އެމެރިކާ ސިފައިން ޣައްޒާގެ އައްސޭރިފަށުގައި ބިނާކުރި ފާލަން ވެއްޓި ހަލާކުވެއްޖެ

ޣައްޒާގެ އަތިރިމަތީގައި އެމެރިކާ ބިނާކުރި ވަގުތީ ފާލަން

ޣައްޒާ (28 މޭ 2024): ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ތަކެތި އެތެރެކުރުމުގެ ނަމުގައި ޣައްޒާގެ އައްސޭރިފަށުގައި އެމެރިކާ ސިފައިން ބިނާކުރި ވަގުތީ ފާލަން ހަލާކުވެ, އޭގެ ބައިތައް ޣައްޒާގެ ގޮނޑު ދޮށަށް ލައްގައިފިއެވެ.

އިސްރާއީލުގެ ޓީވީ ނެޓްވާކެއް ކަމަށްވާ ޗެނެލް-12 ބުނިގޮތުގައި ޣައްޒާގެ އަތިރިމަތީގައި އެމެރިކާ ސިފައިން ބިނާކުރި ވަގުތީ ފާލަން ރުޅި, އޭގެ ބޮޑުބައެއް އަޝްދޫދު ސިޓީގެ ގޮނޑު ދޮށަށް މީގެ ދެ ދުވަސްކުރިން ލައްގާފައިވާއިރު ޣައްޒާގެ ގޮނޑު ދޮށަށް ވެސް އޭގެ ބައެއް ލައްގާފައިވާ ކަމުގައެވެ.

ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުގެ ސަރުކާރުން ވެސް ވަނީ އެމެރިކާއިން ބިނާކުރި ފާލަމުގެ ބައެއް ޣައްޒާގެ ގޮނޑު ދޮށަށް ރާޅުތަކާ އެކު ލައްގާފައިވާކަން ކަށަވަރުކޮށްދީފައެވެ.

އެމެރިކާ ސިފައިން މި ވަގުތީ ފާލަން ބިނާކުރީ ގާތްގަނޑަކަށް ތިން މަސް ދުވަހުގެ ތެރޭގައެވެ. މިކަމުގެ ބޭނުމަކީ ޣައްޒާއަށް އިންސާނީ އެހީގެ ތަކެތި ވެއްދުމަށް މަގުފަހިކުރުންކަމަށް އެމެރިކާ ބުނެފައިވެއެވެ. މި ފާލަން ބިނާކުރުމުގައި ހަރަކާތްތެރިވީ އެމެރިކާ ސިފައިންގެ ތެރޭގައި ހިމެނޭ ސިވިލް އިންޖިނޭރުންނާއި އާޓިކެޓުން ގެ އިތުރުން މަސައްކަތު މީހުންގެ ގޮތުގައި އެމެރިކާ ސިފައިން ހިމެނޭ ޓީމަކުންނެވެ.

މިފާލަން ބިނާކުރުމަށް 320 މިލިޔަން ޑޮލަރު ޚަރަދުވިކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ވިދާޅުވެފައިވެއެވެ. މި ފާލަން ނުވަތަ (ޕިއާ) ބިނާކުރުމަށް ފަހު އެ ތަން ހުޅުވައި ބޭނުންކުރަން ފަށާފައިވަނީ މި މޭ މަހުގެ ކުރީކޮޅުގައެވެ. ފާލަން ހުޅުވުމަށް ފަހު އެތަން ބޭނުންކޮށްގެން ބައެއް ސާމާނު ޣައްޒާއަށް އެތެރެކުރިއެވެ. ނަމަވެސް، މޭ މަސް ނުނިމެނީސް ފާލަން މިވަނީ ހަލާކުވެފައެވެ.

އިސްރާއީލުގެ ޗެނެލް-12 ޓީވީ ނެޓްވާކު ބުނާގޮތުން މި ފާލަން ހަލާކުވީ ތޫފާނެއް ނުވަތަ ކޮޅިގަނޑެއްގެ ސަބަބަކުން ނޫނެވެ. އާދައިގެ ރާޅުތަކުގެ ސަބަބުންނެވެ. އެތަން ހަދާފައިވަނީ އާދައިގެ ރާޅުތައް ވެސް ތަހައްމަލު ނުކުރެވޭހާ ދަށްފެންވަރެއްގައިތޯ އަދި މިހާ ދަށްފެންވަރެއްގައި މިކަންކުރީ ކީއްވެގެންތޯ މިވަނީ ސުވާލު އުފެދިފައެވެ. އެމެރިކާ ސިފައިން ކުރިން ބުނެ އަދި ގެރެންޓީ ދީފައިވާގޮތުގައި އަހަރެއްހާ ދުވަހު މިފާލަން ހަލާކުނުވެ، އޮންނާނެއެވެ.

މިފާލަން ވެއްޓި ހަލާކުވުމާ ގުޅިގެން އެމެރިކާ އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، އެމެރިކާ ސިފައިން ބުނާގޮތުން އެ ފާލަން ކައިރިއަށް ކައިރިކުރަން އުޅުނު މުދާއުފުލާ ވައްތަރުގެ އަސްކަރީ ބަނޑަކާއި އަސްކަރީ ކުޑަ ދެ ބޯޓު އިއްޔެ ވަނީ ރާޅުތަކާ އެކު ކަހާލައިގެން ޣައްޒާގެ އައްސޭރި ފަށަށް ލައްގާފައެވެ. މި ހާދިސާގައި އެ ތިން އުޅަނދަށް ގެއްލުންތަކެއް ލިބުމުގެ އިތުރުން އެމެރިކާ ސިފައިންގެ ތިން މީހަކު ޒަޚަމުވިކަމަށް އެމެރިކާގެ އަސްކަރީ ބަޔާނެއް ބުނެއެވެ.

comment ކޮމެންޓް