ސައުދީ އަރަބިއާއިން ގިނަ ފަތުރުވެރިން ރާއްޖެ ގެނައުމަށްޓަކައި ސައުދީގެ ރިޔާދުގައި ބާއްވާ 'ރިޔާދު ޓްރެވެލް ފެއާ' ގައި މިހާރު ރާއްޖެ އިސްތިހާރު ކުރަމުންދާ ކަމަށް އެމްއެމްޕީއާރްސީން ބުނެފިއެވެ.
އެ ކޯޕަރޭޝަނުން ބުނީ މި ފެއާއަކީ އިއްޔެއިން ފެށިގެން ކުރިއަށް ދާ ފެއާއެއް ކަމަށެވެ. އަދި މާދަމާގެ ނިޔަލަށް މި ފެއާ ކުރިއަށް ދާނެ ކަމަށް ވެސް އެމްއެމްޕީއާރްސީން މައުލޫމާތުދެއެވެ.
އެ ކޯޕަރޭޝަނުން ބުނީ މި ފެއާ އަކީ ފަތުރުވެރިކަމަށް ހާއްސަކޮށްގެން ސައުދީއާއި ދުނިޔޭގެ އެކިކަންކޮޅުތަކުގެ ފަތުރުވެރިކަމާ ބެހޭ ބޮޑެތި ކުންފުނިތަކުން ބައިވެރިވާ ފެއާއެއް ކަމަށެވެ.
ފެއާގައި އެ ކޯޕަރޭޝަނުން ބައިވެރިވުމުގެ މައިގަނޑު މަޤުސަދަކީ، ރާއްޖޭގެ ފަތުރުވެރިކަން ސައުދީގެ މާކެޓުގައި ޕްރޮމޯޓުކޮށް ސައުދީއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުން ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.
މި ފެއާގައި ރާއްޖޭގެ ސްޓޭންޑް ތައްޔާރުކުރެވިފައިވަނީ ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ރީތިކަން ދައްކުވައިދޭ ގޮތަށް ކަމަށާއި، ލަގްޒަރީ، ފެމެލީ، އެޑްވެންޗާ އަދި ކަލްޗަރަލް ޓޫރިޒަމް ދައްކުވައިދޭ ފަތުރުވެރިކަމާއި ބެހޭ މައުލޫމާތު ވެސް ރާއްޖޭގެ ސްޓޭންޑުން ފޯރުކޮށްދޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
މީގެ އިތުރަށް އެ ކޯޕަރޭޝަނުން ބުނީ ޒިޔާރަތް ކުރާ މީހުންނަށް ހާއްސަކޮށްގެން ސޯޝަލް މީޑިއާ ކޮންޓެސްޓަކާއި ގިވްއަވޭއެއް ވެސް މި ސްޓޭންޑުގައި ހުންނާނެ ކަމަށެވެ.
އަދި ކެލިގްރެފީ ކޯނާއަކާއި ދިވެހި ސަގާފީ ކެއުންތަކުގެ ރަހަ ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭނެ ކަމަށް އެމްއެމްޕީއާރްސީން މައުލޫމާތުދެއެވެ.
ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ފެއާގައި މި އަހަރު 17 ފަރާތަކުން ނުވަ ކުންފުނި ތަމްސީލު ކުރެއެވެ.
އެމްއެމްޕީއާރްސީން ބުނި ގޮތުގައި މި އިވެންޓު ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ މާކެޓްގައި ޕްރޮމޯޓްކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި، ރިސޯޓް، ހޮޓެލް އަދި ގެސްޓް ހައުސް ވިޔަފާރިން ފަތުރުވެރިންނަށް ލިބޭ ގިނަގުނަ ހިދުމަތްތައް އިޝްތިހާރު ކުރެވޭނެއެވެ.
އަދި މި ފެއާގައި ބައިވެރިވާ އެހެން ގައުމުތަކާއި ގުޅުން ބަދަހިކޮށް މެދުއިރުމަތީގެ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރި ކުރިއެރުވުމަށް އެކި ފުރުސަތުތައް ފަހި ވާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
އަދި، ދުނިޔޭގެ ފެންވަރުގައި ބޭއްވޭ މިކަހަލަ އިވެންޓުތަކުގައި ރާއްޖެ އިޝްތިހާރުކޮށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަކީ އެމްއެމްޕީއާރުސީގެ މާކެޓިން ސްޓްރެޓެޖީގައި ހިމެނޭ ކަމެއް ކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ސައުދީ އަރަބިއާއަކީ މިވަގުތު ރާއްޖޭގެ ފަތުރުވެރިކަމުގެ ރޭންކުގައި 21ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ.