ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އަރަބި ހަތަރު ގައުމެއްގެ އިސްވެރިން މާދަމާ ޗައިނާއަށް ވަޑައިގަންނަވާނެކަން އެ ގައުމުގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާ ބުނާގޮތުން މިސްރުގެ ރައީސް އަބްދުލްފައްތާހުއައްސީސީއާއި ތޫނިސްގެ ރައީސް ގައިސް ސުއައްޔިދުއާއި އަރަބި އިމާރާތުގެ ރައީސް ޝައިޚް މުހައްމަދު ބިން ޒާޔިދު އަދި ބަހްރައިންގެ ރަސްގެފާނު ހަމަދު ބިން އީސާ އާލު ޚަލީފާ، މާދަމާ ޗައިނާގެ ބެއިޖިންއަށް ވަޑައިގަންނާނެއެވެ. އެއީ، މި މަހުގެ 28-30 އަށް ބެއިޖިންގައި ބާއްވާ ޗައިނާ އަރަބި ކޯޕަރޭޝަން ފޯރަމްގެ 10ވަނަ ވަޒީރުންގެ ބައްދަލުވުން އިފުތިތާހުކުރުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން އަރަބި މި ހަތަރު ލީޑަރުންނާ ބައްދަލުކުރައްވާނެ ކަމަށް ޗައިނާގެ ރަސްމީ ނޫސް އެޖެންސީ ޒިންހުވާއިން ބުނެއެވެ. އެ އެޖެންސީ ބުނާގޮތުން އަރަބި މި ހަތަރު ލީޑަރުން އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހާ ހަމައަށް ޗައިނާގައި ތިއްބަވާނެއެވެ. ރައީސް ޝީގެ އިތުރުން ޗައިނާގެ އެހެން އިސް މަސްއޫލުވެރިންނާ ވެސް އެ ބޭފުޅުން ވަކިވަކިން ބައްދަލުކުރެއްވުންތައް ކުރިއަށް ގެންދަވާނެއެވެ.
ދުނިޔޭގެ ޖިއޮޕޮލިޓިކަލް މަސްރަހުގައި ބޮޑު ބާރެއް ނުވަތަ ސުޕަ ޕަވަރެއްގެ ގޮތުން ޗައިނާ މުހިންމު ދައުރެއް އަދާކުރަން ފަށާފައިވާއިރު މިކަން އެންމެ ބޮޑަށް ފެންނަމުންދަނީ މެދުއިރުމައްޗާއި ޗައިނާއާއި ރަޝިއާއާ ދެމެދު ގާއިމުވަމުންދާ ސްޓްރެޓީޖިކް ގުޅުންތަކުންނެވެ. މީގެ އިތުރުން، ޗައިނާ އިސް ދައުރެއް އަދާކުރާ އިގުތިސާދީ ޖަމާއަތް ކަމަށްވާ ބްރިކްސްގެ ހަރަކާތްތަކުން ވެސް ދުނިޔޭގެ ޖިއޮޕޮލިޓިކަލް މަސްރަހަށް އަންނަމުންދާ ބޮޑެތި ބަދަލުތައް ދަނީ ފެންނަމުންނެވެ.
މެދުއިރުމައްޗަށް ބަލާއިރު ޗައިނާއިން ވަނީ ސައޫދީއާއި އީރާން ގާތްކޮށް ސުލްހަކުރުވައި އެ ދެ ގައުމުގެ މެދުގައި ގުޅުންތައް ގާއިމުކުރުމުގައި ކާމިޔާބު ހޯދާފައެވެ. މި ކަމުގައި މެދުވެރިއެއްގެ ދައުރު އަދާކުރީ ޗައިނާއިންނެވެ. އީރާނާއި ސައޫދީގެ ކޯޅުންތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން ގަލްފުގައި ހަމަނުޖެހުން އުފައްދައި ގަލްފަށް ހަތިޔާރު ވިއްކައިގެން އިގުތިސާދީ އަދި ސިޔާސީ މަންފާ ހޯދުމުގެ ފުރުސަތު މިކަމުގެ ސަބަބުން އެމެރިކާއަށް ވަނީ ހަނިވެގެން ގޮސްފައެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ބްރިކްސްއަކީ އެމެރިކާ އިސްކޮށް އޮވެގެން އުފައްދާފައިވާ ޖީ ސެވެން ފަދަ އިގުތިސާދީ ޖަމާއަތެކެވެ. ބްރިކްސްއިން ދާދި ފަހުން ވަނީ އެ ޖަމާއަތުގެ މެންބަރުކަން ސައޫދީ، އީރާން، މިސްރު، އަރަބި އިމާރާތު އަދި އިތިއޮޕިއާއަށް ދީފައެވެ. އަދި، ބްރިކްސްއިން ވަނީ އެ ޖަމާއަތުގެ ގައުމުތަކުގެ މެދުގައި ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި އެމެރިކާ ޑޮލަރު ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް ކުޑަކޮށް އެ މުއާމަލާތްތަކުގައި އެ ޖަމާއަތުގެ ގައުމުތަކުގެ ފައިސާ ބޭނުންކުރުމަށް ނިންމާފައެވެ.
މީގެ އިތުރުން، އެމެރިކާ ޑޮލަރުގެ ބަދަލުގައި ބައިނަލްއަގުވާމީ މާލީ މުއާމަލާތްތަކުގައި ބޭނުންކުރާނެ އެހެން ފައިސާއެއް ތައާރަފުކުރަން މަސައްކަތް ކުރާނެކަން ވެސް ބްރިކްސްއިން ވަނީ ހާމަކޮށްފައެވެ. މިއީ ދުނިޔޭގެ މަސްރަހުގައި އެމެރިކާގެ ބާރާއި ނުފޫޒު ކުޑަކުރުމަށް ބްރިކްސްއިން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި މައްސަލައިގައި އެމެރިކާއިން ވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ.
