ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ އިތުރު ކުއްޖަކު ރާއްޖެ ގެނެސްފި

ފަލަސްތީނުން ގެނައި ކުއްޖާ -- ފޮޓޯ/ ޚިދުމަތް ޖަމިއްޔާ

އިސްރާއީލުގެ އަނިޔާވެރިކަމުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ 17 އަހަރުގެ އަންހެން ކުއްޖެއް ދިވެހީންގެ އެހީތެރިކަމާ އެކު ސަލާމަތްކޮށް މިއަދު ރާއްޖެ ގެނެސްފިއެވެ.

"ޚިދުމަތް" ޖަމިއްޔާއިން މިއަދު ފަލަސްތީނުން ރާއްޖެ ގެނައީ ނަދާ ކިޔާ ކުއްޖެކެވެ. އެ ކުއްޖާގެ ދައްތައެއް އުޅެނީ ދިވެއްސަކާ ކައިވެނިކޮށްގެންނެވެ. އެ ކުއްޖާ ރާއްޖޭގައި ހުރުމަށް ހަމަޖެހިފައިވަނީ ޖަމިއްޔަތުލް ފަލާހުގެ ރައީސް، ގާރީ, އަބްދުއްސައްތާރު އަބޫބަކުރުގެ ހަވާލުގައެވެ. އެއީ، އެ ކުއްޖާގެ ދައްތަ ކައިވެނިކޮށްގެން އުޅެނީ އަބްދުއްސައްތާރުގެ ދަރިއަކާ ކަމަށްވާތީއެވެ.

ޚިދުމަތް ޖަމިއްޔާގެ އޮފިޝަލަކު "ސަން"އާ ވާހަކަ ދައްކަމުން ވިދާޅުވީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ނަދާގެ ދައްތަ މި ވަގުތު ދިރިއުޅެނީ މެލޭޝިއާގައި ކަމަށެވެ. އެހެންކަމުން ނަދާ އެ މީހުންގެ ކައިރިއަށް މެލޭޝިއާއަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް ވިދާޅުވިއެވެ.

"މެލޭޝިއާގައި ނަދާ ކިޔެވުމުގެ ޚަރަދުތައް ވެސް ދިވެހީންގެ އެހީގައި ހަމަޖެއްސުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މި އަންނަނީ،" އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ނަދާ ސަލާމަތުން ރާއްޖެ ގެނެވުނުއިރު އޭނާގެ މަންމައާއި ބައްޕަގެ އިތުރުން ކުޑަ ދެ އަންހެން ކޮއްކޮ ތިބީ ޣައްޒާގައި ތާށިވެފައި ކަމަށެވެ. އެ މީހުން ސަލާމަތް ކުރުމަށް ދިވެހީންގެ އެހީތެރިކަން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެ ކުއްޖާގެ ގޭދޮށުގައި ޓޭންކަރުތައް އެބަހުރި ކަމަށް އެބަ ބުނޭ. މަންމައާއި ބައްޕަގެ އިތުރުން ކޮއްކޮމެން ސަލާމަތް ކުރުމަށް އެ ކުއްޖާ ވަރަށް އެބައެދޭ،" އޮފިޝަލް ވިދާޅުވިއެވެ.

ފަލަސްތީނުން މީހަކު މިސްރު ބޯޑަރުން ގެނައުމަށްޓަކައި 5،000 ޑޮލަރު ހޭދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)ގައި ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރާ ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ ޑރ. ހަސަން އަލް ކުރްދީގެ އާއިލާ ވެސް މި ފަހުން ދިވެހީންގެ އެހީގައި ވަނީ ރާއްޖެ ގެނެސްފައެވެ.

ކުރްދީއަކީ އައިޔޫއެމްގައި އަރަބި ބަސް ކިޔަވައިދޭ ޕްރޮފެސަރެކެވެ. ހަނގުރާމަ ފެށި ފަހުން އެ އާއިލާ އެއްކޮށް ތިބީ ހާލުގައި ޖެހިފައެވެ. އެ މީހުން އެންމެ ފަހުން ދިރިއުޅުނީ މިހާރު އިޒްރޭލުން ހަމަލާދޭ ރަފަހް ސަރަހައްދުގައެވެ.

ކުރްދީގެ އަންހެނުންނަކީ ޕްރައިމަރީ ޓީޗަރެކެވެ. ދެ އަންހެން ކުދިންގެ އިތުރުން ދެ ފިރިހެން ކުދިން ވެސް އެ ދެމަފިރިންގެ ހުރެއެވެ. އޭގެ ތެރެއިން ދޮށީ އަންހެން ދަރިފުޅަކީ އެނެސްތީސިއާއާއި އިންޓެންސިވް ކެއާގެ ދާއިރާއިން ކިޔަވަމުން އަންނަ ކުއްޖެކެވެ.

އިޒްރޭލުން އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން މިހާތަނަށް 35،900 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެންނުނެވެ.

comment ކޮމެންޓް