މިރްޒާގެ މަރު: ނަޒީފަށް 17 އަހަރުގެ ހުކުމް އިއްވިރިއު ބާކީ އޮތީ 4 އަހަރު

ނަޒީފް: އޭނާއަށް ދަށު ކޯޓުން އިއްޔެ ވަނީ 17 އަހަރުގެ ހުކުމެއް އިއްވާފައި --

އަޙުމަދު މިރްޒާ، ނ. މާޅެންދޫ، ވައިޓްހައުސްގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވި އަބްދުﷲ ނަޒީފް، ޒާވިއާގެ، ޏ. ފުވައްމުލައް، އަށް މާފުދޭން ވާރިސުން ނިންމި ނަމަވެސް ތައުޒީރީ އަދަބެއްގެ ގޮތުގައި އޭނާއަށް 17 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްޔެ އިއްވައިފިއެވެ.

ވިލިމާލޭ ކުޑަކުދިންގެ ޕާކު ކައިރީގައި ހުއްޓައި މިރްޒާއަށް ހަމަލާދީފައިވަނީ ނަޒީފްގެ އިތުރުން ވ. ފަޒީލާމަންޒިލް، މުޙައްމަދު ޝިފާއު އަދި އިތުރު ބައެކެވެ. އެ މާރާމާރީއާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަނިކޮށް މިރްޒާ މަރުވީ އޭޕްރީލް 14، 2011 ގައެވެ.

މިރްޒާގެ މަރުގެ މައްސަލައިގައި ނަޒީފް ކުށްވެރިވެއްޖެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ އޭޕްރީލް 4، 2017 ގައެވެ. އަދި، އޭރު އެއްވެސް ހުރިހާ ވާރިސުން ވެސް މަރުގެ ދިޔަ ބޭނުންވުމާ އެކު ހުކުމްކުރީ މަރަށް މަރު ހިފުމަށެވެ.

އޭގެ ފަހުން އޮގަސްޓް 17، 2017 ގައި ހައިކޯޓުން ވެސް ވަނީ ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފައެވެ.

އެކަމަކު، މަރުގެ މައްސަލައިގައި ސުޕްރީމް ކޯޓު މަރުހަލާގައި މިރްޒާގެ އާއިލާއިން ވަނީ ނަޒީފަށް މާފުދޭން ނިންމައިފައެވެ. އެހެންވެ، އަލުން މި މައްސަލައިގައި އަދަބު ކަނޑައަޅަން އެ ކޯޓުން ވަނީ ދަށު ކޯޓަށް މައްސަލަ ތަހުވީލުކޮށްފައެވެ.

https://sun.mv/178144

ކްރިމިނަލް ކޯޓުން އެ މައްސަލައިގައި އިއްޔެ ވަނީ ނަޒީފްގެ މައްޗަށް 17 އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

އެކަމަކު، މި މައްސަލައިގައި ތުހުމަތުގައި ނަޒީފް ބަންދުކުރި ފަހުން 13 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެ މުއްދަތު ހުކުމުން އުނިކުރުމުން މިހާރު އޭނާ ތަންފީޒުކުރަން ޖެހޭނީ ހަތަރު އަހަރާއި ފަސް މަހާއި 14 ދުވަހުގެ ޖަލު ހުކުމެކެވެ.

މަރުގެ ދިޔައިގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ދަށު ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމުގެ ފުރުސަތު، މިރްޒާގެ ވާރިސުންނަށް އޮތް ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުނެފައިވެއެވެ.

އެ މައްސަލައިގައި ދެން ދައުވާކޮށްފައިވާ ވ. ފަޒީލާމަންޒިލް, މުހައްމަދު ޝިފާއުއަށް ވެސް މިރުޒާގެ އާއިލާއިން ވަނީ މާފުކޮށްފައެވެ. އޭނާއަށް، މިރުޒާގެ ވާރިސުން މާފުކުރީ ހައި ކޯޓު މަރުހަލާގައެވެ. ހައި ކޯޓުން ވަނީ ޝިފާއުގެ އަދަބަކަށް 17 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅައިފައެވެ.

comment ކޮމެންޓް