ސައިންޓިސްޓުން އެމީހެއްގެ ނަމުން މަހަކަށް ނަންދިން ދިވެއްސެއްގެ ވާހަކަ

ހާފިޒް ސައިންޓިސްޓަކާއެކު: އޭނާގެ ނަމުން މަހަކަށް ނަން ދީފައިވޭ: ސަން ފޮޓޯ

މަހެއްގެ ނަން ބުނެލިޔަސް ނުވަތަ ފޮޓޯއެއް ދައްކާލިޔަސް އެމަހަކާ ބެހޭ ތަފްސީލީ މައުލޫމާތު އޭނާ ކިޔައިދެ އެވެ. އެމަސް އުޅޭ ސަރަހައްދާއި އެމަސް ނިސްބަތްވާ އާއިލާއަށް ދާންދެން ކިޔާލަދެ އެވެ. އެގޮތުން ދިވެހި ކަނޑުގެ ސަރަހައްދާއި، އެ ސަރަހައްދުގައި ދިރިއުޅޭ މަސްމަހާމެއްސަށް އޭނާ ވަރަށް ވެސް ފަރިތަ އެވެ. ދައްކަން މިއުޅެނީ ދިވެއްސެއްގެ ނަމުން ސައިޓިސްޓުން މަހަކަށް ނަން ދީފައިވާ ހަމަ އެކަނި މީހާގެ ވާހަކަ އެވެ.

ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި މިއަދު ހުންނެނި އަހުމަދު ހާފިޒަކީ މަސްމަހާމެއްސާ ވަރަށް ދޯޅު ބޭފުޅެކެވެ. އޭރު މާލެއަށް މަޝްހޫރު ކެޔޮޅު އަބްދުއްރަހުމާންގެ ދަރި، މ. ޒިޔާރަތްދޮށުގޭ ހާފިޒުގެ އުމުރުގެ ޅަދުވަހު އޭނާ ދިރިއުޅޭ ގެ ހުންނަނީ މާފަންނުކޮޅު އަތިރިމަތީގަ އެވެ. އޭރު އޭނާގެ ކަމަކީ މަސްހިފުމާއި މަސް ބޭނުމުގައި ވަގުތުތައް ހޭދަ ކުރުމެވެ.

ހާފިޒް ސަންއަށް އިންޓަވިއޫ ދެއްވަނީ-- ސަން ފޮޓޯ: އިހުތިޝާމް މުހައްމަދު

"ގަމީހުގެ ދެކޮޅު ހިފައިގެން އަވައްޓެރި ކުދިންނާ އެކު މަސް ހިފަން އުޅޭނީ، އޭރު މާލެއަކު ނޯންނާނެ ކުރާނެ މާގިނަކަންކަމެއް، އެހެން އުޅެނިކޮށް ގާވިޔަމަހެއް ކަށިޖަހައިގެން ގޭގައި ވެސް އޮނަންންޖެހުނު،" 1970 ގެ އަހަރުތައް ކިޔައިދެއްވަމުން ހާފިޒް ވިދާޅުވި އެވެ.

ހިދުމަތް ފެށުނީ ވެސް މަސްވެރިކަމުން

ހާފިޒް ފުރަތަމަ ވަޒީފާއަކަށް ނުކުތީ ވެސް ފިޝަރީޒް މިނިސްޓްރީއަށެވެ. އެއީ އޭނާގެ އުމުރުން 19 އަހަރުގަ އެވެ. އޭރު އޭނާ ކުރަން ޖެހޭ ކަމަކީ މަސްވެރިކަމުގެ ތަފާސްހިސާބު ބެލެހެއްޓުމެވެ.

ހާފިޒް މަސް ދެނެގަތުމުގެ ދިރާސާއެއްގެ ތެރެއިން: އޭނާގެ ނަމުން މަހަކަށް ނަން ދީފައިވޭ: ސަން ފޮޓޯ

މާކަ ގިނަ ދުވަހެއްނުވެ އެވެ. މެރިން ރިސާޗް ސެކްޝަނެއް އުފައްދައި އެތަނުގައި ދިރާސާ މަސައްކަތްތަކެއް ފެއްޓި އެވެ. އޭނާގެ އިސްނެގުމުގެ މަތިން ރާއްޖޭގައި ދިރިއުޅޭ މަސްމަހާމެހީގެ މައުލޫމާތުތައް އެއްކުރަން ފެށި އެވެ.

