ބީއެމްއެލްއިން ހިއްސާއަކަށް 50 ރުފިޔާ، ރެކޯޑް އަދަދެއް

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން: ބީއެމްއެލްއިން ހިއްސާއަކަށް 50 ރުފިޔާ ބަހަން ނިންމި -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހިއްސާއަކަށް 50 ރުފިޔާގެ މަގުން، ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑު އަދަދެއްގެ ފައިސާ ބަހަން ފާސްކޮށްފިއެވެ.

ބީއެމްއެލްއިން މިރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި، ހިއްސާއަކަށް 50 ރުފިޔާ ދޭން ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅިއެވެ. އެ ހުށަހެޅުމަށް ހިއްސާދާރުން ވަނީ ތާއިދުކޮށްފައެވެ.

އެ ބައްދަލުވުމުގައި ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ އެފަދަ ބޮޑު އަދަދަކަށް ހިއްސާ ބަހަން ފާސްވީ، ބޭންކަށް މިހާތަނަށް ލިބުނު އެންމެ ރަނގަޅު ނަތީޖާ މިދިޔަ އަހަރު ހޯދުމުން ކަމަށެވެ. އެކަމަށް އޭނާ ބީއެމްއެލްގެ ކަސްޓަމަރުންނަށް ޝުކުރު އަދާކުރެއްވިއެވެ.

"އަދި ކަސްޓަމަރުން ޚިދުމަތް ހޯދުމުގައި ކުރާ ތަޖުރިބާ ރަނގަޅުކޮށް، ޚިދުމަތްތައް ހޯދުމުގައި ވީހާވެސް ފަސޭހަ ގޮތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނަން،" އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރަކީ ބީއެމްއެލްއިން އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި އަހަރެވެ. މިގޮތުން ޓެކުހަށް ކެނޑުމަށްފަހު ބޭންކަށް ސާފު ފައިދާގެ ގޮތުގައި 269 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އެ ފައިދާއާއެކު، ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރުގެ ޓެކުހުގެ ގޮތުގައި އިތުރު 628 މިލިއަން ރުފިޔާ ލިބޭނެ ކަމަށް މީގެ ކުރިން ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ބީއެމްއެލްއަށް 2022 ވަނަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 40 ރުފިޔާގެ މަގުން، 215 މިލިއަން ރުފިޔާ ބެހިއެވެ.

comment ކޮމެންޓް