ސައިންޓިސްޓުން އެ މީހެއްގެ ނަމުން މަހަކަށް ނަންދިން ހާފިޒް އަވަހާރަވެއްޖެ

އަޙްމަދު ހާފިޒް ހާފިޒު: އޭނާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނިކޮށް-- ސަން ފޮޓޯ

ސައިންޓިސްޓުން އެ މީހެއްގެ ނަމުން މަހަކަށް ނަންދީފައިވާ އަޙްމަދު ހާފިޒް, 62، މިއަދު އަވަހާރަވެއްޖެއެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ހާފިޒް އަވަހާރަވީ މިއަދު މެންދުރު އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ.

https://sun.mv/90899

މ. ޒިޔާރަތްދޮށުގޭ ހާފިޒު ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމާއި ދިރާގުގެ ބޯޑު މެންބަރުކަމުގެ އިތުރުން ސަރުކާރުގެ އެތައް މަގާމެއް ފުރުއްވައިފައެވެ. އަދި އޭނާއަކީ ކުޅިވަރުގެ ރޮނގުން ވެސް ވަރަށް ބޮޑު ޚިދުމަތްތެރިއެކެވެ. އެގޮތުން ކްލަބް ވެލެންސިއާގެ ގޯލްކީޕަރެއްގެ ގޮތުގައި ކުޅެ، ބާސްކެޓު ބޯޅަ އެސޯސިއޭޝަންގެ ރައީސްކަން ވެސް ކުރެއްވިއެވެ.

އީޕީއެސްގައި ތައުލީމު ހާސިލުކުރެއްވިއިރު ކެޕްޓަންކަން ކުރެއްވި ހާފިޒަށް 1991 ވަނަ އަހަރު ވަނީ މަސްވެރިކަމަށް ޚިދުމަތްކުރުމުގެ ރޮނގުން އާންމު ޚިދުމަތުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި މަސްވެރިކަމުގެ ރޮނގުން ލިޔުންތެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު ވެސް ވަނީ ހާސިލްކުރައްވާފައެވެ.

ހާފިޒަކީ ކުޑައިރުއްސުރެން މަސްމަހާމެއްސާ ވަރަށް ދޯޅު ބޭފުޅެކެވެ. މަހެއްގެ ނަން ބުނެލިޔަސް ނުވަތަ ފޮޓޯއެއް ދައްކާލިޔަސް އެމަހަކާ ބެހޭ ތަފުސީލީ މައުލޫމާތު އޭނާ ކިޔައިދެއްވައެވެ. އެމަސް އުޅޭ ސަރަހައްދާއި އެމަސް ނިސްބަތްވާ އާއިލާއަށް ދާންދެން ކިޔައިދެއްވައެވެ. އެގޮތުން ދިވެހި ކަނޑުގެ ސަރަހައްދާއި، އެ ސަރަހައްދުގައި ދިރިއުޅޭ މަސްމަހާމެއްސަށް އޭނާ ވަރަށް ވެސް ފަރިތައެވެ. އޭނާގެ ނަމުން ސައިންޓިސްޓުން ވަނީ މަހަކަށް ނަން ވެސް ދީފައެވެ.

އެކަން ހިނގީ 1983 ވަނަ އަހަރު ނޯވޭގެ ރިސާޗް ވެސަލް ޑރ. ފްރިޖް އޮފް ނޭންޝަންގައި ރާއްޖޭގެ ކަނޑުތަކުގައި މަހުގެ ދިރުންތައް ހުރިނެތް މިންވަރު ބެލުމަށް ކަނޑުގެ އެކި ސަރަހައްދުތަކުން ދަމާދާ އަޅައިގެން މަސް ހިފުމުގެ ތެރެއިން ހއ. ކެލާ އިރުމަތީ ފަރާތުން ދާޖައިގެން ހިފިމަސްތަކުގެ ތެރޭގައި ވެސް ދިވެހިން އޭރު ނުދެކޭ ޒާތުގެ ތަފާތު މަހެއް ފެނުމާ ގުޅިގެންނެވެ.

ކުރިން ނުދެކޭ ޒާތުގެ މަސްތައް، މެރިން ރިސާޗް ސެންޓަރަށް ގެނެސް ހާފިޒް ރައްކާކުރެއްވިއެވެ. ނަވާރަ ސަތޭކަ ނުވަދިހަ ހަ ވަނަ އަހަރާއި 1997 ވަނަ އަހަރު ޑާވިން އިނީޝިއޭޓިވްގެ އެހީގައި އިނގިރޭސި ވިލާތުގެ ނެޗްރަލް ހިސްޓްރީ މިއުޒިއަމާ ގުޅިގެން ރާއްޖޭގައި އުޅޭމަސްތައް ދެނެގަނެ އޭގެ ތެރެއިން ފާހަގަ ކުރެވޭ މަސްތައް އިނގިރޭސި ވިލާތަށް ގެންދިޔައެވެ. އޭގެ ތެރޭގައި ކުރިން ފާހަގަ ކުރި ގޮތްނޭނގޭ މަސް ހިމެނެއެވެ.

އިނގިރޭސި ސައިންޓިސްޓުންނަށް އެ މަސް ދެނެނުގަނެވުމުގެ ސަބަބުން ދެން އެމަސް ހަވާލުކުރީ އެމެރިކާގެ ސައިންޓިސްޓުންތަކަކާއެވެ. އެފަރާތުން ވަނީ އެމަހާ ބެހޭ އެތައް ދިރާސާއެއްކޮށްފައެވެ. އެންމެ ފަހުން ނިންމީ އެއީ ދުނިޔެއިން އަލަށް ފެނުނު މަހެއް ކަމަށެވެ. އަދި 2003 ވަނަ އަހަރު ސައުތު އެފްރިކަން އިންސްޓިޓިއުޓް ފޯ އެކްއަޓިކް ބަޔޯޑައިވާސިޓީ އިން "ސްމީތިއާނާ"ގެ ދެ ވަނަ އަދަދުގައި ހާފިޒުގެ ނަމުން އެ މަހަށް ނަންދީ ސައިންސިސްޓުން ވަނީ އެ މަހުގެ ނަން ޝާއިއުކޮށްފައެވެ.

ހާފިޒްގެ ނަމުން ނަން ދީފައިވާ މަސް

ސައިންޓިސްޓުން އެމަހަށް ދީފައިވާ ނަމަކީ "ޓެރިއޮޓްރިގްލާ ހާފިޒީ"( Pterygotrigla hafizi) އެވެ. އޭގެ ތެރެއިން ޓެރިއޮޓްރިގްލާ އަކީ މަހުގެ އާއިލާއެވެ. ހާފިޒީ އަކީ އެ މަސް ހޯދި ހާފިޒުގެ ނަމެވެ.

އެ މަހަކީ ކަނޑުގެ ވަރަށް އަޑީގައި އުޅޭ ކުޑަކުޑަ މަހެކެވެ. މަހުގައި ހުންނަނީ ވެސް "ފުސްކުލަ"އެކެވެ. މަހުގެ ބައެއް ހިސާބުތައް ކަޅެވެ. އެއީ ވަރަށް ނުފެންނަ ބާވަތުގެ މަހެކެވެ.

comment ކޮމެންޓް