ލަލީގާގެ އެންމެ މޮޅު ކުޅުންތެރިއަކަށް ބެލިންހަމް

ބެލިންހަމްވަނީ މި ސީޒަންގައި ރެއާލްގައި ވަރަށް މޮޅު ކުޅުމެއް ދައްކާފައި -- ފޮޓޯ/ ޔޫރޯ ސްޕޯޓް

ސްޕެނިޝް ލަލީގާގެ މި ސީޒަންގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ޗެމްޕިއަން ރެއާލް މެޑްރިޑަށް ކުޅޭ ޖޫޑް ބެލިންހަމް ހޮވިއްޖެއެވެ.

މި ސީޒަންގައި ރެއާލާ އަލަށް ގުޅުނު އުމުރުން 20 އަހަރުގެ ބެލިންހަމް ވަނީ ލަލީގާގައި ރެއާލަށް 19 ލަނޑު ޖަހައިދީފައެވެ. އަދި، ސީޒަންގެ ތަށި ރެއާލަށް 10 ޕޮއިންޓްގެ ލީޑަކާ އެކު ކާމިޔާބުކުރުމުގައި ބެލިންހަމްވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

މީގެ އިތުރުން، ބެލިންހަމް ވަނީ ޔުއޭފާ ޗެމްޕިއަންސް ލީގުގައި ރެއާލަށް ހަތަރު ލަނޑު ޖަހައިދީ އެ ޓީމު ފައިނަލަށް ގެންގޮސް ދިނުމުގައި ވެސް އެހީތެރިވެދީފައެވެ. ލަލީގާގެ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމަކީ ސަޕޯޓަރުންނާއި ކްލަބްތަކުގެ ކެޕްޓަނުންނާއި އަދި ފުޓްބޯޅައިގެ ތަޖުރިބާކާރުންގެ ޕެނަލަކުން ނަގާ ވޯޓުން ހޮވާ މަގާމެކެވެ.

މި ފަހަރު ބެލިންހަމްއާ އެންމެ ގާތުން މި މަގާމަށް ވާދަކޮށްފައިވަނީ އޭނާއާ އެކުގައި ރެއާލަށް ކުޅެމުންދާ ވިނީޝިއަސް ޖޫނިއާއާއި އެޓްލެޓިކޯ މެޑްރިޑްގެ އެންޓޮއިން ގްރީޒްމަން، ޖިރޯނާގެ އާޓެމް ޑޮވްބީކް އަދި ބާސެލޯނާގެ ރޮބަޓް ލެވަންޑޯސްކީއެވެ.

ބެލިންހަމް ވަނީ 2022-2023 ވަނަ ސީޒަންގައި ޖަރުމަނު ބުންޑެސްލީގާގެ ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅުނު ފަހު އަހަރު ވެސް އެ ލީގުގެ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލުކޮށްފައެވެ. ބެލިންހަމް ރެއާލާ ގުޅިފައިވަނީ އެ ސީޒަން ނިމުމާ އެކު 103 މިލިއަން ޔޫރޯގެ އަގަކަށެވެ.

ލަލީގާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުމާ ގުޅިގެން ވާހަކަދައްކަމުން ބެލިންހަމް ބުނީ، އޭނާ މި އިނާމު ހަދިޔާ ކުރަނީ އޭނާއާ އެކު ރެއާލަށް ކުޅެމުންދާ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނާއި ވަކިން ޚާއްސަކޮށް ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ކުލަބުގެ ސަޕޯޓަރުންނަށް ކަމަށެވެ.

ރެއާލްގެ އިތުރުން ބެލިންހަމްއަކީ އިންގްލަންޑް ޓީމުގެ ވެސް ވަރަށް މުހިންމު ކުޅުންތެރިއެކެވެ. އޭނާވަނީ އިންގްލަންޑަށް 29 މެޗު ކުޅެދީ ތިން ލަނޑު ޖަހައިދީފައެވެ. އަދި، ކުރިއަށް އޮތް ޔޫރޯ މުބާރާތުގައި ވާދަކުރާ އިންގްލަންޑް ޓީމުގެ މެދުތެރެއިން ބެލިންހަމް މުހިންމު ދައުރެއް އަދާކުރާނެކަމަށް މިހާރު ވެސް ވަނީ ބެލެވިފައެވެ.

comment ކޮމެންޓް