ފާޅުގައި ޑުރަގް އެތެރެކުރުން ހުއްޓުވަން ރަށު ބަނދަރުތަކުގައި ފުލުހުން ފާރަޔަށް ތިބުން މުހިންމު: ސީޕީ

36ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު: ސީޕީ ޝުޖާއު ވިދާޅުވީ މަސްތުވާތަކެތި ފާޅުގައި އެތެރެކުރުން ހުއްޓުވަން ބަނދަރުތަކުގައި ފުލުހުން ތިބުން މުހިންމުކަމަށް -- ފޮޓޯ/ ޕޮލިސް

ރަށްރަށަށް މަސްތުވާތަކެތި ފާޅުގައި އެތެރެކުރުން ހުއްޓުވުމުގެ ގޮތުން ބަނދަރުތަކުގައި ޔުނީފޯމު އެޅި ފުލުހުން ތިބުން މުހިންމު ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ އޮތް 36ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ޝުޖާއު ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން މި މުޖުތަމައު ސަލާމަތް ކުރުމަކީ މިއަދު ކޮންމެ ފުލުހަކަށް ވެސް ކުރަން ޖެހިފައިވާ އެންމެ ބޮޑު މަސައްކަތް ކަމަށެވެ.

އެގޮތުން ކޮންމެ ރަށެއްގެ ބަނދަރުގައި ޔުނީފޯމު އެޅި ފުލުސް އޮފިސަރަކު ހުރުމަކީ ރައްޔިތުން ނުހަނު ބޭނުންވާ ކަމެއް ކަމަށް ސީޕީ ވިދާޅުވިއެވެ.

އެއިރުން ފާޅުގައި ރަށްރަށަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓިގެން ދާނެ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

ބަނދަރުތައް ކައިރިއަށް އަންނަ ކޮންމެ ދޯންޏެއް އަދި ކަނޑުގައި ދުއްވާ އުޅަނދަކުން އެ ރަށަކަށް އެތެރެކުރާ މުދަލަކީ ކޮން އެއްޗެއްތޯ ރަނގަޅަށް ބަލައި ފާސްކުރުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށް ސީޕީ ވިދާޅުވިއެވެ.

"ކޮންމެ ފުލުހަކު ވެސް މަސައްކަތްކުރަންޖެހޭ ވަރަށް މަސްތުވާތަކެތީގެ ވަބާ މިވަނީ މި ގައުމުގައި ބޮޑުވެފައި،" ސީޕީ ޝުޖާއު ވިދާޅުވިއެވެ.

36ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު: ބެސްޓް ސްކޮޑް އިން ޕޮލިސް އިނިޝިއަލް ޓްރެއިނިން ކޯސް 36 ގެ ޝަރަފުވެރި ޝީލްޑް ހާސިލްކުރާ ފަރާތަކަށް ބީފާނު ސްކޮޑް -- ފޮޓޯ/ ޕޮލިސް

ސީޕީ ވަނީ، ކޮންމެ ފުލުހަކީ ވެސް ރައްޔިތުންނާ ގާތުން މަސައްކަތްކުރަން ޖެހޭ އޮފިސަރަކަށް ވާންޖެހޭ ކަމަށް ވިދާޅުވެ، މިރޭގެ ދަސްވެނިންނަށް ނަސޭހަތްތެރިވެފައެވެ.

"ރައްޔިތުން ކަންބޮޑުވާ ކޮންމެ ކަމަކީ ފުލުސް އޮފިސަރުން ވެސް ކަންބޮޑުވާ ކަމެއްކަމުގައި ވާންޖެހޭނެ. އަށް ގަޑިއިރުގެ ޑިއުޓީގެ ބޮޑުބައި ރައްޔިތުންނާ އެކު މަސައްކަތް ކުރަންޖެހޭނެ،" ސީޕީ ޝުޖާއު ވިދާޅުވިއެވެ.

"ފުލުހުންނަށް ލިބޭ ބާރުގެ ބޭނުން އެއީ އެންމެ ފަހުން ކުރާ ކަމެއްގެ ގޮތުގައި ހަދަންޖެހޭ،"

https://sun.mv/191864

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް އާންމުވެފައި ވާއިރު، އަހަރުގެ މިހާތަނަށް 104 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް މި މަހުގެ 12 ވަނަ ދުވަހު ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެގޮތުން މިހާތަނަށް އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 19،220 ގްރާމް ހުންނާނެ ކަމަށާއި އަދި އެއީ ގާތްގަނޑަކަށް 19 ކިލޯގެ މަސްތުވާތަކެތި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހަމައެއާއެކު އާ ބާވަތްތަކުގެ ޑުރަގް ރާއްޖެއަށް ވެސް އަންނަނީ އެތެރެކުރަމުންނެވެ.

މި މައްސަލަތައް ހައްލު ކުރުމަށް ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތަކުން އޮޕްރޭޝަންތައް ކުރިއަށް ގެންގޮސް މަސައްކަތް ކުރެއެވެ. އެންމެ އާންމު ކުށްތަކުގެ ތެރޭގައި މަސްތުވާތަކެތީގެ މުއާމަލާތް ހިމެނޭ އެކި ކުށްތައް ހިމެނެއެވެ.

comment ކޮމެންޓް