މިރުޒާގެ ވާރިސުން ދިން މައާފާއެކު މަރުގެ އަދަބުން ނަޒީފް ސަލާމަތްވެއްޖެ

ނަސީފް: އޭނާގެ މައްޗަށް ވަނީ މިރުޒާ މަރާލިކަމުގެ ކުށް ސާބިތުވެފައި --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ނ. މާޅެންދޫ ވައިޓް ހައުސް އަޙްމަދު މިރުޒާ މަރާލި މައްސަލަ ސާބިތުވެ، މަރަން ޙުކުމްކޮށްފައިވާ ޏ. ފުވައްމުލަކު ޒާވިއާ ޢަބްދުﷲ ނަޒީފަށް, ވާރިސުން މަޢާފު ދިނުމުން މަރުގެ އަދަބުން އޭނާ ސަލާމަތްވެއްޖެއެވެ.

ދެހާސް އެގާރަ ވަނަ އަހަރުގެ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ހަވީރު 5:45 އެހާކަންހާއިރު ވިލިމާލޭ ޕާކްތެރޭގައި ލަކުޑިބުރިން ހަމަލާދީ މިރުޒާ މަރާލި މައްސަލާގައި ނަޒީފްގެ އިތުރުން ވ. ފަޒީލާމަންޒިލް، މުޙައްމަދު ޝިފާއުއަށް ވެސް ކުށް ސާބިތުވެ މަރަން ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ. އެ ހުކުމަށް ހައި ކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ.

ކޯޓުގެ ދެ މަރުހަލާގައި ވެސް މިރުޒާގެ ހުރިހާ ވާރިސުން ވަނީ މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފައެވެ.

މިރުޒާގެ ވާރިސުން ގާތިލަށް މައާފްކޮށްފައިވަނީ އޭނާގެ ފަރާތުން އެކަމަށް އެދުމުންނެވެ. އެގޮތުން ނަޒީފްގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތުއުނާފްކޮށް ޙުކުމާ ހަމައަށް ގޮސްފައިވަނިކޮށް މިރުޒާގެ ބައްޕަ ވަނީ ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވާފައެވެ. ކޯޓަށް ހާޒިރު ކުރުމުން މިރުޒާގެ ބައްޕަ ބުނެފައިވަނީ ދަރިފުޅުގެ ގާތިލަށް މަޢާފު ކުރުމަށް ނިންމީ ނަޒީފްގެ ފަރާތުން އޭނާއާ ބައްދަލުކޮށް އެކަމަށް އެދުމުން ކަމަށެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުން އިއްތިފާގްވެފައިވަނީ, ގަސްދުގައި މީހަކު މެރުމުގެ ކުށް ނަޒީފްގެ މައްޗަށް ސާބިތުވުވާ ކަމަށެވެ. ނަމަވެސް މަރުގެ އަދަބު ތަންފީޒު ނުކުރެވޭނެ ކަމަށް ވެސް ބެންޗުން ވަނީ އިއްތިފާގްވެފައެވެ. އެއީ ވާރިސުން އޭނާއަށް މައާފު ކުރުމަށް ނިންމާފައިވާތީއެވެ.

އެހެން ކަމުން މަރުގެ އަދަބުން މިރުޒާ ސަލާމަތްވި ނަމަވެސް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބު އޭނާ ތަންފީޒު ކުރަން ޖެހޭނެއެވެ. އެކަމަށް ގޮތެއް ކަނޑައެޅުމަށް މައްސަލަ ވަނީ ކްރިމިނަލް ކޯޓަށް ފޮނުވާލާފައެވެ.

އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތުން މަރަށް މަރު ހިފޭނީ ހުރިހާ ވާރިސުން އެއްބަސްވާ ނަމައެވެ. އެންމެ ވާރިސެއް އިންކާރު ކުރި ނަމަވެސް މަރަށް މަރެއް ނުހިފޭނެއެވެ. އަދި ރާއްޖޭގައި މަރަން ޙުކުމް ކުރި ނަމަވެސް އެ ޙުކުމް ތަންފީޒެއް ވެސް ނުކުރެއެވެ. އޭގެ ބަދަލުގައި ގާތިލުން ބައިތިއްބަނީ އުމުރަށް ޖަލުގައެވެ.

comment ކޮމެންޓް