ޗައިނާއާއި ރަޝިއާއަށް ބަލާއިރު އެ ދެ ގައުމު ގެންދަނީ އެމެރިކާގެ ބާރާއި ނުފޫޒާ ކުރިމަތިލުމަށްޓަކައި ސްޓްރެޓީޖިކް ލެވެލްގައި އިގުތިސާދީ އަދި ވިޔަފާރީގެ ގުޅުންތަކާއި އަސްކަރީ އަދި ޓެކްނޮލޮޖީގެ ގުޅުންތައް ގާއިމުކުރަމުންނެވެ. މި ކަމަށްޓަކައި އެ ދެ ގައުމުގެ ވެރިން ދާދި ފަހުން ވެސް ވަނީ ސައިނޯ – ރަޝިއަން ސަމިޓް ބައްދަލުވުމެއް ބެއިޖިންގައި ބާއްވާފައެވެ.
އެމެރިކާގެ އެކި ފެންވަރުގެ މަސްއޫލުވެރިންވަނީ ޗައިނާއާއި ރަޝިއާއިން އިގުތިސާދީ، އަސްކަރީ އަދި ޓެކްނޮލޮޖީގެ ދާއިރާތަކުން ސްޓްރެޓީޖިކް ފެންވަރުގެ ގުޅުންތައް ބަދަހިކުރަމުން ގެންދާތީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެން އެކި ފަހަރުމަތިން ވާހަކަދައްކަވާފައެވެ. ބައިނަލްއަގުވާމީ މަހްފަލްތަކަށް ބަލާއިރު ވެސް ޗައިނާއާއި ރަޝިއާ ގެންދަނީ އެމެރިކާގެ ނުފޫޒާ ކުރިމަތިލުމަށްޓަކައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ކޯޑިނޭޓްކޮށްގެން ކަންކަން ކުރަމުންނެވެ.
އެމެރިކާއާއި އެމެރިކާގެ މަސްލަހަތާ ގުޅޭކަންކަމާ ދެކޮޅަށް އދ.ގެ ސަލާމަތީ މަޖިލީހުގައި ރަޝިއާއާއި ޗައިނާ ގެންދަނީ ވީޓޯގެ ބޭނުން ވެސް ވަރަށް ގިނައިން ކުރަމުންނެވެ.
އަރަބި ދުނިޔެއަށް ބަލާއިރު ޗައިނާއިން ވަނީ އެމެރިކާއަށް ވުރެ މާ ވަރުގަދަ އިގުތިސާދީ ގުޅުންތަކެއް އަރަބި ގިނަ ގައުމުތަކާ އެކު ގާއިމުކޮށްފައެވެ. އަރަބި ގިނަ ގައުމުތަކުގެ އަދި ޚާއްސަކޮށް މުއްސަނދި ގައުމުތަކުގެ ވިޔަފާރީގެ އެއްވަނަ ބައިވެރިޔާއަކީ މިހާރު އެމެރިކާއެއް ނޫނެވެ. ޗައިނާއެވެ.
ފަލަސްތީނުގެ މައްސަލައިގެ ތެރެއަށް ވެސް ޗައިނާ ދަނީ ވަންނަމުންނެވެ. މިގޮތުން ދާދި ފަހުން ޗައިނާގެ ޚާރިޖީ ވުޒާރާއިން ވަނީ ހަމާސް ޖަމާއަތުގެ މަންދޫބުންނާއި ފަލަސްތީނު ސަރުކާރުގެ މަންދޫބުން ހިމެނޭ ގޮތަށް ފަލަސްތީނުގެ އެތެރޭގެ ބައިބައިވުންތައް ކުޑަކުރުމަށް ޚާއްސަކޮށްގެން ބެއިޖިންގައި ބައްދަލުވުމެއް ބާއްވާފައެވެ.
ފަލަސްތީނުގެ ސަރުކާރާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހުރިހާ ޖަމާއަތްތަކެއް ހިމެނޭގޮތަށް އަންނަ ޖުލައި މަހު ބެއިޖިންގައި ބޮޑު މަހާސިންތާއެއް ބޭއްވުމަށް ވެސް ޗައިނާގެ ޚާރިޖީ ވުޒާރާއިން ގެންދަނީ މަސައްކަތް ކުރަމުންނެވެ. މިއީ ފަލަސްތީނުގެ ޖަމާއަތްތަކާއި ސަރުކާރު ސުލްހަކުރުވައި އެ ފަރާތްތަކުގެ މެދުގައި އޮންނަ ސިޔާސީ ވާދަވެރިކަން ކުޑަކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޗައިނާއިން ގެންދަނީ ފަލަސްތީނުގެ ބިންތައް މިނިވަންކުރުމަށާއި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމުގެ މައްޗަށާއި އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކާ ދެކޮޅަށް ވެސް ބައިނަލްއަގުވާމީ މަހްފަލްތަކުގައި ވަރަށް ބޮޑަށް އަޑުއުފުލަމުންނެވެ. އަދި، ހަމާސް ޖަމާއަތާ މެދު ވެސް ޗައިނާއިން މުއާމަލާތް ކުރަނީ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތެއްގެ ގޮތުގައެވެ. އެމެރިކާއިން ހަމާސްއާ މުއާމަލާތް ކުރަނީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައެވެ.