އެމެރިކާގައި ޓިކްޓޮކް މަނާ ކުރުން ހުއްޓުވުމަށް އެގައުމުގެ އިސްތިއުނާފީ ކޯޓަކަށް ހުށަހެޅި މައްސަލަ ތާވަލުކޮށްފިއެވެ.
މިދިޔަ މާޗު މަހު އެމެރިކާގެ ކޮންގްރެސްއިން ފާސްކޮށް، މިދިޔަ މަހު ރައީސް ޖޯ ބައިޑެން ތަސްދީގު ކުރައްވާފައިވާ "ޕްރޮޓެކްޓިން އެމެރިކަންސް ފްރޮމް ފޮރިން އެޑްވަސަރީ ކޮންޓްރޯލް އެޕްލިކޭޝަންސް އެކްޓް"ގެ ދަށުން، ޓިކްޓޮކްގެ ޗައިނާގެ ބެލެނިވެރި ކުންފުނި ބައިޓްޑާންސްއިން އެ އެޕްލިކޭޝަންގެ އެމެރިކާގެ އޮޕަރޭޝަންތަކުގެ މިލްކުވެރިކަން ހަ މަސް ދުވަސް ތެރޭގައި ވިއްކާލަން މަޖުބޫރުވެއެވެ.
ބައިޓްޑާންސްއިން އެގޮތަށް އަމަލުނުކޮށްފި ނަމަ އެމެރިކާގެ އެޕް ސްޓޯރުތަކާއި ވެބް ހޯސްޓިން ޚިދުމަތްތަކުން ޓިކްޓޮކް މުޅިން މަނާވާނެއެވެ.
އެ ގާނޫނު ތަންފީޒުކުރުން ހުއްޓުވުމަށް ބައިޓްޑާންސްއިން ވަނީ އެމެރިކާގެ ކޯޓް އޮފް އެޕީލްސް ފޯ ދަ ޑިސްޓްރިކްޓް އޮފް ކޮލަމްބިއާއަށް މައްސަލައެއް ހުށަހަޅައިފައެވެ.
އެ މައްސަލަ އަންނަ ސެޕްޓެމްބަރު މަހު ފަށަން ތާވަލުކޮށްފައިވަނީ، އެ މައްސަލަ ބެލުން އަވަސްކުރުމަށް ޖަސްޓިސް ޑިޕާޓްމަންޓާ ގުޅިގެން ޓިކްޓޮކް، ބައިޓްޑާންސް އަދި ޓިކްޓޮކް ކޮންޓެންޓް ކްރިއޭޓަރުންތަކެއް އެދިފައިވަނިކޮށެވެ.
އިސްތިއުނާފް ކޯޓުގެ ޝެޑިއުލްގެ ދަށުން، ޓިކްޓޮކް އާއި ބައިޓްޑާންސްއިން ޖޫން މަހުގެ 20 ވަނަ ދުވަހުގެ ކުރިން އަދި އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން، ޖުލައި 26ގެ ކުރިން ލީގަލް ބްރީފް ހުށަހަޅަން ޖެހޭނެއެވެ.
ޓިކްޓޮކާއި ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ އެ މައްސަލަ ޑިސެމްބަރު ހަޔެއްގެ ކުރިން ނިންމައިދިނުމަށް އެދިފައެވެ. އެއީ އޭގެ ފަހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ޖެހިއްޖެ ނަމަ އެ ކޯޓަށް ވެސް މައްސަލަ ހުށަހެޅުމަށް ޓަކައެވެ.
ބައިޓްޑާންސް އެމެރިކާގައި ހިންގުމުގެ މަސައްކަތް ވިއްކާލަ ފުރުސަތު ދީފައިވަނީ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހާ ހަމައަށެވެ.
ވައިޓް ހައުސްއިން ބުނީ، ޓިކްޓޮކްއަކީ ޗައިނާގެ އެޕަކަށްވުމުން އެ އެޕް މަނާކުރަން ޖެހެނީ ގައުމީ ސަލާމަތަށްޓަކައި ކަމަށެވެ. އެގޮތުން އެޕް މެދުވެރިކޮށް ޗައިނާއިން ޖާސޫސުކޮށް އެމެރިކާގެ މައުލޫމާތު ވަގަށް ނަގާ ކަމަށް ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން ތުހުމަތު ކުރެއެވެ.