ރާއްޖެ ޑިޖިޓަލް އިގުތިސާދަކަށް ބަދަލުކުރުމަށް ބައިނަލްއަގުވާމީ އެއްބާރުލުމަށް ރައީސް އެދިވަޑައިގެންފި

ރައީސް، ސިޑްސްގެ ހަވާސާ ބައްދަލުވުމުގައި: ރާއްޖެ ޑިޖިޓަލް އިގުތިސާދަށް ބަދަލުކުރުމަށް ބައިނަލްއަޤުވާމީ އެއްބާރުލުމަށް ރައީސް އެދިވަޑައިހަތް --ފޮޓޯ: ރައީސް އޮފީސް

ރާއްޖެ ޑިޖިޓަލް އިގުތިސާދަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގައި، ބައިނަލްއަގުވާމީ އެއްބާރުލުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފިއެވެ.

ރައީސް އެފަދައިން އެދިވަޑައިގަތީ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް (ސިޑްސް)ގެ ހަތަރު ވަނަ ކޮންފަރެންސްގައި ބޭއްވި "ސްމާޓް މޯލްޑިވްސް: ޖާނީ ޓުވާޑްސް އަ ޑިޖިޓަލީ އިންކްލޫސިވް ކޮމިއުނިޓީ"ގެ ހަވާސާ ބައްދަލުވުމުގައި ދެއްވި ޚިޠާބުގައެވެ.

ރައީސް ވިދާޅުވީ ރާއްޖެ އޮތީ ޑިޖިޓަލް އިގުތިސާދަކަަށް ބަދަލުވުމުގެ މަރުހަލާގައި ކަމަށާއި، މި ބަދަލަށް އެހީތެރިވުމަށް ބައިނަލްއަގުވާމީ އެއްބާރުލުމާއި، އިންވެސްޓްމަންޓްތަކާއި، ޕާޓްނަޝިޕްތައް ބޭނުންވާ ކަމަށެވެ.

މީގެތުރުން އެމަނިކުފާނު ވަނީ ޑިޖިޓަލް ޒަމާނުގައި ސިޑްސް ކުރިއަރާ މުސްތަގުބަލަކަށް ދަތުރުކުރުމުގައި ބައިނަލްއަގްވާމީ މުޖުތަމައު ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވަނީ އީޖާދީ މަސައްކަތްތަކާއި ޓެކްނޮލޮޖީ ކުރިއެރުވުމަށް އަމާޒުކޮށްގެން ރާއްޖެއިން އިންވެސްޓްމަންޓްތައް ހޯދާކަށް ފާހަގަކުރައްވައިފައެވެ. އަދި އިގުތިސާދު ސިންދަފާތުކޮށް، އާންމު ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް މަސައްކަތްތެރިން ބާރުވެރިކުރަން މަސައްކަތް ކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު، ބައިނަލްއަގުވާމީ ގޮތުން އެންމެ ބޮޑަށް ބަލައިގަންނަ ގޮތްތަކުގެ މަތިން ކޮންސިއުމާ ޕްރޮޓެކްޝަން ގާނޫނުތަކާއި ގަވާއިދުތައް އެކުލަވާލުމަށް ފަންނީ އެހީ ރާއްޖެއަށް ބޭނުންވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޑިޖިޓަލް އިގުތިސާދެއް ބިނާ ކުރުމާ ގުޅޭ ގޮތުން ސަރަހައްދީ ގޮތުންނާއި ބައިނަލްއަގުވާމީ ގޮތުން މިންގަނޑު ކަނޑައެޅުމުގައި ގައުމުތަކުގެ ބައިވެރިވުން އިތުރުކުރުމަކީ ރާއްޖެއިން ތާއިދުކުރާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ފައިދާ ވާނެ ފަދަ ގޮތަކަށް ޑިޖިޓަލް ޚިދުމަތްތައް ހަރުދަނާކޮށް، އާ ޚިދުމަތްތައް ތައާރަފު ކުރުމަށް ސަރުކާރުން އޮތީ ސާބިތުވެ. ކޮންމެ ގައުމަކުން ވެސް ހުރަސްތަކާ ކުރިމަތިލާން ޖެހޭއިރު، އަޅުގަނޑުމެންގެ ގައުމު ފަދަ ގައުމުތަކަށް ބޮޑަށް އަލިއަޅުވާލަން އަޅުގަނޑުމެން ބޭނުންވޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އަބަދުމެ ދިމާވާ ގޮންޖެހުންތަކާއެކު ވެސް، އަޅުގަނޑުމެންގެ ވިލުންތެރިކަމާއި ނުގުޑާ އަޒުމުން އެ ގޮންޖެހުންތަކުން އަރައިގަނެވޭކަމާއި ފަރަގުތައް ކުޑަކުރެވޭކަން ބައިނަލްއަގުވާމީ މުޖުތަމައުއަށް ދައްކަން އަޅުގަނޑުމެން ބޭނުން."

އެ ހަރަކާތަކީ ހައުސިން މިނިސްޓްރީއާއި، ހޯމްލޭންޑް މިނިސްޓްރީއާއި ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

comment ކޮމެންޓް