އެންމެ ފަހުން ހާފިޒްގެ ނަން މަހަކަށް

އެއީ މީގެ 34 އަހަރު ކުރި އެވެ. ނޯވޭގެ ރިސާޗް ވެސަލް ޑރ. ފްރިޖް އޮފް ނޭންޝަންގައި ރާއްޖޭގެ ކަނޑުތަކުގައި މަހުގެ ދިރުންތައް ހުރިނެތް މިންވަރު ބެލުމަށް ކަނޑުގެ އެކި ސަރަހައްދުތަކުން ދަމާދާ އަޅައިގެން މަސް ހިފި އެވެ. އެހެން އުޅުމުގެ ތެރެއިން ހއ. ކެލާ އިރުމަތީ ފަރާތުން ދާޖައިގެން ހިފިމަސްތަކުގެ ތެރޭގައި ވެސް ދިވެހިން އޭރު ނުދެކޭ ޒާތުގެ ތަފާތު މަސް ހިފި އެވެ.

ހާފިޒް ސަންއާއި މައުލޫމާތު ހިއްސާ ކުރަނީ-- ސަން ފޮޓޯ: އިހުތިޝާމް މުހައްމަދު

"މަސް ތައް ހިފާފައި ޑޭޓާ ނަގާފައި އުކާލަނީ، އެކަމަކު އަޅުގަނޑު ޝައުގުވެރިކަން ހުންނާތީ ނުދަންނަ މަސްތައް އަޅުގަނޑު ޕްރިޒާވްކުރަނީ، އެގޮތުން ނެގުނު މަހެއް އެމަހަކީ ވެސް،" ހާފިޒް ވިދާޅުވި އެވެ.

ކުރިން ނުދެކޭ ޒާތުގެ މަސްތައް މެރިން ރިސާޗް ސެންޓަރަށް ގެނެސް ހާފިޒް ރައްކާކުރި އެވެ. ނަވާރަ ސަތޭކަ ނުވަދިހަ ހަ ވަނަ އަހަރާއި 1997 ވަނަ އަހަރު ޑާވިން އިނީޝިއޭޓިވްގެ އެހީގައި އިނގިރޭސި ވިލާތުގެ ނެޗްރަލް ހިސްޓްރީ މިއުޒިއަމާއި ގުޅިގެން ރާއްޖޭގައި އުޅޭމަސްތައް ދެނެގަނެ އޭގެ ތެރެއިން ފާހަގަ ކުރެވޭ މަސްތައް އިނގިރޭސި ވިލާތައް ގެންދިޔަ އެވެ. އޭގެ ތެރޭގައި ކުރިން ފާހަގަ ކުރި ގޮތްނޭންގޭ މަސް ހިމެނެ އެވެ.

އިނގިރޭސި ސައިންޓިސްޓުންނަށް އެމަސް ދެނެނުގަނެވުމުގެ ސަބަބުން ދެން އެމަސް ހަވާލުކުރީ އެމެރިކާގެ ސައިންޓިސްޓުންތަކަކާ އެވެ. އެފަރާތުން ވަނީ އެމަހާ ބެހޭ އެތައް ދިރާސާއެއްކޮށްފަ އެވެ. އެންމެ ފަހުން ނިންމީ އެއީ ދުނިޔެއިން އަލަށް ފެނުނު މަހެއް ކަމަށެވެ. އަދި 2003 ވަނަ އަހަރު ސައުތު އެފްރިކަން އިންސްޓިޓިއުޓް ފޯ އެކްއަޓިކް ބަޔޯޑައިވާސިޓީ އިން "ސްމީތިއާނާ"ގެ ދެ ވަނަ އަދަދުގައި ހާފިޒުގެ ނަމުން އެމަހަށް ނަންދީ ސައިންސިސްޓުން ވަނީ އެމަހުގެ ނަން ޝާއިއުކޮށްފަ އެވެ.

ހާފިޒް މަސްވެރިންނާ އެކު: އޭނާގެ ނަމުން މަހަކަށް ނަން ދީފައިވޭ: ސަން ފޮޓޯ

ސައިންސިސްޓުން އެމަހަށް ދީފައިވާ ނަމަކީ "ޓެރިއޮޓްރިގްލާ ހާފިޒީ"( Pterygotrigla hafizi) އެވެ. އޭގެ ތެރެއިން ޓެރިއޮޓްރިގްލާ އަކީ މަހުގެ އާއިލާ އެވެ. ހާފިޒީ އަކީ އެ މަސް ހޯދި ހާފިޒުގެ ނަމެވެ.

