޚަލާސްކުރަން ވަނީ އަންގައިފައެވެ.

އިއުތިރާފުގެ އެއްބަސްވުމެއް ދައުލަތާއި ދައުވާ ރައްދުވާ ފަރާތާ ދެމެދު ހަދާފައިވާނަމަ، އެ އެއްބަސްވުން ބަލައިގަތުމަށް ފަހު އިތުރު އަޑުއެހުން ނުބާއްވާ މައްސަލައިގެ ހުކުމްކުރުމުގެ ފުރުސަތު ޝަރީއަތަށް ލިބިގެންވެއެވެ. އަދި، ޖަލަށްލުމުގެ ބަދަލުގައި ޖޫރިމަނާ އަދަބެއް ދިނުމުގެ ބާރު ވެސް ގާނޫނުލްއުގޫބާތުން ލިބިދެއެވެ.

comment ކޮމެންޓް