އެމަހަކީ ކަނޑުގެ ވަރަށް އަޑީގައި އުޅޭ ކުޑަކުޑަ މަހެކެވެ. މަހުގައި ހުންނަނީ ވެސް "ފުސްކުލަ"އެކެވެ. މަހުގެ ބައެއް ހިސާބުތައް ކަޅެވެ. އެއީ ވަރަށް ނުފެންނަ ބާވަތުގެ މަހެކެވެ.

ހާފިޒްގެ ނަމުން ނަންދީފައިވާ މަސް--

އެތައް މަހަކަށް ނަން ދިން

އޭނާ އަކީ އަތޮޅުތެރެއަށް ދަތުރުކޮށް މަސްވެރިންނާ އެކު މަހަށްގޮސް އެކަމުގެ އަމަލީ ތަޖުރިބާ ހޯދާފައިވާ ތަޖުރިބާކާރެކެވެ. އޭގެ ތެރެއިން އޭނާއަށް އެންމެ ބޮޑަށް ފާހަގަވި އެއް ކަމަކަށްވެގެން ދިޔައީ ދިވެހިން މަސްތަކަށް ނަންކިޔާގޮތެވެ. އެކިވައްތަރުގެ ރޮނޑަށް ހަމައެކަނި ރޮނޑު ކިޔާކިޔުމެވެ. އޭގެ ހައްލު ހޯދައިދިނުމަށް އޭނާ ވަނީ އަމިއްލައަށް މަސްމަހަށް ނަންދީ ރަޖިސްޓްރީކޮށްފަ އެވެ.

ހާފިޒް މަސް ވެރިކަމާއި ބެހޭ މައުލޫމާތު ހިއްސާކުރަނީ: އޭނާގެ ނަމުން މަހަކަށް ނަން ދީފައިވޭ: ސަން ފޮޓޯ

"މަހަށް ނަން ދިނުމުގައި ބަލާފައި ހުންނާނީ މަހުގެ އުޅުމަށް، ދެން ކުލައަށް، އަދި ސައިންޓިފިކް ނަމަށް، އެގޮތުން 100 އަށް ވުރެ ގިނަ މަހަށް ނަން ދީފައިވާނެ،" ހާފިޒް ވިދާޅުވި އެވެ.

"ރަސްއައިނު" ނަމުގައި ފިޝަރީޒް މިނިސްޓްރީ އިން ނެރުނު މަޖައްލާ ނެރުމުގައި ހާފިޒު އިސް ދައުރެއް އަދާކުރެއްވި އިރު މަސްވެރިކަމާ ބެހޭ ދިރާސާ ކަރުދާސްތަކާއި ލިޔުންތައް އޭނާ ވަނީ ޝާއިއުކޮށްފަ އެވެ. އަދި ޒުވާނުން މަސްވެރިކަމަށް ނެރުމަށާއި އެފަރާތްތަކަށް މަސްވެރިކަމުގެ މައުލޫމާތު ދިނުމަށް ޒުވާން މަސްވެރިޔާގެ ނަމުގައި ހާއްސަ ފޮތެއް ވަނީ ނެރެފަ އެވެ.

ގައުމީ އިނާމްލިބިފައިވޭ

މަސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ މި ހިދުމަތްތެރިޔާގެ އަގުވަޒަން ކުރުމުގެ ގޮތުން އެދާއިރާ އިން ގައުމީ ހިތްވަރު ދިނުމުގެ އިނާމް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އަދި މަސްވެރިކަމުގެ ރޮނގުން ލިޔުންތެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ވެސް ވަނީ ހާސިލްކުރައްވާފަ އެވެ.

މިއަދުވެސް އޭނާ ހުރީ ހިދުމަތުގަ އެވެ. މެރިން ރިސާޗް ސެންޓަރުގަ އެވެ. ޅައިރު ސަކަ މިޒާޖުގެ ތެރެއިން މޫދަށް ދާންފެށި ހާފިޒް އެވަނީ ތާރީހުން ޖާގަ ހޯދާފަ އެވެ. އޭނާގެ ނަމުން ސައިންސިންޓުން މަހަކަށް ނަން ދީފައިވާ ހަމައެކަނި ދިވެއްސަކީ އޭނާ އެވެ. ހާފިޒާއި މަސްމަހާމެއްސާ ވަރަަށް ވެސް ދޯޅެވެ. މިއަދުވެސް އޭނާ ފޫހިފިލުވުމަށް ކުރައްވާ މަސައްކަތްކީ ވެސް އެއީ އެވެ.

comment ކޮމެންޓް